Last Updated: June 6, 19:03
Saturday, June 6, 2026
ޚަބަރު

ވޯޓުގެ ސިއްރުކަން އެއްވެސް މިންވަރަކަށް ނުގެއްލޭނެ

އަންނަ ހޮނިހިރު ދުވަހު ބާއްވާ އިންތިހާބުތަކުގެ ސިއްރުކަން އެއްވެސް މިންވަރަކަށް ނުގެއްލޭނެ ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ބުނެފި އެވެ.

އީސީން މިހެން ބުނެފައިމިވަނީ ކުރިއަށް އޮތް އިންތިހާބުގެ ސިއްރުކަން ގެއްލޭ ގޮތަށް އަމަލުކުރުމަށް އެ ކޮމިޝަނުން މަޝްވަރާ ކުރަމުންދާ ކަމަށް ކުރީގެ ބަންޑާރަ ނައިބު ހުސްނުއްސުއޫދު ތުހުމަތު ކުރުމާ ގުޅިގެންނެވެ.

އީސީ އިން ބުނީ އެ ކޮމިޝަންގެ މަސައްކަތާ މެދު އާންމުންގެ މެދުގައި ސުވާލުއުފެދޭ ގޮތަށް، ހަގީގަތާ ޚިލާފު ދޮގު މައުލޫމާތު ފަތުރަމުންދާކަން ހިތާމައާއެކު ފާހަގަކުރާ ކަމަށެވެ.

"ވޯޓުގެ ސިއްރުކަން ގެއްލޭ ގޮތަށް މި ކޮމިޝަނުން މަސައްކަތް ކުރަމުންދާ ކަމަށް ބުނެ ދައްކަމުންދާ ވާހަކަތަކަކީ އެއްވެސް އަސާސެއް ނެތް ހަގީގަތާ ޚިލާފު ވާހަކަތަކެއް ކަމުގައި ދަންނަވަމެވެ،" އީސީން ބުންޏެވެ.

އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ސުއޫދު ވިދާޅުވީ ވޯޓުލާން އަންނަ މީހާ ކުރެން ވޯޓުލާން ގަސްތުކުރަނީ ކޮން ކަމަކަށްތޯ އަހަން އީސީން ގަސްތުކުރާ ކަމަށެވެ.

"އީސީ އިން ހަމަޖައްސަން ގަސްތުކުރަނީ، ވޯޓުލާން އަންނަމީހާ ކުރެން ވޯޓުލާން ގަސްތުކުރަނީ ކޮން ކަމަކަށްތޯ އަހައި ސާފުކުރުމަށްފަހު 3 އިންތިހާބުގެ 3 ވޯޓު ކަރުދާހުގެ ތެރެއިން އެ މީހަކު ވޯޓުލާން ބޭނުން ކަމަށް އެ މީހުން ގާތުބުނާ ކަރުދާސްކޮޅު ދިނުމަށް،" ސުއޫދު ތުހުމަތު ކުރެއްވި އެވެ.

އެއްފަހަރާ ވޯޓު ނެގޭ ތިން ކަމުގެ ތިން ކަރުދާސްކޮޅު އެ މީހާ އަތަށް ދޭން އީސީ އިން ބޭނުން ނުވާ ކަމަށްވެސް ސުއޫދު ވިދާޅުވި އެވެ.

ލޯކަލް ކައުންސިލްތަކުގެ އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބުގެ އިތުރުން ދެ އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމަށް ނަގާ ފެންނަ ނުފެންނަ ވޯޓު ނަގާނީ އެޕްރީލް 4 ވަނަ ދުވަހު އެވެ.