އަޑުއަހާށެވެ! މިއީ ހަމައެކަނި ޚަބަރެއް ނޫނެވެ. މިއީ ދުނިޔޭގެ ނިޒާމު ގުޑައިގެން ދިއުމުގެ އަޑެވެ. އިއްޔެއާ ހަމައަށް އެމެރިކާ އާއި، އިޒުރޭލުން ދުނިޔެއަށް ނަގައިދެމުން ދިޔަ ފިލާވަޅަކީ، ސަރުކާރު ބަދަލުކުރާނެ ގޮތުގެ ފިލާވަޅެވެ.
އެމީހުން ހީކުރީ ޢިރާޤާއި، ލީބިޔާއާއި، ސީރިއާއި، އަފްޣާނިސްތާނާއި އަދި ވެނެޒުއޭލާގައި، ސަރުކާރު ބަދަލުކުރި ގޮތަށް، އީރާނުގެ ސަރުކާރުވެސް ބަދަލު ކުރެވިދާނެ ކަމަށެވެ. އެކަމަކު، އީރާނަކީ އެހާ ފަސޭހައިން ވެރިކަން ބަދަލުކުރެވޭނެ ޤައުމެއް ނޫނެވެ. މިއަދު، އީރާނުން އެމެރިކާއާއި، އިޒުރޭލަށް އެދަ ނީ ސާބިތުކަމާއެކު ޖަވާބު ދެމުންނެވެ.
މިއަދު އެމީހުންނަށް، އެމީހުންގެ ޤައުމުގައި އެމީހުންގެ ވެރިކަމާއި ދެކޮޅަށް ރައްޔިތުން ނުކުމެ އިޙުތިޖާޖުކުރާ އަޑު އެދަނީ އިވެމުންނެވެ. ދުނިޔޭގެ 3،100 އަށް ވުރެ ގިނަ ސަހަރުގައި ލައްކައަކުން ނޫނެވެ. މިލިއަނުން މިލިއަނުން ރައްޔިތުން ވަނީ މަގުމައްޗަށް ނުކުމެފަ އެވެ. މިއީ އާދައިގެ ކުޑަކުޑަ އިޙުތިޖާޖެއް ނޫނެވެ. މިއީ ދުނިޔޭގެ ތާރީޚުގައި މިހާތަނަށް ބޭއްވޭ އެންމެ ބޮޑު އެއް މުޤާވިމާއަށް ނުވަތަ ރެސިސްޓެންސަށް ވަނީ ބަދަލުވެފަ އެވެ. ރައްޔިތުން ނުކުމެ ހަޅޭއްލަވަނީ އެވެ. "ރަސްކަލުންނަށް ނޫނެކޭ،" "ކޮންޓްރޯލަށް ނޫނެކޭ،" އަދި "ހަނގުރާމައަށް ނޫނެކޭ" ބުނެ އިޙުތިޖާޖު ކުރަނީ އެވެ.
މި މުޒާހިރާތައް މި ކުރަނީ ކީއްވެގެން ހެއްޔެވެ؟ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި މުޒާހިރާ ކުރަނީ، އީރާނާ ދެކޮޅަށް ކުރާ ހަނގުރާމަ އާއި، އިޤުތިޞާދީ ދަތިކުރުމާއި، ނިޒާމު ކޮންޓްރޯލް ކުރުމުގެ ބިރާއި، އަދި އިސްތިބުދާދީ ވެރިކަމުގެ ނިޒާމާ ދެކޮޅަށެވެ. މުޅި އެމެރިކާގައި އެކަނި، 3،300 އަށް ވުރެ ގިނަ ރެލީ، އެމެރިކާގެ އެކި ސަހަރުތަކުގައި ކުރިއަށް ގެންގޮސްފައިވެ އެވެ.
ގާތްގަނޑަކަށް 9 މިލިއަން މީހުން، އެމެރިކާގެ މަގުތަކަށް ނުކުމެ، އެ ރެލީތަކުގައި ބައިވެރިވެފައި ވެއެވެ. ލޮސްއެންޖަލިސް، ޓެކްސަސް، ނިއުޔޯރކް، ވޮޝިންޓަން، ޝިކާގޯ، އެޓްލާންޓާ، ސެންފްރަންސިސްކޯ، ޑަލަސް، ބޮސްޓަން، ފިލަޑެލްފިއާ، ކެލިފޯނިއާ، މިނެސޮޓާ، އަދި ފީނިކްސް ފަދަ ބޮޑެތި ސަހަރުތަކާއި، ކުދިކުދި ރަށްތަކުގައިވެސް ރެލީތައް ކުރިއަށް ގެންގޮސްފައިވެއެވެ. މި ހުރިހާ ތަނެއްގައިވެސް އޮތީ އާންމު ރައްޔިތުން ފުލުހުންނާއި ކުރިމަތިލުމާއި، ކަރުނަގޭހާއި، އަދި ހަމަނުޖެހުމެވެ.

އެކަމަކު، އެހިސާބަކުން އަދި މިވާހަކައަކަށް ނިމުމެއް ނާދެއެވެ. އިޒުރޭލުގެ ރައްޔިތުންވެސް ދަނީ، އެމީހުންގެ ސަރުކާރާއި ދެކޮޅަށް، އީރާނު ހަނގުރާމައާ ދެކޮޅަށް މަގުތަކަށް ނުކުމެ ސީދާ ފުލުހުންނާ ކުރިމަތިލަމުންނެވެ. ވިސްނާށެވެ. އިއްޔެއާ ހަމައަށް ޕްލޭންކޮށްފައި އޮތީ އިރާނުގެ ވެރިކަން ބަދަލުކުރުމަށެވެ. އެކަމަކު، މިއަދު އެމެރިކާއާއި، އިޒުރޭލުގެ ރައްޔިތުން މަގުތަކަށް ނުކުމެ، އެމީހުންގެ ސަރުކާރުތަކާއި ސުވާލު ކުރަނީއެވެ. މިއީ ހަމައެކަނި އިޙުތިޖާޖެއް ނޫނެވެ. މިއީ ޢާލަމީ ބޮޑު ހޭލުންތެރިކަމެއްގެ ޢަލާމާތެކެވެ.
މި އިޙުތިޖާޖުތަކުގައި ރައްޔިތުން ގޮވަނީ، ތިމަންމެންނަކީ ނިޒާމުގެ އަޅުންނެއް ނޫނެވެ. އަދި އަސްލު ސުވާލަކީ މިއީ ހަމައެކަނި ފެށުން ހެއްޔެވެ؟ ނުވަތަ ދުނިޔެ މިއޮތީ ނިޒާމާއި، ރައްޔިތުންނާ ދެމެދު ކުރެވޭ އެންމެ ފަހުގެ ހަނގުރާމައިގެ ހަތަރުއަނގޮޅި ކަންމަތީގައި ހެއްޔެވެ؟ ހަނދާންކުރާށެވެ. އާންމު ރައްޔިތުން ތެދުވެއްޖެ ނަމަ، ކިތަންމެ ވަރުގަދަ ނިޒާމެއް ވެސް، ވެއްޓި، ފުނޑުފުނޑުވެގެން ހިނގައި ދާނެ އެވެ.
ނޯޓް: މިއީ ހަސަން ލުތުފީގެ ލިޔުއްވުމެކެވެ.