Last Updated: June 5, 06:06
Friday, June 5, 2026
ކޮލަމް

އީރާނުގައި ނިއުކްލިއާ ބޮން އެބަހުރިބާ؟

ބައެއް ​ޢަރަބި ގައުމު ތަކުގެ އެހީއާއިއެކު އެމެރިކާ އާއި އަދި "ބިމު ދާއްބަ" އާ އެއްފަދަ އިޒްރޭލުން އިސްވެ އީރާނަށް ޙަމަލަދީ ފެށި ހަނގުރާމައިގައި ފާހަގަ ކުރެވޭ އެއްކަމަކީ ނިއުކްލިއަރ ބާރެއް ކަމުގައިވާ އިޒްރޭލަށް އީރާނުން ބިރެއް ސިހުމެއް ނެތި ދެމުން ގެންދާ ވަރުގަދަ ޙަމަލާތަކެވެ.

ބިންފޭރޭ އިޒްރޭލުގެ ބޮޑެތި ރަށްރަށުން ޣައްޒާ ގެ މަންޒަރު ސިފަވާ މިންވަރަށް ވީރާނާކަން ފެންނަން ފަށައިފިއެވެ. އިޒްރޭލުގެ މީހުންގެ ތެރެއިން ގިނަ ބަޔަކު ބިމުގެ އަޑިޔަށް ފޮނުވައިފިއެވެ. އެމީހުން ނިދިން މަޙުރޫމްކޮށް ނަފްސާނީ ކުރުވައިފިއެވެ. އީރާނުގެ ޢަމަލު ހުރި ގޮތުން އީރާނުގައިވެސް "އެންމެ ފަހުގެ ކާޑު" ނުވަތަ އެޓަމް ބޮން ހުރީ ބާވައޭ އެތައް ބަޔަކު ސުވާލު އުފައްދައެވެ.

​އެޓަމް ބޮމުގެ ވާހަކަޔަކީ އެއިގެ ބިރުވެރި ކަމުގެ ސަބަބުން އިންސާނުން އެއިގެ ވާހަކަ ދައްކަންވެސް ފަސްޖެހޭ އެއްޗެކެވެ. އެއީ މާއްދާ އުފެދިފައިވާ އެންމެ ކުޑަ ބަހާ ކަމުގައިވާ ޒައްރު ނުވަތަ އެޓަމް ފަނާވެ، އެނަރޖީ ނުވަތަ ހަކަތަޔަށް ބަދަލު ވެގެން ދިއުމުން އުފެދޭ ގޮވުމެވެ. އެންމެ ފުރަތަމަ އެޓަމް ބޮމެއް އުފެއްދީ އެމެރިކާނުންނެވެ. އެ ބޮން ޓެސްޓް ކުރަން އެމެރިކާގެ ނިއުމެކްސިކޯ ސަހަރާގައި (16 ޖުލައި 1945 ގައި) ގޮއްވާލިއިރު ބޮން އުފެއްދި ސައިންސްވެރިންވެސް ތިބީ އޭތި ގޮވުމުން ވާނެގޮތެއް ނޭނގި ސުވާލު އުފެދިފައެވެ. އޭތި ގޮވުމުން ނިކުންނަ ހަކަތައިގެ ސަބަބުން ޖައްވުގައި ހުންނަ ނައިޓްރޯޖަން އެޓަމްތައް އެކަތި އަނެކައްޗާ ގުޅި (Nuclear Fusion) މުޅި ދުނިޔޭގެ ޖައްވުގައި އަލިފާން ރޯވެ ދުނިޔެ ފަނާވެދާނެތޯ ނުވަތަ އެޓަމް ތަކުގެ ރޫޅުން ކޮންޓްރޯލުން ނެއްޓިފައިވާ ސިލްސިލާ އަކަށްވެ މުޅި ކާއިނާތަށް ފެތުރި މުޅި ކާއިނާތު ފަނާވެގެން ހިނގައިދާނެ ކަމުގެ ބިރުވެސް އޭރު އޮތް ކަމުގައި ބައެއް ސައިންސްވެރިން ބުނި ކަމުގައި ވެއެވެ. އެޓަމް ރޫޅާލުމަކީ ސީދާ ﷲ ސުބުޙާނަހޫ ވަތަޢާލާ ގެ ޚަލްޤު ކުރެއްވުމުގެ އެންމެ ކުޑަ ބަހާޔާއި ހަމަޔަށް ގޮސް އޭތި ރޫޅާލުމެވެ. އެއީ ބިރުހުރި ކަމެކެވެ.

