Last Updated: June 5, 06:06
Friday, June 5, 2026
ރިޕޯޓް

ކިތަންމެ ދުވަހެއް ވިޔަސް ޚިޔާނާތުގެ ބަދަލު ލިބޭނެ!

ޙައްޖުގެ މާތް އަޅުކަން އަދާކުރުމަށްޓަކައި ބަޣުދާދަށް ދަތުރުކުރި މީހެއްގެ އަތުގައި، ގާތްގަނޑަކަށް އެއްހާސް ދީނާރުގެ އަގުބޮޑު މުތީގެ ހާރެއް އޮތެވެ. އެ ހާރު ވިއްކާލަން އޭނާ ކުރި މަސައްކަތް ކާމިޔާބެއް ނުވިއެވެ. އެއީ އޭގެ އަގު ބޮޑުކަމުން ގަންނާނެ މީހަކު ނުވުމުންނެވެ.

ޙައްޖު މޫސުން ކައިރިވަމުން އައުމާއެކު، މަގުފޭރޭ މީހުންގެ ކިބައިން އެ ހާރު ރައްކާތެރިކުރާނެ ގޮތަކާ މެދު އޭނާ ކަންބޮޑުވިއެވެ. އެހެންކަމުން، އަމާނާތްތެރި މީހަކާ އެ ހާރު ހަވާލުކުރުމަށްޓަކައި މީހުންގެ ގާތުން ލަފައަކަށް އެދުމުން، އެންމެންވެސް އިޝާރާތްކުރީ އެ ރަށުގައި ހުރި، ދީންވެރިކަމަށް މަޝްހޫރު އަތަރު ވިއްކާ މީހަކަށެވެ.

އެ މީހާ އަތަރު ވިއްކާ މީހާގެ ގާތަށް ގޮސް ބުންޏެވެ. "އަހަރެން މިއުޅެނީ ޙައްޖަށް ދާށެވެ. މި ހާރު ރައްކާތެރިކަމާއެކު ބަލަހައްޓައިދީފާނަން ހެއްޔެވެ؟ އަހަރެން އެނބުރި އައުމުން ހަވާލުކޮށްދޭށެވެ." އަތަރު ވިއްކާ މީހާ އެ ހާރުގެ ރީތިކަމާއި އަގުބޮޑުކަން ފެނުމުން އެއަށް ދަހިވެތިވިއެވެ. ނަމަވެސް، ބޭރުފުށުން ހިނިތުންވެލާފައި، ވަރަށް އޯގާތެރިކަމާއެކު ބުންޏެވެ: "ކަންބޮޑުނުވެ ދާށެވެ. ތިޔަ އަމާނާތް މާތް ގެ ރަޙުމަތާއެކު އަހަރެންގެ އަތުގައި ރައްކާތެރިކޮށް އޮންނާނެއެވެ."

ޙައްޖުގެ އަޅުކަން ނިންމުމަށް ފަހު، އެ މީހާ އަތަރު ވިއްކާ މީހާއަށް ޝުކުރުވެރިވުމުގެ ގޮތުން މައްކާ އިން ހަދިޔާއެއް ހިފައިގެން އެނބުރި ބަޣުދާދަށް ދިޔަ އެވެ. އޭނާ ގޮސް އަތަރު ވިއްކާ މީހާގެ ދޮރުގައި ޓަކި ޖެހުމުން، އެ މީހާ ކުޑަދޮރުން ބަލައިލިއެވެ. ޙައްޖުވެރިޔާ އުފަލާއެކު ސަލާމް ގޮވައި، ގެނައި ހަދިޔާ ދިއްކޮށްލި އެވެ. ނަމަވެސް އަތަރު ވިއްކާ މީހާ އެއްވެސް ފަރުވާލެއް ނެތި "ތިއީ ކާކު ހެއްޔެވެ؟" އޭ ބުނެ ސުވާލުކުރި އެވެ.

ޙައްޖުވެރިޔާ ހައިރާންވެފައި، އޭނާއަކީ ހާރު ހަވާލުކުރި މީހާކަން ހަނދާންކޮށް ދިނެވެ. ނަމަވެސް އަތަރު ވިއްކާ މީހާ އޭނާގެ ވާހަކަ އަޑުއެހުމުގެ ބަދަލުގައި، ބޭރަށް ނިކުމެ އޭނާގެ ގައިގައި ޖަހައި ބިމަށް ވައްޓާލި އެވެ. އެތަނަށް އެއްވި މީހުންގެ ގާތުގައި ޙައްޖުވެރިޔާ ވީގޮތް ކިޔައިދިނުމުން، އެންމެންވެސް އޭނާއަށް މަލާމާތްކުރިއެވެ. އެއީ އެ އަތަރު ވިއްކާ މީހާއަކީ މުޅި ރަށަށް މަޝްހޫރު އަމާނާތްތެރިއަކަށް ވާތީއެވެ.

