Last Updated: July 13, 22:22
Monday, July 13, 2026
ޚަބަރު

އައްޑޫ ރައްޔިތުން މިފަހަރު ބަދަލަކަށް ވޯޓުދީ: ޖާބިރު

އައްޑޫ ސިޓީގެ ރައްޔިތުން މިފަހަރު ބަދަލަކަށް ވޯޓުދިނުމަށް ކާށިދޫ ދާއިރާގެ ކުރީގެ މެމްބަރު އަބްދުﷲ ޖާބިރު ގޮވާލައިފި އެވެ.

އައްޑޫ ސިޓީ ހިތަދޫގައި ރޭ ބޭއްވި ޕީއެންސީގެ ކެމްޕޭން އިވެންޓެއްގައި ވާހަކަދައްކަމުން ޖާބިރު ވިދާޅުވީ އާމްދަނީ ލިބޭނެ ވަސީލަތްތަކެއް ނެތް ނަަމަ ކަންކަން ނުވާނެ ކަމަށާއި އައްޑޫގެ މޭޔަރު ކަމަށް ޕީއެންސީގެ ފަރާތުން ވާދަކުރައްވާ މުޝްރިފް އަލީ ހޮވައިފިނަމަ މިކަންކަން ވަރަށް ފަސޭހައިން ކުރެވިގެންދާނެ ކަމަށެވެ.

އައްޑޫ އަށް އަބަދުވެސް ދިމާވާ މައްސަލައަކީ މާބޮޑަށް ސިޔާސީވުން ކަމަށާއި ސަރުކާރާ ދެކޮޅު މެމްބަރުންތަކެއް ކައުންސިލަށް ހޮވިއްޖެނަމަ ތަރައްގީގެ މަޝްރޫއުތައް ހިންގަން އުނދަގޫވާނެ ކަމަށް ޖާބިރު ވިދާޅުވި އެވެ. އެގޮތުން ސަރުކާރަށް ކަންކަން ކޮށްދޭން މަގުފަހިކޮށްދޭނެ މޭޔަރަކާއި ކައުންސިލަރުންތަކެއް ތިބެންޖެހޭ ކަމަށާއި ސަރުކާރުގެ އެޖެންޑާ ކުރިއަށް ގެންދެވޭނީ އޭރުން ކަމަށްވެސް ވިދާޅުވި އެވެ.

"އެހެން ނޫނީއްޔާ އަނެއްކާވެސް އަތް އަރުލާއިގެން ދެތިން ހަތަރު އަހަރު ތިބެންވީތޯ. ވަރަށް ދުވަސް އިނގޭތޯ އެއީ،" ޖާބިރު ވިދާޅުވި އެވެ.

އައްޑޫ ރައްޔިތުންނަކީ ވިސްނުންތެރި ބައެއް ކަމަށާއި މިހާރު އައްޑޫގައި ހުންނެވި މޭޔަރު ބަދަލުވާންޖެހޭ ކަމަށް ޖާބިރު ވިދާޅުވި އެވެ. އެގޮތުން މިފަހަރު އައްޑޫ ރައްޔިތުން ބަދަލަކަށް ވޯޓު ދިނުމަށް ވެސް ޖާބިރު ގޮވާލެއްވި އެވެ.

ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބަށް އައްޑޫ ސިޓީން ޕީއެންސީގެ ޓިކެޓްގައި ވާދަކުރާ ކެންޑިޑޭޓުންގެ ކެމްޕޭން ކުރަމުން އަންނަނީ "ގްރޭޓާ އައްޑޫ" ގެ ޝިއާރުގެ ދަށުންނެވެ.