​އެޓަމް ނުވަތަ ޒައްރުގެ ވާހަކަ ދައްކާއިރު، އިސްލާމީ ތާރީޚުގައި ފާހަނގަ ކޮށްލެވޭ ބައެއް ޢިލްމުވެރިންނާއި މުތަކައްލިމުން (Theologians) ވަނީ މާއްދާ އުފެދިފައިވާ ގޮތާ ބެހޭގޮތުން ފަލްސަފީ އަދި ޢިލްމީ ގޮތުން ފުން ބަޙުސް ތަކެއް ކުރައްވާފައެވެ. އޭގެ ތެރޭގައި އިމާމް އަބުލް ޙަސަން އަލް-އަޝްޢަރީ (260 – 324 ހ. / 874 – 936 މ.)، އިމާމް އަލް-ބާޤިއްލާނީ (338 – 403 ހ. / 950 – 1013 މ.)، އަދި ޙުއްޖަތުލް އިސްލާމް އިމާމް އަލް-ޣަޒާލީ (450 – 505 ހ. / 1058 – 1111 މ.) ހިމެނިވަޑައިގަންނަވައެވެ. މި ބޭފުޅުން އެޓަމް ނުވަތަ ޒައްރަށް ބޭނުންކުރެއްވި ލަފްޒަކީ "الجَوْهَرُ الفَرْد" (އަލް-ޖައުހަރުލް ފަރުދު) އެވެ. މީގެ މާނައަކީ "ވަކިވަކިކޮށްލެވޭނެ އެންމެ ކުޑަ މާއްދާ" ނުވަތަ އިތުރަށް ބަހާނުލެވޭނެ ، މާއްދާގެ އެންމެ ކުޑަ ބައެވެ. އެ ބޭފުޅުން ގަބޫލުކުރެއްވި ގޮތުގައި މާއްދާ އެކުލެވިގެންވަނީ ވަކިވަކި ކުދިކުދި ބައިތަކެއްގެ މައްޗަށެވެ. މިއީ އިތުރަށް ބަހާނުލެވޭނެ ނުވަތަ ކުޑަނުކުރެވޭނެ އެންމެ ފަހުގެ މިންވަރެވެ. މީގެ ތަޢާރަފް ގައި ބޭނުން ކުރެވިފައިވަނީ ހަނދާން ނައްތާލަން އުނދަގޫ އަންނަނިވި "ސްމާރޓް" ޖުމްލައެވެ. އެއީ ، އެޓަމް އަކީ "الجزء الذي لا يتجزأ" (އަލް-ޖުޒްއުއްލަޛީ ލާ ޔަތަޖައްޒައު) އެވެ. މީގެ މާނައަކީ "އިތުރަށް ބައިނުކުރެވޭނެ ބައި" މިއެވެ. އިސްލާމީ ޢިލްމުވެރިން އެޓަމް އާއިމެދު ދެކެލެއްވި ގޮތާއި މިޒަމާނުގެ ސައިންސުގެ އަލީގައި އެނގޭ ގޮތާއި އެއްގޮތް ކަމެއް އެބަހުރިކަން ފެންނާނެއެވެ. އާދެ ، އިތުރަށް ރޫޅާ ނުލެވޭނޭ ، ޚަލްގު ކުރެވިގެންވާ މާއްދާގެ އެންމެ ކުޑަ ބައި ރޫޅާލުމަކީ ބޮޑުވެގެންވާ ކަމެކެވެ. އެ ރޫޅާލުމުން މެޓަރ ނުވަތަ މާއްދާ މުޅިން އެހެން "އެއްޗަކަށް" އެއްކޮށް ބަދަލުވެގެން ދެއެވެ. އެއެއްޗަކީ އެނަރޖީ ނުވަތަ ހަކަތަ އެވެ. މިއިން އެނގެނީ އިންސާނުންނަށް ފެންނަ ފެނުމުގައި "ނިމުން" ކަމަށް ބެލެވޭ އެންމެ ކުޑަ ނުކުތާއަކީ ، ހަގީގަތުގައި އޭގެ ތެރޭގައި ބޮޑުވެގެންވާ ބާރެއް (Energy) ފޮރުވިފައިވާ އެއްޗެއް ކަމެވެ.

