Last Updated: June 5, 06:06
Friday, June 5, 2026
ދުނިޔެ

އެމެރިކާ ސިފައިންތަކެއް އިރާނުން އަތުލައިގެންފި

ހުރުމޫޒު ކަނޑުއޮޅިން އެމެރިކާ ސިފައިންތަކެއް އިރާނުން އަތުލައިގެންފި އެވެ.

އެމެރިކާގެ ސެންޓްރަލް ކޮމާންޑް ޔުނިޓާ ގުޅުން ހުރި އެލީޓް ޔުނިޓްތައް ހިމެނޭ ގޮތަށް، އެމެރިކާގެ 50 އަށް ވުރެ ގިނަ ސިފައިން، ހުރުމޫޒު ކަނޑުއޮޅިން ހައްޔަރުކޮށްފައިވާ ކަމަށް އީރާނުން ކަށަވަރުކޮށް ދީފައިވެ އެވެ.

އެކަމާ ގުޅޭ ގޮތުން އީރާނުން ނެރުނު ބަޔާނެއްގައި ވަރަށް ހަރުކަށި އިންޒާރެއް ވެސް ދީފައިވެ އެވެ.

އެގޮތުން "އީރާނަކީ ވެނެޒުއެލާއެއް ނޫން" ކަމަށާއި، އަދި އެމެރިކާއިން އަޅާ ކޮންމެ ނުބައި ފިޔަވަޅަކާ މެދު ގޮތް ނިންމާނޭ ބާރަކުން ކުރިމަތިލާނެ ކަމަށް ބުނެފައިވެ އެވެ.

ނަމަވެސް، ސިފައިން ހައްޔަރުކުރިކަން އެމެރިކާ އިން ކަށަވަރުކޮށް ދީފައެއް ނުވެ އެއެވެ.

މީގެ ކުރިން ވެސް އީރާނުގެ މިފަދަ ކޮންމެ ދަޢުވާ އަކީ ދޮގު ނުވަތަ އޮޅުވާލުމުގެ ނިޔަތުގައި ކުރާ ކަމެއް ކަމަށް ބުނެ، އެމެރިކާއިން އެކަންކަން ދޮގުކޮށްފައިވެ އެވެ. ނަމަވެސް ފަހުން ރައީސް ޑޮނަލްޑް ޓުރަމްޕުގެ އަނގައިން ބައެއް ކަންކަމަށް އިޢުތިރާފުވެފައި އެބަހުއްޓެވެ. އެގޮތުން މަތިންދާބޯޓް އުފުލާ މަނަވަރު ޔޫއެސްއެސް އާރު ޖެރަލްޑް ފޯޑަށް އީރާނުން ދިން ވަރުގަދަ ޙަމަލާގެ ވާހަކަ، ޓުރަމްޕް ދައްކާފައިވެ އެވެ.

މި ހަނގުރާމައިގެ ނުރައްކާ ކިތަންމެހާ ވެސް ބޮޑެވެ.

ހުރުމޫޒު ކަނޑުއޮޅި އަކީ މިވަގުތު ދުނިޔޭގެ އެންމެ ހޫނު ޗޮކްޕޮއިންޓުގެ ގޮތުގައި ދެމިއޮތްއިރު، ޢަސްކަރީ ހަމަނުޖެހުމާއި، ޑްރޯންގެ ޙަރަކާތްތަކާއި އެކު، ދުނިޔޭގެ ތެލުގެ ސަޕްލައިއަށް ކުރިމަތިވާ ނުރައްކާތައް ދަނީ އެއްދުވަހުން އަނެއް ދުވަހަށް އިތުރުވަމުންނެވެ. އީރާނުން މީގެ ކުރިން ވިޔަފާރި އުޅަނދުތައް އަތުލައިގަތް ކަމުގައިވިޔަސް، އެމެރިކާ ސިފައިން އަތުލައިގަތުމަކީ އީރާނުގެ އަސްކަރީ ޤާބިލުކަން ހާމަކޮށްދޭ ކަމެކެވެ.

އިސްތިރާޖީ ގޮތުން މިފަދަ ދަޢުވާތަކަކީ ޙަޤީޤަތްތަކާއި ދުރު ދަޢުވާތަކަކަށް ވެސް ވެދާނެއެވެ. އެހެނީ ފުޅާ ދާއިރާއެއްގައި މަޢުލޫމާތު ފެތުރުމަކީ ހަނގުރާމައިގެ ބައެކެވެ. ވަރުގަދަ އަންދާޒާތަކާއި، ތަޞައްވުރު ބައްޓަންކޮށް، މީހުން ދެކޭގޮތާއި، ރައްދު ދޭ ގޮތް ތަޙުލީލު ކުރުމަކީ ހަނގުރާމައިގެ އުކުޅެކެވެ.

ދުނިޔޭގެ ބާރުތަކުން ގާތުން ބަލަމުންދާ ހަނގުރާމައެއްގައި، ރިވާޔަތް ކޮންޓްރޯލް ކުރުމަކީ އަސްކަރީ ބާރާއި އެއްވަރަށް މުހިންމު ކަމެކެވެ.

ނޯޓް: މިއީ ހަސަން ލުތުފީގެ ލިޔުއްވުމެކެވެ.