ރިޝްވަތަކީ ޙައްޤު ނޫން ކަމެއް ޙައްޤު ކުރުމަށް ނުވަތަ ޙައްޤު ކަމެއް ބާޠިލު ކުރުމަށްޓަކައި ދެވޭ އެއްޗެކެވެ. މިއީ އިސްލާމްދީނުގައި ޙަރާމް ކުރައްވާފައިވާ، ބޮޑެތި ފާފަތަކުގެ ތެރޭގައި ހިމެނޭ ކަމެކެވެ. މާތްﷲ ކީރިތި ޤުރްއާނުގައި ވަޙީ ކުރައްވައިފައިވެ އެވެ؛
﴿وَلَا تَأْكُلُوا أَمْوَالَكُم بَيْنَكُم بِالْبَاطِلِ وَتُدْلُوا بِهَا إِلَى الْحُكَّامِ لِتَأْكُلُوا فَرِيقًا مِّنْ أَمْوَالِ النَّاسِ بِالْإِثْمِ وَأَنتُمْ تَعْلَمُونَ ﴾ (سورة البقرة:188)
މާނައީ: "އަދި ތިޔަބައިމީހުންގެ މުދާތައް ތިޔަބައިމީހުންގެ މެދުގައި باطل ގޮތުގައި ނުކާށެވެ! އަދި ތިޔަބައިމީހުން ދެނެތިބެގެންމެ، ފާފަވެރި ގޮތުގައި މީސްތަކުންގެ މުދާތަކުގެ ތެރެއިން ބައެއް ކެއުމަށްޓަކައި އެ މުދާތައް (އެބަހީ: އެ މުދާތަކުން ބައެއް) حاكم ންނަށް ނުދޭށެވެ!
الإمام الذهبي رحمه الله ވިދާޅުވެފައިވެއެވެ. "ވެރިންނާ ހަމައަށް ތިޔަބައިމީހުންގެ މުދާ ނުގެންދާށޭ ބުނެވޭ ބަހުގެ މާނައަކީ، އެބައިމީހުންނަށް ރިޝްވަތު ދީގެން ނުވަތަ މުދަލުގެ ބޭނުންކޮށްގެން އޮޅުވާލައިގެން، އެހެން މީހެއްގެ ޙައްޤެއް ތިޔަބައިމީހުންނަށް ހޯދުމަށް މަސައްކަތް ނުކުރާށެވެ. އެކަމަކީ ތިޔަބައިމީހުންނަށް ޙަލާލުވެގެން ނުވާ ކަމެއްކަން އެނގި ތިބެމެއެވެ."
ޝައްކެއް ވެސް ނެތް ގޮތުގައި، ރިޝްވަތު ހިފާ މީހާ އެ ކަނީ ޙަރާމް މުދަލެވެ. މާތްﷲ ވަނީ މިފަދަ މީހުން ކުށްވެރި ކުރައްވައި، އެކަމުގެ ނުބައިކަން ބަޔާންކޮށް ދެއްވާފަ އެވެ.
﴿وَتَرَىٰ كَثِيرًا مِّنْهُمْ يُسَارِعُونَ فِي الْإِثْمِ وَالْعُدْوَانِ وَأَكْلِهِمُ السُّحْتَ ۚ لَبِئْسَ مَا كَانُوا يَعْمَلُونَ﴾ (سورة المائدة: 62)
މާނައީ: "އަދި އޭގެތެރެއިން ގިނަމީހުން ފާފަވެރިވުމާއި، ދެކޮޅުވެރިވުމާއި، حرام މުދާ ކެއުމަށް އަވަސްވެގަންނަތަން، ކަލޭގެފާނު ދެކެވަޑައިގަންނަވާނޫއެވެ. އެއުރެން ކޮށްއުޅުނު عمل ތަކުގެ ނުބައިކަމާއެވެ!
