މި މަހުގެ ތެރޭގައި ޝޫޓިން ފަށަން ތައްޔާރީތައްވަމުން އަންނަ ސަލްމާން ޚާންގެ އާ ފިލްމުގެ ބަތަލާގެ ރޯލަށް ނަޔަންތަރާ ސޮއިކޮށްފި އެވެ.
މިކަން ފިލްމުގެ ޓީމުން އިއްޔެ ރަސްމީކޮށް އިއުލާންކޮށްފައިވާ އިރު، ސަލްމާނާ އެކު ދެކުނުގެ މަޝްހޫރު ބަތަލާ ކުޅޭ ފިލްމު ވާނީ އޭޭނަގެގެ ދެވަނަ ބޮލީވުޑް ފިލްމަށެވެ. ނަޔަންތަރާގެ ފުރަތަމަ ބޮލީވުޑް ފިލްމަކީ ޝާހްރުކް ޚާނާ އެކު ކުޅުނު 2023 ގެ 'ޖަވާން' އެވެ. މައިގަނޑު ގޮތެއްގައި ތެލެގޫ ފިލްމުތައް ކުޅޭ ނަޔަންތަރާ އަކީ ދެކުނުގެ އެންމެ ނުފޫޒު ގަދަ އެއް ބަތަލާ އެވެ.
އޭނަގެ ކުރިއަށް އޮތް ފިލްމަކީ ޖޫން 4 އަށް ތާވަލުކޮށްފައިވާ މަޝްހޫރު ކަންނާޑާ އެކްޓަރު ޔާޝްގެ 'ޓޮކްސިކް' އެވެ.
ސަލްމާންގެ އާ ފިލްމަކީ އެކްޝަން ޑްރާމާއެކެވެ. ނަން އަދި ރަސްމީކޮށް އިއުލާން ނުކުރާ މި ފިލްމަކީ ދިލް ރާޖޫ ޕްރޮޑިއުސްކޮށް، ވަމްޝީ ޑައިރެކްޓް ކުރަން ހަމަޖެހިފައިވާ ފިލްމެކެވެ. މި ފިލްމަށް ސޮއިކުރިކަން ސަލްމާން ވަނީ ހޯމަ ދުވަހު ރަސްމީކޮށް އިއުލާންކޮށްފަ އެވެ.
ރިޕޯޓްތައް ބުނާ ގޮތުން މީގެ ކާސްޓްގައި އަނިލް ކަޕޫރާއި ކުރިން ވެސް ހިންދީ ފިލްމުތަކެއް ކުޅެފައިވާ ދެކުނުގެ މަޝްހޫރު އެކްޓަރު އަރްވިންދު ސްވާމީ ވެސް ހިމެނެ އެވެ.
ސަލްމާންގެ ކުރިއަށް އޮތް ފިލްމަކީ ޑައިރެކްޓަރު އަޕޫރްވާ ލާކިއާގެ 'މާތުރަބޫމީ' އެވެ. މި ފިލްމު މަހުގެ 17 ގައި ރިލީޒް ކުރަން ކުރިން ޕްލޭންކުރި ނަމަވެސް އެ ތާރީހުގައި ފިލްމު ގެނައުން މިހާރު އޮތީ މަޑުޖައްސާލައިފަ އެވެ.