ފުލުހުންގެ މުސާރަ ބޮޑުކޮށްފި އެވެ.
މިކަމާ ގުޅިގެން ގިނަ ބައެއްގެ ފާޑު ކިޔުން އަމާޒުވެފައިވެ އެވެ. އަދި މިއީ އަންނަ ހޮނިހިރު ދުވަހު ބާއްވާ އިންތިހާބާ ދިމާކޮށް ގެނައި ބަދަލެއް ކަމަށް އިދިކޮޅު ފަރާތްތަކުން ތުހުމަތުކޮށްފައިވެ އެވެ.
ފުލުހުންގެ މުސާރަ ބޮޑުކުރުމާ ގުޅިގެން ފުލުހުންގެ އިދާރާ އިން ނެރުނު ސާކިއުލާއެއްގައި ބުނެފައި ވަނީ، ދައުލަތުގެ ޕޭ ފްރޭމްވޯކަށް ޔުނިފޯމު ފުލުހުން ބަދަލުވިތާ ދެ އަހަރު ފުރިފައިވާތީ، އެ ފްރޭމްވޯކުގައިވާ އުސޫލުތަކުގެ މަތިން އެ ދުވަހުން ފެށިގެން ފުލުހުންގެ މަގާމުގެ އެލަވަންސް ދެވަނަ ހަރުފަތަށް ބަދަލުކޮށްފައިވާ ކަމަށެވެ. އަދި މިއީ ކުރިންވެސް ނިންމާފައިވާ އުސޫލެއްގެ ދަށުން ގެނައި ބަދަލެއް ކަމަށް ބުނެފައިވެ އެވެ.
ސާކިއުލާގައިވާ ގޮތުން މި ބަދަލު ގެނެސްފައި ވަނީ އެ ފުލުހަކު ހުރި ރޭންކާއި ގްރޭޑުގައި ދެ އަހަރުވެ، މަސައްކަތުގެ ފެންވަރު ބަލާ ނިޒާމުން ވިދިވިދިގެން ދެ އަހަރު ދުވަހު އެވްރެޖްކޮށް 75 ޕަަސެންޓަށް ވުރެ މަތިން މާކްސް ލިބިފައިވާ ޔުނީފޯމް މުވައްޒަފުންނަށެވެ.