Last Updated: June 5, 10:59
Friday, June 5, 2026
މުނިފޫހިފިލުވުން

ރިތޭޝް ޑައިރެކްޓްކުރި އާ ފިލްމު މެއި 1 ގައި

ބޮލީވުޑްގެ އެކްޓަރު ރިތޭޝް ދޭޝްމުކް ޑައިރެކްޓްކުރި އާ ފިލްމު 'ރާޖާ ޝިވާޖީ' ގެ ޓީޒާ ޓްރެއިލާ ދައްކާލައި، ފިލްމު ރިލީޒްކުރާ ތާރީހު އިއުލާންކޮށްފި އެވެ.

އަންނަ މަހުގެ 1 ގައި ސިނަމާތަކަށް ގެންނަން ތާވަލުކޮށްފައިވާ މި ފިލްމަކީ އޭނަ ލިޔެ، ޕްރޮޑިއުސްކޮށް، ޑައިރެކްޓްކޮށް އަދި ޓައިޓްލް ރޯލު ކުޅެފައިވާ ޕީރިއަޑް ފިލްމެކެވެ. 'ރާޖާ ޝިވާޖީ' ގައި ކިޔައިދޭނީ އިންޑިއާގެ ކުރީގެ ވަރުގަދަ ރަސްކަލެއް ކަމަށްވާ ޗަތުރަޕަތީ ޝިވާޖީ މަހާރާޖްގެ ވާހަކަ އެވެ.

ބޮޑު ބަޖެޓުން، ވަރަށް ގްރޭންޑްކޮށް ހަދާފައިވާ ފިލްމުގައި ރިތޭޝްއާ އެކު ފެންނާނެ ތަރިންގެ ތެރޭގައި އޭނަގެ އަންހެނުން ޖެނީލިއާ ޑި ސޫޒާ، ސަންޖޭ ދަތު، ވިދިއާ ބަލަން، އަބީޝެކް ބައްޗަން، ބަގިޔާޝްރީ، ފަރްދީން ޚާން، މަހޭޝް މަންޖްރޭކަރް، ބޮމަން އިރާނީ، ޖިތެންތުރަ ޖޯޝީ، އަމޯލް ގުޕްތޭ އަދި ސަޖިން ކެދޭކަރް ހިމެނެ އެވެ.

އާންމުކޮށް ކޮމެޑީ ރޯލުތަކުން ގެންނަ ރިތޭޝްގެ 'ރާޖާ ޝިވާޖީ' އަކީ އޭނަގެ ވަރަށް ތަފާތު، ސީރިއަސް އަދި ޝަހުސިއްޔަތު ވަރުގަދަ ކެރެކްޓާއެއް ދައްކުވައި ދޭނެ ފިލްމެކެވެ.

މިހާތަނަށް ވަރަށް ގިނަ ފިލްމުތަކެއް ކުޅެފައިވާ 47 އަހަރުގެ އެކްޓަރު ޑައިރެކްޝަނަށް ނުކުތީ 2022 ގެ މަރާޓީ ލޯބީގެ ފިލްމު 'ވެދު' އިންނެވެ.

'ރާޖާ ޝިވާޖީ' ގެ އިތުރުން މި އަހަރު ވެސް ކޮމެޑީ ފިިލްމަކުން ރިތޭޝް ފެންނާނެ އެވެ. އެއީ އޭނަގެ 'ދަމާލް' ފްރެންޗައިޒްގެ 4 ވަނަ ބައިންނެވެ. އެ ފިލްމު ރިލީޒް ކުރަން ތާވަލުކޮށްފައި އޮތީ ޖުލައި މަހުގެ ތެރޭގަ އެވެ.