ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބުގައި އެމްޑީޕީގެ ކެންޑިޑޭޓުންނަށް ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ޕީއެންއެފުން ތާއީދުކޮށްދެއްވުމަށް ކުރީގެ ރައީސް މުޙައްމަދު ނަޝީދު މިއަދު އެދިވަޑައިގެންފި އެވެ.
އެމްޑީޕީގެ ކެންޑިޑޭޓުންނަށް ތާއީދު ހޯއްދެވުމަށް ރަށްރަށަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުތަކުގެ ތެރެއިން ގދ. ހޯނޑެއްދޫ އަށް ވަޑައިގެން އެ ރަށުގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ މެންބަރުކަމަށް އަމިއްލަ ގޮތުން ވާދަކުރައްވާ ޝަކީބާ ޢަބްދުﷲ އަށް ތާއީދު ކުރެއްވުމަށް އެދިވަޑައިގެންފަ އެވެ. ޝަކީބާއަކީ އަމިއްލަ ގޮތުން ވާދަކުރެއްވި ނަމަވެސް، ޕީއެންއެފްގެ ފުރިހަމަ ތާއީދާއެކު ނިކުންނަވާ ކެންޑިޑޭޓެކެވެ.
ނަޝީދު ވިދާޅުވީ، ޕީއެންއެފްގެ ކެންޑިޑޭޓުން ނެތް ރަށްރަށުގައި އެ ޕާޓީގެ މެންބަރުން އެމްޑީޕީގެ ކެންޑިޑޭޓުންނަށް، އަދި އެމްޑީޕީގެ ކެންޑިޑޭޓުން ނެތް ރަށްރަށުގައި ޕީއެންއެފްގެ ކެންޑިޑޭޓުންނަށް ވޯޓުދިނުމަކީ އެދިވަޑައިގަންނަވާ ކަމެއް ކަމަށެވެ.
"އަޅުގަނޑަށް ޔަގީން ކަށަވަރު، އެމްޑީޕީ މެންބަރުންވެސް އަދި އެމްޑީޕީއަށް ތާއީދުކުރައްވާ މެންބަރުންވެސް، އެމްޑީޕީގެ ވާދަކުރާ ގޮނޑިއެއް ނެތް ތަންތަނުގައި ޕީއެންއެފްގެ ކެންޑިޑޭޓުންނަށް އިރާދަކުރެއްވިއްޔާ ވޯޓުދޭނެ. މި އިންތިޚާބު އިރާދަކުރެއްވިއްޔާ ކާމިޔާބުކުރާނީ އަޅުގަނޑުމެން އެންމެން ގުޅިގެން އެކުގައި." ނަޝީދު ވިދާޅުވި އެވެ.
ނަޝީދު މިހެން ވިދާޅުވެފައިވާއިރު، ސަރުކާރު ހިންގާ ޕީއެންސީގެ ކެންޑިޑޭޓުންނަށް "ބޮޑުތަނުން ނޫނެކޭ" ބުނުމަށް ޔާމީން ދާދިފަހުން ވަނީ ގޮވާލާފަ އެވެ. އެގޮތުން ޕީއެންސީ ނޫން އެހެން ކެންޑިޑޭޓުންނަށް އެމަނިކުފާނުގެ ތާއީދު އޮންނާނެ ކަމަށް ޔާމީން ވިދާޅުވި އެވެ.