ލ. އަތޮޅުގެ ރަށްތައް ހައިސްޕީޑް ފެރީގެ ނިޒާމުން ގުޅާލުމަށްޓަކައި، ރާއްޖެ ޓްރާންސްޕޯޓް ލިންކް (އާރްޓީއެލް) ގެ ޚިދުމަތް މިއަދު ފަށައިފި އެވެ.
މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އާ ޙަވާލުކޮށްގެން ކުރިއަށްގެންދާ މި މަޝްރޫޢުގެ ދަށުން، ލ. ފޮނަދޫގައި ބޭއްވި ޚާއްސަ ރަސްމިއްޔާތުގައި ޚިދުމަތް ފައްޓަވައިދެއްވީ، ޓޫރިޒަމް މިނިސްޓަރު ތޯރިގު އިބްރާހިމް އެވެ.
ލ. އަތޮޅުގައި އާރްޓީއެލް ފެރީގެ ހިދުމަތް ފެށުމުގެ ތައްޔާރީތަކުގެ ދަށުން އެމްޓީސީސީން ވަނީ ހޭލުންތެރި ކުރުވުމުގެ ގޮތުން އެ އަތޮޅު ދަނބިދު އާއި މާބައިދޫގައި ޚާއްސަ ސެޝަންތަކެއް ވެސް ބާއްވައިފަ އެވެ.
Expanding High Speed Ferry services to Laamu Atoll today—strengthening daily connectivity between islands and improving access to essential services.
Part of our continued effort to complete ferry services across all atolls, as committed by President @MMuizzu
A steady step… pic.twitter.com/WDJcthu4fk
— Mohamed Ameen (@ameen3d) March 31, 2026
އާންމު އުސޫލުގެ މަތިން، ކޮންމެ އަތޮޅެއްގައިވެސް އާރްޓީއެލްގެ ޚިދުމަތް ފަށާއިރު، ފުރަތަމަ އެއް ހަފުތާގެ މުއްދަތަށް ރައްޔިތުންނަށް ހިލޭ ދަތުރުކުރެވޭނެ އިންތިޒާމު ހަމަޖައްސާނެ އެވެ. މިއީ ރައްޔިތުން މި ނިޒާމަށް އަހުލުވެރިކުރުވުމަށް ދެވޭ ފުރުޞަތެކެވެ. މި މުއްދަތަށްފަހު، ކަނޑައެޅިފައިވާ އުސޫލުން އެކި ރޫޓުތަކަށް ފީއެއް ނަގަން ފަށާނެ އެވެ.
މުޅި ރާއްޖެ ތިން ފިޔަވައްސަކަށް ބަހާލައިގެން ކުރިއަށްގެންދާ މި ބިޔަ މަޝްރޫޢުގެ މައިގަނޑު މަޤްސަދަކީ ރައްޔިތުންނަށް ލުއިފަސޭހަކަމާއެކު، ހެޔޮ އަގެއްގައި ކަނޑުމަގުން ދަތުރުކުރެވޭނެ އިތުބާރު ހުރި ނިޒާމެއް ޤާއިމްކުރުމެވެ. މި މަޝްރޫޢުގެ ދަށުން މިހާތަނަށް 14 އަތޮޅެއްގެ 133 ރަށެއްގައި ވަނީ އާރްޓީއެލް ފެރީގެ ޚިދުމަތް ފަށާފަ އެވެ.