Last Updated: June 6, 19:03
Saturday, June 6, 2026
ޚަބަރު

އިންތިހާބުގެ ސިއްރުކަން ގެއްލުވާލަން އުޅޭ ކަމަށް ތުހުމަތުކޮށްފި

ހުސްނުއްސުއޫދު - ފޮޓޯ: ރައީސް އޮފީސް

ކުރިއަށް އޮތް އިންތިހާބުގެ ސިއްރުކަން ގެއްލޭ ގޮތަށް އަމަލުކުރުމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން މަޝްވަރާ ކުރަމުންދާ ކަމަށް ކުރީގެ ބަންޑާރަ ނައިބު ހުސްނުއްސުއޫދު ތުހުމަތު ކުރައްވައިފި އެވެ.

އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ސުއޫދު ވިދާޅުވީ ވޯޓުލާން އަންނަ މީހާ ކުރެން ވޯޓުލާން ގަސްތުކުރަނީ ކޮން ކަމަކަށްތޯ އަހަން އީސީން ގަސްތުކުރާ ކަމަށެވެ.

"އީސީ އިން ހަމަޖައްސަން ގަސްތުކުރަނީ، ވޯޓުލާން އަންނަމީހާ ކުރެން ވޯޓުލާން ގަސްތުކުރަނީ ކޮން ކަމަކަށްތޯ އަހައި ސާފުކުރުމަށްފަހު 3 އިންތިހާބުގެ 3 ވޯޓު ކަރުދާހުގެ ތެރެއިން އެ މީހަކު ވޯޓުލާން ބޭނުން ކަމަށް އެ މީހުން ގާތުބުނާ ކަރުދާސްކޮޅު ދިނުމަށް،" ސުއޫދު ތުހުމަތު ކުރެއްވި އެވެ.

އެއްފަހަރާ ވޯޓު ނެގޭ ތިން ކަމުގެ ތިން ކަރުދާސްކޮޅު އެ މީހާ އަތަށް ދޭން އީސީ އިން ބޭނުން ނުވާ ކަމަށްވެސް ސުއޫދު ވިދާޅުވި އެވެ.

"ތިން ކަރުދާސްކޮޅު ދިނީމަ އެ މީހާގެ ކަމެއް ނޫންތޯ ލާނެ އެއްޗަކަށް ވޯޓުލުމަކީ،" ސުއޫދު ވިދާޅުވި އެވެ.

މިކަމާ ގުޅޭގޮތުން އިލެކްޝަންސް ކޮމިޝަނުން ވަކި އެއްޗެއް މިހާތަނަށް ނުބުނެ އެވެ.

ލޯކަލް ކައުންސިލްތަކުގެ އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބުގެ އިތުރުން ދެ އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމަށް ނަގާ ފެންނަ ނުފެންނަ ވޯޓު ނަގާނީ އެޕްރީލް 4 ވަނަ ދުވަހު އެވެ.