މާޔޫސްވެފައި ހުރި އެ މީހާ ބާޒާރު ތެރޭގައި ރޮމުން ދަނިކޮށް، ހެޔޮލަފާ މީހަކު އޭނާއަށް ލަފާ ދިނެވެ. "ތިބާ އަޟުދުއްދައުލާގެ އަރިހަށް ގޮސް އިންސާފަށް އެދޭށެވެ. އޭނާއަކީ ހިކުމަތްތެރި، އިންސާފުވެރި ވެރިއެކެވެ." ޙައްޖުވެރިޔާ ގޮސް ވެރިމީހާއަށް ހުރިހާ ވާހަކައެއް ކިޔައިދިނެވެ. އަޟުދުއްދައުލާއަށް އެ މީހާގެ ތެދުވެރިކަން އިޙްސާސް ކުރެވުމުން، އަތަރު ވިއްކާ މީހާގެ ޚިޔާނާތް ފަޅާއަރުވާލުމަށް ރޭވުމެއް ރޭވިއެވެ.

އަޟުދުއްދައުލާ ބުންޏެވެ. "މާދަމާ ގޮސް އަތަރު ވިއްކާ މީހާގެ ފިހާރަ ކުރިމަތީގައި ތިން ދުވަސް ވަންދެން އިށީނދެގެން އިނދޭށެވެ. އޭނާއާ ވާހަކަ ނުދައްކާށެވެ. ހަތަރުވަނަ ދުވަހު އަހަރެން އަހުގެ ލަޝްކަރާއެކު އެތަނުން ދާނަމެވެ. އަހަރެން ފެނުމުން ކޮޅަށް ނުތެދުވާށެވެ. އަދި އަހަރެން ސުވާލެއް ކޮށްފިނަމަ ކުރުކޮށް ޖަވާބުދޭށެވެ. އަހަރެން ދިއުމުން، އޭނާގެ ގާތުން ހާރު ދިނުމަށް އެދޭށެވެ."

ހަތަރުވަނަ ދުވަހު، އަޟުދުއްދައުލާ އޭނާގެ ފާރަވެރިންނާއެކު ކުލަގަދަ ގޮތަކަށް ބާޒާރު ތެރެއިން ވަޑައިގަތެވެ. އަތަރު ވިއްކާ މީހާގެ ފިހާރަ ކުރިމަތީގައި ޙައްޖުވެރިޔާ އިށީނދެގެން އިންދާ ފެނުމުން، ވެރިމީހާ މަޑުކޮށްލައި، އެންމެންނަށް އިވޭވަރަށް އޭނާއާ ސަލާމްކޮށް، ވަރަށް ގާތްކޮށް ވާހަކަދެއްކިއެވެ. ޙައްޖުވެރިޔާ ރޭވުމާ އެއްގޮތަށް ވަރަށް ފަރުވާކުޑަ ގޮތަކަށް ކުރު ޖަވާބުތަކެއް ދިނެވެ.

މި މަންޒަރު ބަލަން ހުރި އަތަރު ވިއްކާ މީހާ ބިރުންގޮސް ރޫރޫ އަޅަން ފެށިއެވެ. އޭނާގެ ހިތަށް އެރިއެވެ. "މިއީ ވެރިމީހާ މިހާ ބޮޑަށް އިޙްތިރާމްކުރާ މީހެއް ހެއްޔެވެ؟ އަހަރެންނަށް މި ކުރެވުނީ ކޮންފަދަ ނުރައްކާތެރި ކަމެއް ހެއްޔެވެ؟" ވެރިމީހާ ދިއުމުން، ޙައްޖުވެރިޔާ ގޮސް ހާރު ދިނުމަށް އެދުމުން، އަތަރު ވިއްކާ މީހާ އާދޭސްކުރަމުން ބުންޏެވެ. "މަޢާފް ކުރާށެވެ! އަހަރެންގެ ހަނދާން ބަލިކަމުން ނޭނގުނީއެވެ." އޭނާ އަވަސްއަވަހަށް ފިހާރައިގެ ކަނެއްގައި ފޮރުވާފައި އޮތް ހާރު ނަގައި ހަވާލުކުރިއެވެ.

ޙައްޖުވެރިޔާ އެ ހާރު ހިފައިގެން އަޟުދުއްދައުލާގެ އަރިހަށް ދިޔައެވެ. ވެރިމީހާ ވަގުތުން އަމުރުކުރިއެވެ. "މި ޚިޔާނާތްތެރިޔާގެ ކަރުގައި އެ ހާރު އަޅުވައި، އޭނާގެ ފިހާރަ ކުރިމަތީގައި ދަންޖައްސާށެވެ. މިއީ އަމާނާތަށް ޚިޔާނާތްތެރިވާ މީހުންނަށް ދެވޭނެ ހައްގު އަދަބެވެ."

މި ވާހަކައިން ލިބޭ އެންމެ ބޮޑު ޢިބުރަތަކީ، ޚިޔާނާތްތެރިކަމުގެ ހިތި ނަތީޖާއާ ކޮންމެވެސް ދުވަހަކުން ކުރިމަތިލާން ޖެހޭނެ ކަމެވެ. އިންސާނުންގެ ލޯތަކަށް ސިއްރު ކުރެވުނަސް، މާތް ގެ ޢަދުލުވެރި އިންސާފުން އެއްވެސް މީހަކަށް ރެކިނުގަނެވޭނެއެވެ. (قصة من أروع القصص)

ނޯޓް: މިއީ މޫސާ އަންވަރު ހަސަންގެ ލިޔުއްވުމެކެވެ.