ރިޝްވަތަކީ ލަޢުނަތުގެ ސަބަބެއް:
މުޖުތަމަޢެއްގައި ރިޝްވަތު ޢާއްމުވެއްޖެނަމަ، މީސްތަކުންގެ ޙައްޤުތައް ގެއްލި، އަނިޔާވެރިކަމާއި ފަސާދަ ފެތުރިގެންދެއެވެ. އެހެންކަމުން، ރިޝްވަތުގެ މުޢާމަލާތްކުރާ މީހުންނަށް ރަސޫލާ صلى الله عليه وسلم ވަނީ ލަޢުނަތް ލައްވައިފައެވެ. ޢަބްދުﷲ ބިން ޢަމްރު رضي الله عنهما ގެ ކިބައިން ރިވާވެގެންވެއެވެ؛
((لعن رسول الله – صلى الله عليه وسلم – الراشي والمرتشي)) (رواه الترمذي وأبو داود ، وقال الألباني : صحيح)
މާނައީ: "ރިޝްވަތު ދޭ މީހާއާއި ރިޝްވަތު ހިފާ މީހާއަށް ރަސޫލާ صلى الله عليه وسلم ލަޢުނަތް ލެއްވިއެވެ."
ރިޝްވަތު ހިފާ މީހާއަށް ލިބޭނެ ޢުޤޫބާތާއި އޭނާ އުފުލަންޖެހޭނެ ފާފަ ބަޔާންކޮށްދެއްވަމުން ކައު އިތުރު ރަސޫލާ صلى الله عليه وسلم ޙަދީޘްކުރެއްވި އެވެ. އެކަލޭގެފާނު މީހަކު ކަމަކަށް އިސްކުރެއްވުމުން، އެމީހާ އެނބުރި އައިސް ބުންޏެވެ.
(ما بالُ عامِلٍ أبعَثُه فيَقولُ: هذا لَكُم، وهذا أُهديَ لي، أفلا قَعَدَ في بَيتِ أبيه، أو في بَيتِ أُمِّه، حتّى يَنظُرَ أيُهدى إليه أم لا؟! والذي نَفسُ مُحَمَّدٍ بيَدِه، لا يَنالُ أحَدٌ مِنكُم منها شيئًا إلّا جاءَ به يَومَ القيامةِ يَحمِلُه على عُنُقِه بَعيرٌ له رُغاءٌ، أو بَقَرةٌ لَها خوارٌ، أو شاةٌ تَيعَرُ، ثُمَّ رَفَعَ يَدَيه حتّى رَأينا عُفرَتَي إبْطَيه، ثُمَّ قال: اللَّهُمَّ هل بَلَّغتُ؟ مَرَّتَينِ.)
މާނައީ: "ތިމަންކަލޭގެފާނު މަސައްކަތަކާ ހަވާލުކުރައްވައި ފޮނުއްވާ މުވައްޒަފުންގެ ކަންތައްތައް ހުންނަ ގޮތާމެދު ޙައިރާންވެވަޑައިގަންނަވަމެވެ. އެފަދަ މީހަކު އެނބުރި އައިސް، މިއީ ދައުލަތަށް (ބައިތުލްމާލަށް) ހުރި ތަކެތި ކަމަށާއި، މިއީ އޭނާއަށް އަމިއްލައަށް ލިބުނު ހަދިޔާ ކަމުގައި ބުނެއެވެ. އޭނާގެ މައިންބަފައިންގެ ގޭގައި މަޑުކޮށްލައިގެން ހުރި ނަމަ، އެފަދަ ހަދިޔާއެއް އޭނާއަށް ލިބޭނެތޯ ބަލަން ނުހުރީ ކީއްވެ ހެއްޔެވެ؟ މުޙައްމަދުގެފާނުގެ ފުރާނަފުޅު އެކަލާނގެ ކުޅަދުންވަންތަކަމުގެ ދަށުގައިވާ ރަސްކަލާނގެ ގަންދީ ވިދާޅުވަމެވެ. ތިޔަބައިމީހުންގެ ތެރެއިން މީހަކު އެފަދަ މުދަލަކުން ނަހަމަ ގޮތުގައި އެއްޗެއް ނަގައިފިނަމަ، ޤިޔާމަތް ދުވަހުން އެ އެއްޗެއް ކަރުގައި އަޅައިގެން އޭނާ އަންނާނެކަން ކަށަވަރެވެ. އެއީ ހަޅޭއްލަވާ ޖަމަލެއް ނުވަތަ ގޮވާ ގެރިއެއް ނުވަތަ ބަކަރިއެއް ކަމުގައި ވިޔަސްމެއެވެ. ދެން އެކަލޭގެފާނުގެ ކިހިލިފަތްޕުޅުގެ ހުދުކަން ފެންނަ ވަރަށް ދެއަތްޕުޅު އުފުއްލަވައި ދުޢާކުރެއްވިއެވެ. 'އޭ ހައްދަވައި ބޮޑުކުރެއްވި ރަސްކަލާކޮއެވެ! ތިމަންކަލޭގެފާނު (މިކަން) އިއްވައިފިންތޯއެވެ؟' މިފަދައިން ދެ ފަހަރު ޙަދީޘްކުރެއްވިއެވެ." އެހެންކަމުން، ރިޝްވަތު ކާ މީހާ އެ އުފުލަނީ ބޮޑުވެގެންވާ ފާފައެކެވެ.
ދަންނަން ޖެހޭ މުހިންމު ކަމަކީ، ރިޝްވަތު ހިފާ މީހާއަށް އެއީ ކޮންމެ ޙާލެއްގައިވެސް ޙަރާމް އެއްޗެކެވެ. ނަމަވެސް ރިޝްވަތު ދޭ މީހާއަށް ބަލާއިރު ތަފްޞީލެއްވެއެވެ. އެހެން މީހެއްގެ ޙައްޤެއް ނިގުޅައިގަތުމަށް ނުވަތަ އަނިޔާވެރިވުމަށް ރިޝްވަތު ދިނުމަކީ ޙަރާމް ކަމެކެވެ.
ރިޝްވަތާއި ހަދިޔާގެ ތަފާތު:
ބޭރުފުށުން ބަލާއިރު ރިޝްވަތާއި ހަދިޔާ އެއްގޮތް ކަމަކަށް ފެނުނަސް، އެ ދެކަމުގެ މެދުގައި ބޮޑު ތަފާތެއްވެއެވެ. އެ ތަފާތު ބިނާވަނީ އެކަން ކުރާ މީހާގެ ނިޔަތުގެ މައްޗަށެވެ. ރިޝްވަތު ދެނީ ޙައްޤު ނޫން ކަމެއް ޙާޞިލުކުރުމަށް ނުވަތަ ޙައްޤެއް ބާޠިލު ކުރުމަށެވެ. ނަމަވެސް ހަދިޔާ ދިނުމުގެ ބޭނުމަކީ ލޯތްބާއި ގާތްކަން އުފެއްދުމާއި ހެޔޮކަން ފޯރުކޮށް ދިނުމެވެ.
ރިޝްވަތުގެ ސަބަބުން ކުރާ ނުބައި އަސަރުތައް:
1. މާތްﷲގެ ކޯފާ އާއި ލަޢުނަތް އަދި އާޚިރަތުގެ ޢަޛާބު ލިބުން
2. ވެރިންނާއި ރައްޔިތުންގެ މެދުގައި ފަސާދަ ފެތުރި، މުޖުތަމަޢު ހަލާކުވުން
3. ނިކަމެތިންނާއި އަނިޔާ ލިބޭ މީހުންގެ ޙައްޤުތައް ގެއްލިގެން ދިއުން
4. ރިޝްވަތު ހިފާ މީހާގެ އަތްތައް ބަނދެވިފައިވާ ޙާލުގައި ނަރަކައަށް އެއްލާލެވުން
ނޯޓް: މިއީ ޝައިހް މޫސާ އަންވަރު ހަސަންގެ ލިޔުއްވުމެކެވެ.