​މި ޙަގީގަތް ހޯއްދެވީ މަޝްހޫރު ސައިންސް ޢިލްމުވެރިޔާ އަލްބަޓް އައިންސްޓައިން (1879-1955) އެވެ. އަޅުގަނޑުމެން ސްކޫލް ތަކުގައި މި ކިޔަވާ އޭނާގެ މަޝްހޫރު ފޯމިއުލާ E=mc^2 އަކީ މާއްދާ ނުވަތަ މެޓަ (Mass) އަކީ ހަކަތަ ނުވަތަ އެނަޖީ (Energy) އެއްކަމާއި މާއްދާ ރޫޅާލުމުން ހަކަތަޔަށް ބަދަލުވާނެކަން ސާބިތުކޮށްދިން، ނިއުކްލިއަރ ފިޒިކްސްގެ ބިންގަލެވެ.
​އެޓަމް ނުވަތަ ޒައްރެއްގެ ތެރޭގައި މެދުގައި އޮންނަނީ "ނިއުކްލިއަސް" ކިޔާ ނުހަނު ބާރުގަދަ ގުޅުމަކުން ގުޅިފައިވާ "އޮށެކެވެ."
​އެޓަމް ނުވަތަ ޒައްރެއްގެ މަރުކަޒަކީ އޭގެ ބަރުދަނުގެ ބޮޑުބައި ޙިއްސާކުރާ ، ޕޮޒިޓިވް ޗާޖު އެކުލެވޭ ނިއުކްލިއަސްއެވެ.

މިއީ ޕްރޮޓޯން އާއި ނިއުޓްރޯންތަކެއް "ސްޓްރޯންގް ނިއުކްލިއަރ ފޯސް" ކިޔާ ވަރުގަދަ ގުދުރަތީ ބާރަކުން އެކަތި އަނެކައްޗާ ގުޅުވައިދޭ ތަނެކެވެ. އެޓަމް ބޮމެއް ގޮވާއިރު ބޭރުވެގެންދަނީ މި ބާރުގަދަ ގުޅުން ކެނޑި، ނިއުކްލިއަސް ރޫޅިގެންދާއިރު އުފެދޭ އާދަޔާޚިލާފު ބޮޑު ހަކަތައެވެ.

މި އޮށް ރޫޅާލުމަށްޓަކައި ސައިންސްވެރިން ބޭނުންކުރަނީ "ނިއުޓްރޯން" ކިޔާ ކުޑަކުޑަ ޒައްރެކެވެ. މިއީ ބަޑިއަކުން ވަޒަނެއް ޖަހާ ފަދައިން، ވަރަށް ބާރަށް ގޮސް އެޓަމުގެ އޮށުގައި ޖެއްސުމެވެ. މި ނިއުޓްރޯން ގޮސް އެޓަމުގެ އޮށުގައި ޖެހުމުން، އެ އޮށް ދެބައިވެ، އޭގެ ތެރޭގައި ހުރި އާދަޔާޚިލާފު ބޮޑު ހަކަތައެއް ބޭރަށް ދޫވެގެންދެ އެވެ.

މި ހަކަތައާއެކު އިތުރު ނިއުޓްރޯންތަކެއްވެސް ބޭރުވެއެވެ. މި ނިއުޓްރޯންތައް ގޮސް ކައިރީގައި ހުރި އެހެން އެޓަމްތަކުގައި ޖެހި، އެވެސް ރޫޅާލައެވެ. މިގޮތަށް މުޅި ސިލްސިލާ (Chain Reaction) ހިނގައިގަންނަނީ ސިކުންތެއްގެ ކުޑަ ހިނދުކޮޅެއްގެ ތެރޭގައެވެ. (ތިރީގައިވާ ކުރެހުން ބައްލަވާ!)

މިއީ ﷲ ސުބުޙާނަހޫ ވަތަޢާލާ މާއްދާ އުފައްދަވާފައިވާ އެންމެ އަސާސީ ގުދުރަތީ ގުޅުން އިންސާނުން ރޫޅާލުމުން އުފެދޭ ވަރުގަދަ ބާރެކެވެ.

