Last Updated: June 5, 11:07
Friday, June 5, 2026
ޚަބަރު

ސޯލާ ފެރީ ގެނެސް ޓެސްޓް ކުރަން ފަށަނީ

ސޯލާ ފެރީ ގެނެސް އަޖުމަ ބެލުމުގެ ދަތުރުތައް ވަރަށް އަވަހަށް ފަށާނެ ކަމަށް އެންވަޔަރަމަންޓް މިނިސްޓަރު ތޯރިގް އިބްރާހީމް ވިދާޅުވެއްޖެ އެވެ.

ލ. އަތޮޅުގައި ރާއްޖެ ޓްރާންސްޕޯޓް ލިންކް (އާރްޓީއެލް) ފެރީގެ ޚިދުމަތް ފަށަން އިއްޔެ ރަސްމިއްޔާތުގައި މިނިސްޓަރު ވިދާޅުވީ ފެރީތަކުގެ ތެތަލަށް ބޮޑު ހޭދައެއް ކުރަން ޖެހޭތީ މިއަދުގެ ހާލަތަށް ބަލާއިރު ވެސް މިހާރު ބޭނުންކުރާ ސިސްޓަމްއަކީ ހަރުދަނާ އަދި ތެޔޮ ވީހާ ވެސް މަދުން ބޭނުންކުރާ ބާރު ދުވެލިީގައި ދުއްވާ އެއްޗެއްސަށް ހެދުމަށް މަސައްކަތް ކުރައްވާ ކަމަށެވެ.

"ކުރިއަތް އޮތްތަނުގައި ޓްރާންސްޕޯޓް މިނިސިްޓްރީ އާއި ލޯންޗް ބަންނަ ފަރާތްތަކުން ވެސް މިކަމުގެ އެފިޝިއަންސީ އަށް ބަލާނެކަމަށް ޤަބޫލުކުރަން." އޭނަ ވިދާޅުވިއެވެ.

ތޯރިގް ވިދާޅުވީ މިހާރު ޚިދުމަތްދޭ ފެރީތަކުގެ އިތުރުންއިޔާދަކުރަނިވި ހަކަތަ ބޭނުންކޮށްގެން ފެރީ ދުއްވޭނެ ގޮތްތައް ބެލުމަށް މަސައްކަތް ކުރާ ކަމަށެވެ. އެގޮތުން ލަސްތަކެއް ނުވެ ސޯލާ ފެރީ ގެނެސް އަޖުމަ ބެލުމުގެ ދަތުރުތައް ފަށާނެ ކަމަށާއި ރާއްޖޭގެ ބައެއް ހިސާބުތަކުގައި އެ ފެރީ އަޖުމަ ބެލުމުގެ ގޮތުން ދުއްވަމުންދާނެ ކަމަށް ވިދާޅުވިއެވެ.

އޭނަ ވިދާޅުވީ ކުރިއަށް އޮތް ތަނުގައި ސޯލާ ފެރީ ސިސްޓަމެއް ޤާއިމްކޮށް ފެށޭނެ ކަމަށް އުންމީދު ކުރައްވާ ކަމަށެވެ. ޚާއްސަކޮށް ކައިރި ރަށްރަށް ދަތުރުކޮށް ޚިދުމަތް ދެވޭނެ ގޮތަށް އެ ނިޒާމު ބައްޓަން ކުރެވޭނެ ކަމަށް ވިދާޅުވި އެވެ.

މީގެ ކުރިން ވެސް ރާއްޖެ އަށް ސޯލާ ފެރީ ގެނައުމުގެ ވާހަކަތަކެއް ދެކެވި، އެކަމާ ގުޅޭ ބައެއް މަސައްކަތްތައްކޮށްފައިވެ އެވެ. ދެހާސް ބާވީހުގައި ފިނޭންސް މިނިސްޓްރީން ބުނެފައިވާ ގޮތުގައި ސަރުކާރުން އޭޝިއަން ޑިވެލޮޕްމަންޓް ބޭންކް (އޭޑީބީ) ގެ އެހީގައި ހިންގަމުންދާ ޕްރިޕެއަރިން އައުޓަ އައިލެންޑްސް ފޯ ސަސްޓެއިނަބްލް އެނަޖީ ޑިވެލޮޕްމަންޓް ޕްރޮޖެކްޓުގެ އެޑިޝަނަލް ފައިނޭންސިންގެ ދަށުން އިންޑިއާގައި ސޯލާ ފެރީއެއް ބަނުމުގެ މަަސައްކަތް ފެށި އެވެ.

އެ ސޯލާ ފެރީ ބަނދެފައި ވަނީ 50 ކިލޯވޮޓްގެ މަންޓާ ޑީއެންވީ އެޕްރޫވްޑް އެލްއެފްޕީ ބެޓަރީ ޕެކަކާ އެކު 40 ކިލޯވޮޓްގެ އިންބޯޑް އިލެކްޓްރިކް މޮޓޯ ހަރުކޮށް، 25 ކިލޯވޮޓްގެ ސޯލާ ޕެނަލް ފެރީގެ މަތީގައި ހިމެނޭ ގޮތަށެވެ. އެއީ ދިގު މިނުގައި 26 މީޓަރު އަދި ފުޅާ މިނުގައި 7 މީޓަރު ހުންނަ ފެރީއެކެވެ.