ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމާ މެދު ރައްޔިތުންގެ ހިޔާލު ހުރި ގޮތް ބެލުމަށް ކުރިއަށް ގެންދިއުމަށް ނިންމާފައިވާ އާންމު ފެންނަ ނުފެންނަ ވޯޓު ނެގުން ހުއްޓުވަންޖެހޭ ގާނޫނީ އަސާސެއް ނެތް ކަމަށް ސުޕްރީމް ކޯޓުން މިއަދު ހުކުމްކޮށްފި އެވެ.
ފެންނަ ނުފެންނަ ވޯޓު ނެގުން ހުއްޓުވައިދިނުމަށް ސުޕްރީމް ކޯޓަށް މައްސަލަ ހުށަހެޅުއްވީ ގާނޫނީ ވަކީލް އިބްރާހިމް ޝިޔާމާއި ގާނޫނީ ވަކީލް އައިކް އަހްމަދު އީސަ އެވެ.
މި މައްސަލަ ހުށަހެޅީ މިހާރު ހިނގަމުންދާ ރައްޔިތުންގެ މަޖިލީހުގެ ދައުރު ކުރުކޮށް، ރިޔާސީ އިންތިހާބާއި މަޖިލީހުގެ އިންތިހާބު އެކުގައި ބޭއްވުމާމެދު ނަގާ ރެފެރެންޑަމް ވޯޓު ހުއްޓުވުމަށް އެދި، އެޓާނީ ޖެނެރަލްގެ އޮފީހާއި ރައީސުލްޖުމްހޫރިއްޔާގެ އޮފީހާއި އިލެކްޝަންސް ކޮމިޝަނަށް ރައްދުވާ ގޮތަށެވެ.
ހުކުމް އިއްވަވަމުން ރިޔާސަތުގައި އިންނެވި އުއްތަމަ ފަނޑިޔާރު އަބްދުލްޣަނީ މުހައްމަދު ވިދާޅުވީ ރައްޔިތުންގެ ހިޔާލު ހުރި ގޮތް ބެލުމަށް ނަގާ ވޯޓެއްގައި ރައްޔިތުން ކައިރީ އަހާ ސުވާލު އޮންނަންވީ ގޮތް ގާނޫނުއަސާސީއާއި ގާނޫނުތަކުގައިވެސް ބުނެދީފައި ނެތް ކަމަށެވެ. އެހެންވެ މައްސަލަ ބެއްލެވި ފަނޑިޔާރުންގެ އިއްތިފާގުން ވަނީ ވޯޓު ހުއްޓުވަންޖެހޭ ގާނޫނީ އަސާސެއް ނެތް ކަމަށް ހުކުމްކޮށްފަ އެވެ.
މިމައްސަލަ ބެއްލެވި ފަނޑިޔާރުންގެ ބެންޗުގައި ތިއްބެވީ އުއްތަމަ ފަނޑިޔާރުގެ އިތުރުން ފަނޑިޔާރު ޑރ. މުހައްމަދު އިބްރާހިމާއި، ފަނޑިޔާރު ހުސައިން ޝަހީދާއި، ފަނޑިޔާރު އަލީ ރަޝީދާ އަދި ފަނޑިޔާރު އަބްދުﷲ ހަމީދު އެވެ.