​ނިއުކްލިއަރ ބޮން އުފައްދަން އުނދަގުލީ ކީއްވެ؟

ނިއުކްލިއަރ ބޮމެއް އުފެއްދުމަކީ ނުހަނު އުނދަގޫ ކަމެކެވެ. ސަބަބަކީ އޭގެ އެންމެ މައިގަނޑު މާއްދާ ކަމުގައިވާ ޔުރޭނިއަމް-235 (U-235) އަކީ ގުދުރަތީ ގޮތުން މަދުން ނޫނީ ނުފެންނަ ، އަދި ވަކިކޮށްގަންނަން އުނދަގޫ އެއްޗަކަށް ވުމެވެ. ކޮނެގެން ނަގާ ކޮންމެ 1،000 ޔުރޭނިއަމް އެޓަމްގެ ތެރޭގައި ބޮން ހެދުމަށް ބޭނުންވާ ބާވަތުގެ ހުންނަނީ އެންމެ 7 އެޓަމެވެ. ބާކީ ހުންނަނީ ބޮން ގޮއްވަން ބޭނުންނުވާ ޔުރޭނިއަމް-238 އެވެ. މި ދެބައި ވަކިކުރުމަށްޓަކައި "ސެންޓްރިފިއުޖް" (Centrifuge) ކިޔާ އާދަޔާޚިލާފަށް ބާރަށް އެނބުރޭ މެޝިންތަކެއް ބޭނުންކޮށްގެން ، އެތައް މަސްތަކެއް ވަންދެން ޔުރޭނިއަމް މުއްސަނދިކުރަން (Enrichment) ޖެހެއެވެ.
​އެޓަމް ބޮމެއް ގޮއްވާލުމަށްޓަކައި، ބޭނުންކުރާ ޔުރޭނިއަމްގެ މިންވަރު ވަކި ބަރުދަނަކަށްވުރެ އިތުރުވާން ޖެހެއެވެ. މި މިންވަރަށް ކިޔަނީ "ކްރިޓިކަލް މާސް" އެވެ. މި މިންވަރަށް ޔުރޭނިއަމް އެއްނުވާ ނަމަ، ނިއުޓްރޯންތައް ބޭރަށް ބުރައިގެން ގޮސް ، ގޮވުމަކަށް ބޭނުންވާ ސިލްސިލާ (Chain Reaction) މެދުކެނޑިގެންދާނެއެވެ.
​ބޮން އުފެއްދުމުގެ އިންޖިނިއަރިންގް އަކީ އުނދަގޫ އެއްޗެކެވެ.

ބޮން ގޮއްވާލުމަށް ބޭނުންކުރާ ދެ އުކުޅެއް އޮވެ އެވެ:

● ​ބަޑީގެ ޑިޒައިން (Gun-type Design): މީގައި ކުރާ ކަމަކީ، ބޮމުގެ އެތެރޭގައި ހުންނަ ދެކޮޅަށް ބަހާލާފައިވާ ޔުރޭނިއަމްގެ ދެ ބައި ، ބަޑިއެއްގެ ވަޒަން ޖަހާ ފަދަ ބާރުގަދަ ގޮއްވުމަކުން އެކަތި އަނެކައްޗާ ވަރަށް ބާރަށް ގޮސް މުޑި އެރުވުމެވެ. މީގެ ސަބަބުން ސިކުންތެއްގެ ކުޑަ ހިނދުކޮޅެއްގެ ތެރޭގައި "ކްރިޓިކަލް މާސް" އުފައްދައެވެ. މިއީ ހިރޯޝީމާއަށް ވައްޓާލި ބޮމުގައި ބޭނުންކުރި އުކުޅެވެ.
● ​އިމްޕްލޯޝަން ޑިޒައިން (Implosion Design): މީގައި ޔުރޭނިއަމް ނުވަތަ ޕްލޫޓޯނިއަމްގެ ބޯޅައެއް ބޮމުގެ މެދުގައި ބާއްވާފައި، އޭގެ ވަށައިގެން ބާރުގަދަ ގޮވާތަކެތި (High Explosives) އަތުރައެވެ. މި ހުރިހާ އެއްޗެއް އެއްވަގުތަކު ގޮއްވާލުމުން ، އެތެރެއަށް އަންނަ ބާރުގަދަ ޕްރެޝަރެއްގެ ސަބަބުން މެދުގައިވާ މާއްދާ ފިތި ، ގޮވުން އުފެދެއެވެ.
​މިކަން ކުރުމަށްޓަކައި ބޭނުންވާ "ޓައިމިންގް" އަކީ ނުހަނު ފުރިހަމަވާން ޖެހޭ އެއްޗެކެވެ. ސިކުންތެއްގެ މިލިއަނުން އެއްބައިގެ ކުޑަ ވަގުތުކޮޅެއްގެ ތަފާތުންވެސް ބޮން ބޭކާރު ވެ ، ބޭނުންވާ ވަރުގަދަ ގޮވުން ނުއުފެދިދާނެއެވެ. މިފަދަ ހިސާބުތައް ހެދުމާއި ، ގޮވާތަކެތި ތަރުތީބުކުރުމަކީ ހަމައެކަނި އެންމެ މަތީ ފެންވަރުގެ ޓެކްނިކަލް ސައިންސްވެރިންނަށް ނޫނީ ނުކުރެވޭނެ ފަދަ އުނދަގޫ މަސައްކަތެކެވެ.

ނިއުކްލިއަ ގޮވުމެއްގައި ބޮޑު ރަށަކަށް ވާނީ ކިހިނެއް؟

ނިއުކްލިއަ ބޮމެއް ރަށެއްގެ މައްޗަށް ގޮވާލުމުން ހިނގާ ކަންތައްތަކަކީ ހިތަށް ތަޞައްވަރު ކުރަންވެސް ދަތި ބިރުވެރި ކަންތައްތަކެކެވެ.

