އައްޑޫ ސިޓީގެ ތަރައްގީގެ ދުވެލި ހަލުވިކުރަން ޕީއެންސީ ކެންޑިޑޭޓުންނަށް ވޯޓުދިނުމަށް ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމް ގޮވާލައިފި އެވެ.
ސޯޝަލް މީޑިއާގައި ކުރި ޕޯސްޓެއްގައި ޝިޔާމް ވިދާޅުވީ އައްޑޫގެ ރައްޔިތުން ބޭނުންވާ ތަރައްގީއާއި އިގްތިސޯދީ ފުދުންތެރިކަން އިތުރުކޮށް ތަރައްގީގެ ދުވެލި ހަލުވި ކުރުމަށް ޕީއެންސީގެ ގާބިލު ކެންޑިޑޭޓުންނަށް ވޯޓު ދިނުމަށް އެދޭ ކަމަށެވެ.
"އައްޑޫ ސިޓީ އަށް އުޖާލާ ކުރިމަގެއް ގެނެސްދެވޭނީ ކޮންގްރެސް ޕާޓީގެ ކެންޑިޑޭޓުންނަށްކަން ޔަގީން،" ޝިޔާމް ވިދާޅުވި އެވެ.
ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބަށް އައްޑޫ ސިޓީން ޕީއެންސީގެ ޓިކެޓްގައި ވާދަކުރާ ކެންޑިޑޭޓުންގެ ކެމްޕޭން ކުރަމުން އަންނަނީ "ގްރޭޓާ އައްޑޫ" ގެ ޝިއާރުގެ ދަށުންނެވެ.
އައްޑޫ ސިޓީ ކައުންސިލް ވުޖޫދަށް އައި ދުވަހުން ފެށިގެން އެމްޑީޕީން މެޖޯރިޓީ ދަމަހައްޓަމުން އަންނަ އިރު، ޕީއެންސީން މި ފަހަރު އަމާޒު ހިފާފައި އޮތީ މެޖޯރިޓީ ގެއްލުވާލައި، އެ ޕާޓީ އަށް މެޖޯރިޓީ ހޯދުމަށެވެ.
ނަމަވެސް އެމްޑީޕީން ބުނަމުން އަންނަނީ ކައުންސިލް އިންތިހާބު އެ ޕާޓީ ބޮޑުތަނުން ކާމިޔާބު ކުރާނެ ކަމަށެވެ.