ލާމަރުކަޒީ ނިޒާމަކީ އެމްޑީޕީގެ މިލްކެއް ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
ފުވައްމުލަކު ސިޓީގައި ރޭ ބޭއްވި އެމްޑީޕީގެ ކެމްޕެއިން ޖަލްސާއެއްގައި ވާހަކަދައްކަމުން ނަޝީދު ވިދާޅުވީ އެހެން ބަޔަކަށް އެ ނިޒާމުގެ މިލްކުވެރިކަމަށް ދައުވާ ނުކުރެވޭނެ ކަމަށެވެ. އަދި އެހެން ޕާޓީތަކަށް މި ނިޒާމު ހިންގާނެ ގޮތެއް ނޭނގޭނެ ކަމަށާއި، އިންތިހާބެއް ކާމިޔާބު ކުރުމަށް ކުރަންޖެހޭ ކަންކަމާއި ރައްޔިތުންނަށް ވާ ވަޢުދުތައް ފުއްދާނެ ގޮތް ވެސް ނޭނގޭނެ ކަމަށް ނަޝީދު ވިދާޅުވި އެވެ.
"އެއީ އެމްޑީޕީގެ މަސައްކަތެއް. އަޅުގަނޑުމެން ހިންގަން ފެށި ކަމެއް. ކޮންމެ އިންތިހާބަކަށް ނިކުންނަމުން އަޅުގަނޑުމެން ރައްޔިތުންނަށް ވައުދުވަން. އެ ވައުދުތައް ވަނީ ދޮރުން ދޮރަށް ހިނގައި، ރައްޔިތުންގެ ގާތުގައި އަހައި، އެމީހުން ބޭނުން ކަމެއް އޮޅުންފިލުވައި، އެކަންކަން ކުރުމަށް ވާ ވައުދު. ސިޔާސަތު އެކުލަވާމިލަނީ އެ ވައުދު ފުއްދުމަށް،" ނަޝީދު ވިދާޅުވި އެވެ.
ނަޝީދު ވިދާޅުވީ މިއީ އެމްޑީޕީ ފަރިތަ މަސައްކަތެއް ކަމަށާއި ކައުންސިލް އިންތިހާބެއްގައި ރައްޔިތުން ވޯޓުދޭނެ ގޮތާއި ގުޅޭގޮތުން މާބޮޑު ވިސްނުމަކަށް ދާން ނުވެސް ޖެހޭ ކަމަށެވެ.
"އެއީ ލޯމަރާފައި ގޮސް ތިލަފަތަށް ވޯޓު ލެވެން އޮތް އިންތިހާބެއް،" ނަޝީދު ވިދާޅުވި އެވެ.
ލޯކަލް ކައުންސިލްތަކުގެ އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބުގެ އިތުރުން ދެ އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމަށް ނަގާ ފެންނަ ނުފެންނަ ވޯޓު ނަގާނީ އެޕްރީލް 4 ވަނަ ދުވަހު އެވެ.