● ​މަރުގެ އަލިގަދަ ބޯޅަ (The Fireball): ގޮވާ ވަގުތު އެންމެ ފުރަތަމަ އުފެދޭނީ އިރުގެ ބޭރު ފަށަލައަށްވުރެ އެތައް ގުނައެއް ހޫނު އަލިގަދަ ބޯޅައެކެވެ. މި ހޫނުގެ ސަބަބުން އެ ސަރަޙައްދުގައި ހުރި ކޮންކްރީޓާއި ، ދަގަނޑާއި ، އިންސާނުން ސިކުންތެއްގެ ތެރޭގައި ވިރި ، ގޭހަށް ބަދަލުވެގެންދާނެއެވެ.
● ​ވައިގެ ގަދަ ރާޅު (Shockave): ގޮވުމާއެކު އުފެދޭ ބާރުގަދަ ވައިގެ ރާޅަކީ އަޑަށްވުރެ ބާރަށް ދަތުރުކުރާ އެއްޗެކެވެ. މި ރާޅު ޖެހޭ ކޮންމެ ޢިމާރާތެއް ކަރުދާސް ފޮށްޓެއް ފަދައިން ފުނޑުފުނޑުވެގެންދާނެއެވެ.
● ​އަލިފާނުގެ ޠޫފާން (Firestorm): ބޮމުގެ ހޫނުގެ ސަބަބުން ކިލޯމީޓަރުތަކެއްގެ ދުރުމިނުގައި ހުންނަ ހުރިހާ އެއްޗެއްގައި އެއްފަހަރާ އަލިފާން ރޯވާނެއެވެ. މި އަލިފާންގަނޑުތައް އެކުވެ ، މުޅި ރަށުގެ އޮކްސިޖަން ދަމައިގަނެ، ނޭވާ ހާސްކުރުވާ ވަރުގަދަ އަލިފާން ޠޫފާނެއް އުފެދޭނެއެވެ.
● ​ނިއުކްލިއަރ ވިހަ ނުވަތަ ރޭޑިއޭޝަން (Radiation): ގޮވުމުން ސަލާމަތްވާ މީހުންނަށް އޮތް އެންމެ ބޮޑު ބިރަކީ ލޮލަށް ނުފެންނަ ރޭޑިއޭޝަނެވެ. މިއީ އިންސާނާގެ ހަށިގަނޑުގެ ސެލްތަކާއި ޑީ.އެން.އޭ (DN) ހަލާކުކޮށްލާ ވިހައެކެވެ. މީގެ އަސަރު ކުރި މީހުން ދުވަސްތަކެއް ފަހުން ވޭނުގައި މަރުވެދެއެވެ.
​ނިއުކްލިއަރ ބޮން ބިރުވެރިވާ މައިގަނޑު ސަބަބަކީ އޭގެ "ނިމުމެއް ނެތް" ނުރައްކަލެވެ. އާދައިގެ ބޮމެއް ގޮވުމުން އޭގެ އަސަރު ނިމުނީއެވެ. ނަމަވެސް ނިއުކްލިއަރ ބޮމެއް ގޮވުމުން އުފެދޭ ރޭޑިއޭޝަން ނުވަތަ "ފޯލްއައުޓް" (Fallout) ވައިގެ ތެރޭގައި ދަތުރުކޮށް، އެތައް ސަތޭކަ މޭލު ދުރަށް ފެތުރެއެވެ. އަދި ބިމަށް ފައިބާ މި ވިހަ ފަސްގަނޑާއި ފެނުގެ ތެރޭގައި އެތައް އަހަރަކަށް ހުރެއެވެ. އޭގެ ސަބަބުން އަންނަން އޮތް ޖީލުތަކަށް އައިބު ކުދިން އުފަންވުމާއި ، ކެންސަރު ފަދަ ބަލިތައް ޢާންމުވެއެވެ. މިއީ މުޅި ދުނިޔޭގެ މޫސުމަށްވެސް ބަދަލު ގެނުވާފާނެ ، މުޅި އިންސާނިއްޔަތު ނެތިކޮށްލުމުގެ ގާބިލިއްޔަތު ހުރި އެއްޗެކެވެ.

