Last Updated: June 5, 11:07
Friday, June 5, 2026
ޚަބަރު

އާ ސީއީއޯ އަށް އޭއީއެޗުން މަރުހަބާ ކިޔައިފި

އައްޑޫ އިކުއަޓޯރިއަލް ހޮސްޕިޓަލް (އޭއީއެޗް) ގެ ސީއީއޯގެ މަގާމުން އަލަށް އައްޔަންކުރި ޑރ. އަހުމަދު އަދީލް ނަސީރަށް އެ ހޮސްޕިޓަލްގެ މެނޭޖްމަންޓުން މަރުހަބާ ކިޔައިފި އެވެ.

އޭނަ އެ މަގާމަށް އައްޔަންކުރީ މާޗް 30 ގަ އެވެ.

އޭއީއެޗުން އަދީލަށް މަރުހަބާ ކިޔައި، ސޯޝަލް މީޑިއާގައި އާންމުކުރި ޕޯސްޓެއްގައި އޭނަގެ ލީޑަޝިޕްގެ ހޮސްޕިޓަލަށް އިތުރު ކުރިއެރުންތަކެއް ލިބޭނެ ކަމަށް ގަބޫލުކުރާ ކަމަށް ބުނެފައިވެ އެވެ. އޭއީއެޗްގެ ސީއީއޯގެ މަގާމަށް އަދީލް އައްޔަންކުރީ އެ މަގާމުގައި ކުރިން ހުންނެވި މެޑިކަލް ޑޮކްޓަރު، ޑރ. އިބްރާހީމް ޔާސިރު މަގާމުން ވަކި ކުރުމަށް ފަހު އެވެ. އޭނަ އެ މަގާމަށް އައްޔަންކުރީ މާޗް 4، 2024 ގަ އެވެ.

އޭއީއެޗްގެ ސީއީއޯހެ މަގާމަށް އަދީލް އައްޔަންކުރި އިރު، އޭނަ އަކީ ސިއްހީ ދާއިރާގެ އެއްވެސް ތަޖުރިބާއެއް ނެތް، އެކަމަކު ތައުލީމީ ދާއިރާގައި ގިނަ ދުވަހު މަސައްކަތް ކުރައްވާފައިވާ ބޭފުޅެކެވެ. ކުރިން ސްކޫލްތަކުގެ ޕްރިންސިޕަލްގެ މަގާމު ވެސް ފުރުއްވި އަދީލް އެންމެ ފަހުން ހުންނެވީ އެޑިއުކޭޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރެއްގެ މަގާމުގަ އެވެ.

ހިތަދު އަށް ނިސްބަތްވާ އަދީލަކީ އަންނަ ހޮނިހިރު ދުވަހު ބާއްވާ ލޯކަލް ކައުންސިލް އިންތިހާބުގައި ޕީއެންސީގެ ޓިކެޓްގައި އައްޑޫގެ މޭޔަރު ކަމަށް ވާދަކުރައްވަން ކުރިން ނިންމެވުމަށް ފަހު، އެންމެ ފަހު ވަގުތު ނަން އަނބުރާ ގެންދެވި ބޭފުޅެކެވެ. އަދި އޭނަ އަކީ 2023 ގެ ރިޔާސީ އިންބާގައި މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ) ފަރާތުން ވާދަކުރެއްވި ކާނަލް މުހައްމަދު ނާޒިމްގެ ރަނިންމޭޓެވެ.

ނަވާރަ ވަނަ ރައްޔިތުންގެ މަޖިލިހުގެ އިންތިހާބުގައި ހިތަދޫ ދެކުނު ދާއިރާ އަށް ވެސް އަމިއްލަ ގޮތުން އަދީލް ވާދަކޮށްފައިވެ އެވެ.