Last Updated: June 5, 11:07
Friday, June 5, 2026
ޚަބަރު

އައްޑޫ އެއާޕޯޓްގެ އެމްޑީގެ މަގާމު އަދުހަމަށް ދެނީ

ދާދި ފަހުން ޕީއެންސީއާ ގުޅުނު އަހުމަދު އަދުހަްމ، އައްޑޫ އިންޓަނޭޝަނަލް އެއާޕޯޓް ކޮމްޕެނީ (އޭއައިއޭ) ގެ މެނޭޖިން ޑިރެކްޓަރުގެ މަގާމަށް އައްޔަން ކުރަން ނިންމައިފި އެވެ.

ނަމަވެސް އޭނަ އެ މަގާމަށް އައްޔަން ކުރިކަން އަދި މިހާތަނަށް ކަށަވަރެއް ނުވެ އެވެ.

އޭއައިއޭގެ އެމްޑީއަކަށް މިހާރު ހުންނެވީ ހިތަދުއަށް ނިސްބަތްވާ މުހައްމަދު ވަހީދު ހުސައިނެވެ. އެ މަގާމަށް އޭނަ އައްޔަންކުރީ ފެބްރުއަރީ 21، 2024 ގަ އެވެ.

ފޭދު އަށް ނިސްބަތްވާ އަދުހަމް އޭއައިއޭގެ އެމްޑީއަކަށް އައްޔަން ކުރަން ނިންމާފައިވާ އިރު، ވެރިކަން ކުރާ ޕާޓީ، ޕީއެންސީއާ އޭނަ ސޮއިކޮށް، ފޯމު ރައީސް ޑރ. މުހައްމަދު މުއިއްޒާ ހަވާލުކުރީ ލޯކަލް ކައުންސިލް އިންތިހާބު ކެމްޕޭންގެ ތެރެއިން، ޕީއެންސީގެ އައްޑޫގެ ކެންޑިޑޭޓުންނަށް ތައާރަފު ކުރަން މާލޭގައި މިދިޔަ މަހުގެ 7 ވަނަ ދުވަހުގެ ރޭ ބޭއްވި ޖަލްސާގަ އެވެ.

އަދުހަމަކީ ކުރިން އިދިކޮޅު އެމްޑީޕީގައި ވަރަށް އިސްކޮށް އުޅުއްވި ބޭފުޅެކެވެ. އޭބަ އެމްޑީޕީ ފޭދޫ ދާއިރާގެ ރައީސްކަން ވެސް ކުރެއްވި އެވެ.

އަދުހަމަކީ އެމްޑީޕީގެ ކުރީގެ ދެ ސަރުކާރުގައި ވެސް އިސް މަގާމުތަކެއް ވެސް އަދާކުރެއްވި ބޭފުޅެކެވެ. އެގޮތުން އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރުގައި އޭނަ މޯލްޑިވްސް ޕޯސްޓް ލިމިޓެޑްގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރުގެ މަގާމު ފުރުއްވި އެވެ. އެ މަގާމަށް އޭނަ އައްޔަންކުރީ އޮގަސްޓް 8، 2020 ގަ އެވެ. އަދި ޑީއެމްޑީގެ މަގާމުން އަދުހަމް ވަކިކުރީ 2023 ގެ ސެޕްޓެމްބަރު މަހުގެ ތެރޭގަ އެވެ.

އަދުހަމަކީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި ފިނޭންސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުކަމާއި ކުރީގެ ދެކުނު ޕްރޮވިންސް އޮފީހުގެ އިސް މަގާމެއް ވެސް ފުރުއްވި ބޭފުޅެކެވެ.

އޭނަ އަކީ މިހާރު ސްޓެލްކޯގެ ވަގުތީ ގޮތުން ހިންގެވުމާ ހަވާލުވެ ހުންނެވި ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު ޑރ. އަލީ އަޒުވަރްގެ އެއްބަނޑު އެެއްބަފާ ބޭބެ އެވެ.