​އީރާނުގެ އިސްލާމީ އިންގިލާބުގެ ދީނީ މުރުޝިދު ފަޤީހުން ކަމުގައިވާ އާޔަތުﷲ ޚުމެއިނީ (1902-1989) އާއި އަދި ޢަލީ ޚާމަނާއީ (1939-2026) އާއި ދެބޭފުޅުން ފަތުވާ ދެއްވާފައިވަނީ މިފަދަ ބިރުވެރި ފަނާކުރަނިވި ހަތިޔާރު އުފެއްދުމަކީ މުސްލިމުންނަށް ހުއްދަ ވާނޭ ކަމެއް ނޫން ކަމުގައެވެ. އެހެން ކަމުން އީރާނުގެ ރަސްމީ މަޥްޤިފަކީ ނިއުކްލިއަރ ބޮން ނުއުފެއްދުމެވެ. ނަމަވެސް އީރާނުގެ ދެމިއޮތުމަށް ނުރައްކާވެ ، އިތުރު ގޮތެއް ނެތިއްޖެނަމަ ބޮން އުފެއްދުމުގެ ހުއްދައެއް އޮންނާނެ ކަމުގައިވެ އެވެ.

ވީމާ ސުވާލަކީ އިޒްރޭލު ނުވަތަ އެމެރިކާއިން އީރާނަށް ނިއުކްލިއަރ ޙަމަލައެއް ދީފިނަމަ އީރާނުގައި އެޔަށް ދޭނެ ރައްދު އެބަހުރި ބާވައެ ވެ؟

މިކަމާ ގުޅޭ ގޮތުން ދުނިޔޭގެ ފެންވަރުގެ މާހިރެއް ކަމުގައިވާ ތިއޮޑޯ ޕޯސްޓޯލް

​މީގެ ދެ ދުވަސް ކުރިން ދެއްވާފައިވާ އިންޓަވިއުއެއް އަޅުގަނޑު ބަލައިލީމެވެ. އެބޭފުޅަކީ މި މަޥްޟޫޢަށް ވާހަކަ ދެއްކުމުގެ ލަޔާޤަތާއި ޙައިސިއްޔަތު އޮތް ބޭފުޅެކެވެ. ތިއޮޑޯ ޕޯސްޓޯލް އަކީ އެމެރިކާގެ މަޝްހޫރު މަސަޗޫސެޓްސް އިންސްޓިޓިއުޓް އޮފް ޓެކްނޮލޮޖީ (MIT) ގެ ޝަރަފްވެރި ޕްރޮފެސަރ އިމެރިޓަސްއެކެވެ. އޭނާއަކީ ނިއުކްލިއަރ އިންޖިނިއަރިންގް އިން ޕީއެޗްޑީ ޙާޞިލްކުރައްވައިގެން ހުންނެވި ، ފިޒިކްސްގެ ދާއިރާގެ ބޭފުޅެކެވެ. އޭނާ ވަނީ އެމެރިކާގެ ޕެންޓަގަންގައި "ސައިންޓިފިކް އެޑްވައިޒަރ" އެއްގެ ގޮތުގައި މަސައްކަތްކުރައްވައި ، މިސައިލް ޑިފެންސް ސިސްޓަމްތަކާއި ނިއުކްލިއަރ ހަތިޔާރުގެ ފަންނީ ކަންކަން ދިރާސާކުރައްވާފައެވެ. އޭނާއަކީ ހަތިޔާރުގެ ގާބިލިއްޔަތު ވަޒަންކުރުމުގައި ދުނިޔޭގައި ހުރި އެންމެ އިތުބާރު ހުރި އެއް މާހިރެވެ.
އަމިއްލަފުޅަށް ތިރީގައިވާ ލިންކުގައި އެވާ ވީޑިއޯ ބައްލަވާލައްވާށެވެ. ސަބަބަކީ އޭގައި ދެކެވެނީ ވަރަށް ޓެކްނިކަލް ވާހަކަ ތަކަކަށް ވާތީއެވެ.
​ޕްރޮފެސަރު ޕޯސްޓޯލް ބަޔާންކުރައްވާ ގޮތުގައި ނިއުކްލިއަރ ބޮމެއް އުފެއްދުމަކީ މިހާރު އީރާނަށް އުނދަގޫ ކަމަކަށް ނުވާނެއެވެ.

މީގެ މައިގަނޑު ސަބަބުތަކެއް ކަމުގައި އޭނާ ބަޔާން ކުރައްވަނީ:

