ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން ހުޅުމާލޭގައި އިމާރާތްކުރި 4000 ފުލެޓުގެ ކުލި ކުޑަ ކުރުމަށާއި ފައިސާ ދެއްކުން ފަސް ކުރުމަށް ފަހި ދިރިއުޅުން ޔުނިއަން އިން ސަރުކާރަށް ގޮވާލައިފި އެވެ.
އެ ޔުނިއަން އިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) އިން އިމާރާތްކޮށްފައިވާ 2 ކޮޓަރި އާއި 3 ކޮޓަރީގެ ފްލެޓުތަކަށް ކުރީ ސަރުކާުން ދައްކަން ނިންމި ކުއްޔާއި، އަދި ގްރޭސް ޕީރިއަޑާއި އެއްގޮތަށް ބަދަލު ކުުރުމަށާއި ދުނިޔެއަށް މިހާރު ކުރިމަތިވެފައިވާ އިގްތިސާދީ ކާރިސާގެ ސަބަބުން ކުލި ދެއްކުން ފަސްކޮށް ދިނުމަށެވެ.
އެ ފުލެޓުގެ ކުލީގެ ގޮތުގައި ކަނޑައަޅާފައި ވަނީ 2 ކޮޓަރީގެ ފުލެޓެއް ނަމަ މެއިންޓަނަންސްފީއާ އެކު 6،000ރ. އެވެ. އަދި 03 ކޮޓަރީގެ ފުލެޓެއް ނަމަ މެއިންޓަނަންސްފީއާ އެކު ކުލީގެ ގޮތުގައި ދައްކަން ޖެހެނީ 8،000ރ. އެވެ. ރުފިޔާއެވެ.
ނަމަވެސް މި ސަރުކާރުން ކުލީގެ އެއްބަސްވުން ހެދިއިރު ކަނޑައަޅާފައިވާ ކުއްޔަކީ ދެ ކޮޓަރީގެ ފުލެޓަށް ނަމަ މެއިންޓަނަންސް ފީއާ އިއެކު މަހަކު 7،000ރ. އެވެ. އަދި ތިން 3 ކޮޓަރީގެ ފުލެޓެއްގެ ނަމަ އަގު މެއިންޓަނަންސް ފީއާ 10،000ރ. އެވެ.
ފަހި ދިރިއުޅުން ޔުނިއަން އިން މިއަދު ނެރުނު ބަޔާނުގައި ވަނީ ފްލެޓު ދޫކުރުމަށް ހަދާފައިވާ އެއްބަސްވުން ބަދަލު ކުރުމަށް ވެސް ގޮވާލައިފައެވެ. ފަހި ދިރިއުޅުން ކޯޕަރޭޝަނުން ފްލެޓު ދޫކުުރުމަށް ހަދާފައި ވަނީ ކުލީގެ އެއްބަސްވުމެއް ކަމަށާއި އެއީ ގަނެވިއްކުމުގެ އެއްބަސްވުމެއް ނޫން ކަމަށް ވެސް ޔުނިއަނުން ފާހަގަކޮށްފައިވެ އެވެ.
މި ސަރުކާރުން ފުލެޓްތަކަށް ދޫކޮށްފައި ވަނީ "ކުލީގެ" އެއްބަސްވުމެއްކަމުން ފުލެޓް ލިބުނު ފަރާތާއި އެ ފަރާތްތަކުގެ ޢާއިލާތަކަށް ރަށްވެހިންގެ ރަޖިސްޓްރީ ހަދައި ދެވެން ނެތް ކަމަށް މާލޭ ސިޓީކައުންސިލުން އަންގާފައިވެ އެވެ. ވީމާ އެހެނިހެން ސޯޝަލް ހައުސިން ޔުނިޓް ތަކެކޭ އެއްފަދައިން މި 4000 ފުލެޓްގެ އެއްބަސްވުން "ގަނެވިއްކުމުގެ" އެއްބަސްވުމަކަށް ބަދަލުކޮށް ދިނުމަށް ގޮވާލާ ކަމަށް ޔުނިއަނުން ބުންޏެވެ.
މީގެ އިތުރުން ރައީސް ޑރ. މުހައްމަދު މުއިއްޒު ހިޔާ ފްލެޓާއި ވިނަރެސް ފްލެޓުތަކުގެ ކުލި ކުޑަކުރި ގޮތަށް މުޅި ރާއްޖޭގެ ހުރިހާ ކަންކޮޅެއްގައި ހުރި ސޯޝަލް ހައުސިން ފްލެޓުތަކުގެ ކުލި ވައުދާ އެއްގޮތަށް 4،000ރ. އަށް ކުޑަ ކުރުމަށް ވެސް ފަހި ދިރިއުޅުން ޔުނިއަން ގޮވާލާފައިވެ އެވެ.