އައްޑޫ ހުޅުމީދޫގައި މިފްކޯ އިން ގާއިމުކުރި މަސް ޕްރޮސެސިންގ ފެސިލިޓީ ހުޅުވައިފި އެވެ.
މިއީ، ރާއްޖޭގެ ދެކުނުން ކަންނެލި ގަނެ ޕްރޮސެސް ކުރުމުގެ މަޤްޞަދުގައި ހުޅުވި ތަނެކެވެ.
އެ ފެސިލިޓީ ހުޅުވީ މިކަމަށްޓަކައި ހުޅުމީދޫގައި އިއްޔެ ބޭއްވި ރަސްމިއްޔާތެއްގައެވެ. އަދި އެތަން ހުޅުވަި ދެއްވީ ފިޝަރީޒް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އާމިނަތު ޙުސައިން ޝަރީފެވެ. އެ ރަސްމިއްޔާތުގައި މިފްކޯގެ ސީއީއޯ ފަރުޙަތު ޝަހީރާއި، މިފްކޯގެ އިސްވެރިންނާއި، އައްޑޫ ފިޝަރީޒް ކޮމްޕްލެކްސްގެ އިސްވެރިން ބައިވެރިވެ ވަޑައިގެންނެވި އެވެ.
އައްޑޫ ފިޝް ޕްރޮސެސިން ފެސިލިޓީގެ ސަބަބުން އައްޑޫ ރައްޔިތުންނަށް ރައްކާތެރި ގޮތުގައި މަސް ބަންދުކޮށް، އިތުބާރު ހިފޭ އުފެއްދުންތަކެއްގެ ގޮތުގައި ލިބި، މަސްވެރިކަމުން ނަފާ އިތުރު ކުރުމުގެ ފުރުޞަތު ފަހިވެގެންދާނެ ކަމަށް މިފްކޯއިން ބުންޏެވެ.
އެ ކުންފުނިން ބުނީ އެތަނުގައި މަސް ޕްރޮސެސް ކުރުމުގައި ބޭނުން ކުރާނީ ބްލާސްޓް ފްރީޒިން މެތަޑު ކަމަށެވެ. އެގޮތުން ބަންދުކުރެވޭ މަސް މިއަދުން ފެށިގެން މިފްކޯ ހުޅުމީދޫ ފިހާރައިން ގަންނަން ލިބެން ހުންނާނެ ކަމަށާއި، ޑިސްޓްރިބިއުޓަރުން ހޯދައި، އައްޑޫގެ ހުރިހާ ހިސާބަކުން އެ ފެސިލިޓީގެ އުފެއްދުންތައް ރައްޔިތުންނަށް ލިބޭނެ އިންތިޒާމު ހަމަޖެއްސުމުގެ މަސައްކަތް ފަށާފައިވާ ކަމަށް ވެސް މިފްކޯ އިން ބުންޏެވެ.