● ​ޔުރޭނިއަމްގެ މިންވަރު: ނިއުކްލިއަރ ބޮމެއް ހަދަން ބޭނުންވަނީ ވަރަށް ބޮޑަށް ސާފުކޮށްފައިވާ ޔުރޭނިއަމްއެވެ. އީރާނުން މިހާރު ވަނީ %60 އަށް ޔުރޭނިއަމް ސާފުކޮށް (Enrich ކޮށް) ފައެވެ. އާންމު މީހަކަށް މިއީ %90 އާ ދުރު މިންވަރެއްހެން ހީވި ނަމަވެސް، ސައިންޓިފިކް ގޮތުން ބަލާއިރު %60 އަށް ސާފުކުރުމަކީ ބޮމެއް ހަދަން ބޭނުންވާ %90 އަށް ވާސިލްވުމުގެ %90 މަސައްކަތް ނިމުމެވެ. އެންމެ ފަހު މަރުޙަލާއަކީ ވަރަށް ކުރު މުއްދަތެއްގެ ތެރޭގައި ކުރެވޭނެ ކަމެކެވެ.
● ​ގޭހުން މަޢުދަނަށް ބަދަލުކުރުން (Metal Conversion): ނިއުކްލިއަރ ބޮމެއްގެ އެތެރޭގައި އޮންނަ "ކޯ" (Core) ހަދަން ބޭނުންވަނީ ޔުރޭނިއަމް މަޢުދަނެވެ. އީރާނުން މިހާރުވެސް ވަނީ ޔުރޭނިއަމް މައުދަން އުފެއްދުމުގެ ޓެކްނޮލޮޖީ ޙާސިލްކޮށްފައެވެ.
​"ބްރޭކްއައުޓް" މުއްދަތު: އީރާނުން ބޭނުންވެއްޖެނަމަ، މަދު ހަފުތާތަކެއްގެ ތެރޭގައި 10 ނުވަތަ 12 ބޮމަށް ބޭނުންވާ މިންވަރަށް ޔުރޭނިއަމް މުއްސަނދިކުރެވިދާނެއެވެ. އެހެންކަމުން އެމީހުން މާކުރިއްސުރެވެސް ތިބީ ނިއުކްލިއަރ ބާރަކަށް ވުމުގެ "ދޮރުމަތީގައެވެ".
● ​ފަންނީ ހުރިހާ ބައިތަކެއް ފުރިހަމަވުން: ބޮމެއް އުފެއްދުމަށް ބޭނުންވާ ސެންޓްރިފިއުޖްތަކާއި، ބޮން ގޮއްވާލުމަށް ބޭނުންވާ އުކުޅުތަކާއި، މިސައިލްގެ ގާބިލިއްޔަތު އީރާނަށް މިހާރު ވަނީ ލިބިފައެވެ. ޖާސޫސީ ރިޕޯޓުތައް ބުނާގޮތުން، ބޮން ރާވާލުމަށް ބޭނުންވާ ހުރިހާ ފަންނީ ދިރާސާއެއް އީރާނުން ވަނީ ފުރިހަމަކޮށްފައެވެ. މިފަދަ ކަންތަކަށް ބޭނުންވާނޭ ސާމާނާއި ވަޞީލަތްތައް ވަނީ އީރާނުގެ ބިމު އަޑީގައެވެ.
● ​ބޮން ރާވާލުން (Weaponization): ބޮމެއް ގޮއްވާލުމަށްޓަކައި ޔުރޭނިއަމްގެ ދެ ބައެއް ބާރުގަދަ ގޮއްވުމަކުން އެއްކޮށްލަން ޖެހެއެވެ. ޕްރޮފެސަ ޕޯސްޓޯލް ވިދާޅުވާ ގޮތުގައި، މިފަދަ "ސިމްޕަލް ގަން-ޑިޒައިން" ބޮމަކީ ޓެސްޓުކުރުމަކާއި ނުލައިވެސް ކާމިޔާބުކަމާއެކު ގޮއްވާލެވޭނެ އެއްޗެކެވެ. އޭނާ ވިދާޅު ވިގޮތުގައި އެމެރިކާއިން ހިރޯޝީމާއަށް ވައްޓާލި ފާޑުގެ ބޮމަކީވެސް ޓެސްޓުނުކޮށް ވައްޓާލި ބޮމެކެވެ.

​ގައުމު ތަކުން ދެކޭގޮތުގައި ނިއުކްލިއަ ހަތިޔާރު އަތުގައި ހުރުމަކީ އެ ގައުމަށް އެހެން ބަޔަކު ނިއުކްލިއަރ ޙަމަލައެއް ދިނުމުގެ ފުރުޞަތު ބަންދު ކުރުމަށް އޮތް އެންމެ ވަރުގަދަ ވަސީލަތެވެ. ޕްރޮފެސަރު ޕޯސްޓޯލް ވިދާޅުވާ ގޮތުގައި ، އީރާނީން މިހާރުވެސް ތިބީ ނިއުކްލިއަރ ބޮމެއް އަތުގައި ނެތަސް ، ބޭނުންވެއްޖެ ހިނދެއްގައި އެ އުފެއްދުމުގެ "ގާބިލިއްޔަތު" އޮތުމުން ލިބޭ ރައްކާތެރިކަމުގައެވެ. އީރާނުގައި ބޮން ހުރުން ނުވަތަ ބޭނުން ވެއްޖެ ޙާލަތެއްގައި ބޮން ހެދުމުގެ ގާބިލްކަން އޮތްނަމަ އިޒްރޭލުން އީރާނަށް ނިއުކްލިއަރ ޙަމަލަ ދޭން ފަސްޖެހޭނެއެވެ.

