ސަރުކާރުގެ "ބޯހިޔާވަހިކަން އެންމެންނަށް" މި ސިޔާސަތުގެ ދަށުން ހުޅުމާލޭގައި ޢިމާރާތްކުރާ އިތުރު 364 ހައުސިންގ ޔުނިޓުގެ ޢަމަލީ މަސައްކަތް ފަށައިފި އެވެ.
ބޭންކް އޮފް މޯލްޑިވްސްގެ ސަބްސިޑަރީ ކުންފުންޏެއް ކަމަށްވާ "ބީއެމްއެލް އެފޯޑަބަލް ހޯމް ލީސިންގ ޕްރައިވެޓް ލިމިޓެޑް" އިން ހިންގާ މި މަޝްރޫޢަކީ، އަމީން ކޮންސްޓްރަކްޝަންއާ ހަވާލުކޮށްގެން ކުރިއަށްގެންދާ މަޝްރޫޢުކެވެ.
މި މަޝްރޫޢުގެ ޢަމަލީ މަސައްކަތް ފެށުމަށް ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ރައީސް ޑރ. މުޙައްމަދު މުޢިއްޒު އެވެ.
"އެފޯޑަބަލް ހައުސިންގ" މަޝްރޫޢަކީ ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތުގެ ދަށުން، "ބީއެމްއެލް އެފޯޑަބަލް ހޯމް ލީސިންގ" މެދުވެރިކޮށް ހުޅުމާލެ އާއި ވިލިމާލޭގައި ފްލެޓް އެޅުމަށް ހިންގާ މަޝްރޫޢެކެވެ. މިއީ "ލީސް-ޓު-އޯން" މޮޑެލް، ނުވަތަ ކުއްޔަށް ހިފުމަށްފަހު މިލްކުކުރެވޭ ގޮތަށް ފަހިކޮށްދެއްވާފައިވާ ފުރުސަތެކެވެ. މި މަޝްރޫޢުގެ ދަށުން، ހުޅުމާލެ 1، ހުޅުމާލެ 2، އަދި ވިލިމާލޭގައި 3260 ޔުނިޓް ތަރައްޤީކުރާނެއެވެ.
ބޭންކް އޮފް މޯލްޑިވްސް އިން މިރޭ ވަނީ، މި މަޝްރޫޢުގެ ދަށުން އިތުރު 540 ހައުސިންގ ޔުނިޓް އެޅުމަށް ނިންމައި މިކަމަށް ބޭނުންވާ ބިން ހަމަޖެހިފައިވާކަން އިއުލާންކޮށްފަ އެވެ. މިއާއެކު ބީއެމްއެލް އެފޯޑަބަލް ހޯމް ލީސިން އިން ޖުމުލަ 3800 ހައުސިންގ ޔުނިޓް ތަރައްޤީކުރާނެ އެވެ.
މި މަޝްރޫޢުގެ ޢަމަލީ މަސައްކަތް ނިންމުމަށް ހަމަޖެހިފައިވަނީ 2028 ވަނަ އަހަރު ނިމުމުގެ ކުރިންނެވެ.