ރައްދު ޙަމަލާއެއް އީރާނުން ދިނުން ގާތީ ވެތިރަށް ތަލް އަބީބަށެވެ.

އިސްރާއީލުން އީރާނަށް ނިއުކްލިއަ ހަމަލާއެއް ދީފި ނަމަ ، އީރާނުން ތަލް އަބީބަށް ދީފާނެ ރައްދު ޙަމަލާއަކީ އިންސާނީ ތާރީޚު ނުދެކޭ ފަދަ ބިރުވެރި ކަމަކަށް ވާނެ ކަމަށް ޕޯސްޓޯލް އިންޒާރު ދެއްވައެވެ. އޭނާގެ ދިރާސާގައި ބުނުއްވަނީ ތަލް ޢަވީވަށް އީރާނުން ރައްދު ޙަމަލާ ދޭނީ މުޅި ރަށް ފުނޑުފުނޑު ވާފަދަ ގޮތަކަށް އެއްވަގުތަކު ތިން ހިސާބަކަށް ތިން ބޮން އަޅައިގެންނެވެ. އޭގެ ނަތީޖާއަކީ އެތައް ކިލޯމީޓަރެއްގެ ވަށަމިނުގެ ސަރަޙައްދު ފުނޑުފުނޑުވެ އެ ސަރަޙައްދުގައި ތިބިހައި އިންސާނުންނެއް ސިކުންތު ކޮޅެއްގެ ތެރޭގައި ފަނާ ވެގެން ދިއުމެވެ.

​އިޒްރޭލު ފަދަ ނުބައި ނުލަފާ، ބިން ފޭރޭ، ޤަތުލު ޢާންމު ހިންގާ ބަޔަކަށްވެސް ނިއުކްލިއަރ ޙަމަލަ އެއް ދިނުމަކީ އިންސާނެއްގެ ޙައިސިއްޔަތުން އެއްގޮތަކަށްވެސް ހިތް ރުހެވޭ ކަމެއް ނޫނެވެ. އެއީ އެއިގެ ބިރުވެރިކަން ބޮޑު ކަމުންނެވެ. އެނގޭ އެއްޗަކީ އީރާނުގައި ނިއުކްލިއަރ ބޮން ހުއްޓަސް އީރާނުން އިސްވެ ނިއުކްލިއަރ ޙަމަލައެއް ނުދޭނެ ކަމެވެ. ސަބަބަކީ އީރާނުން ހަނގުރާމައިގެ ޕްރޮޓޮކޯލް ނުވަތަ އަސާސީ އިންތަކެއް ކަމުގައި ބަލަނީ އިސްލާމީ މިންގަނޑު ތަކެވެ.

އީރާނުން މިހަނގުރާމައިގައި ޙަމަލަ ދެމުންދާ ގޮތަށާއި، ޙަމަލަ ތަކުގެ މިންވަރާއި ބާވަތްތަކާއި އަމާޒު ތައް އިތުރުކޮށް މައްޗަށް ގެންދިއުމުގެ ފައްތަރުތައް ނުވަތަ "އެސްކެލޭޝަން ލެޑަ" ގައި ޢަމަލު ކުރަމުން އެގެންދާ ގޮތާއިމެދު ވިސްނާލުމުންވެސް އެކަން ރީއްޗަށް ފެންނާނެއެވެ. ނަމަވެސް އީރާނާއި ދެކޮޅަށް މިފަނާ ކުރަނިވި ހަތިޔާރު ބޭނުން ކޮށްފި ޙާލަތެއްގައި އީރާނުގައި ވެސް އެފަދަ ހަތިޔާރު ހުރި ނަމަ ރައްދު ދިނުން ނޫން ގޮތެއް ނޯންނާނެއެވެ.

​އަޅުގަނޑުމެންގެ ދުޢާއަކީ ނިއުކްލިއަ ބޮމުގެ ބިރުވެރި ކަމުން އީރާނާއި އެހެނިހެން މުސްލިމް ބިންތަކާއި އަދި ދުނިޔެ ސަލާމަތް ކުރެއްވުމެވެ. އެޓަމް ބޮމާއި ހިސާބަށް ނުގޮސް މިހަނގުރާމައިން އިސްލާމުންނަށް ތާރީޚީ ކާމިޔާބެއް ދެއްވައި މުސްލިމުންގެ ޢަދުއްވުން ބަލި ކުރެއްވުމެވެ.

ނޯޓް: މިއީ ޑރ. މައުރޫފް ހުސައިންގެ ލިޔުއްވުމެކެވެ.