ނަތީޖާ ނެރެދެވޭނެ ކައުންސިލެއް ހުޅުދޫ އަށް މުހިއްމު ކަމަށް، އެ ދާއިރާގެ މެމްބަރު މުހައްމަދު ޝާހިދު (ޝާޑު) ވިދާޅުވެއްޖެ އެވެ.
ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބާ ގުޅޭގޮތުން ޝާޑު ވިދާޅުވީ ހުޅުދޫގައި އަލަށް އުފެދޭ ކައުންސިލާއި މެދު ރައްޔިތުންގެ ފޮނި އުންމީދުތަކެއް އެބައޮތް ކަމަށާއި ރައްޔިތުންނަށް އެދެވޭ ނަތީޖާއެއް ނެރެދެވޭނެ ކައުންސިލެއް އުފެދުމަކީ، ހުޅުދޫ ދާއިރާގެ މަޖިލިސް މެންބަރުގެ ހައިސިއްޔަތުން، އޭނާގެ ވެސް އެދުމެއް
ލާމަޒުކަޒީ ނިޒާމުގެ ބޭނުމަކީ، ރަށުގެ އެންމެ އަސާސީ ހިދުމަތްތައް، ރައްޔިތުންގެ އެދުމާއި އެއްގޮތަށް، ރައްޔިތުންނާއި ގާތުން މަޝްވަރާ ވެވިގެން، ރައްޔިތުންގެ ތެރެއިން އިންތިޚާބު ކުރެވޭ ބަޔަކު ފޯރުކޮށް ދިނުން ކަމަށާއި އަދި ދައުލަތުން ފޯރުކޮށްދެވޭ އެންމެހައި ޚިދުމަތްތައް ސަރުކާރާއި ދައުލަތުގެ މުއައްސަސާ ތަކާއި ކައުންސިލް ގުޅިގެން ފޯރުކޮށްދިނުން ކަމަށް ޝާޑު ވިދާޅުވި އެވެ.
ޝާޑު ވިދާޅުވި ގޮތުގައި މިއަދުގެ ސިޔާސީ މާހައުލަށް ނަޒަރު ހިންގާލާއިރު ފެންނަން އޮތް ހަޤީގަތަކީ ޕީއެންސީގެ މި ސަރުކާރަކީ ލާމަރުކަޒީ ނިޒާމު ހަރުދަނާކޮށް ރަށްރަށުގެ ރައްޔިތުންނަށް ދެވޭ ޚިދުމަތްތަކަކީ އެންމެ އެދެވޭ ގޮތަށް ފޯރުކޮށްދެވޭ ޚިދުމަތްތައް ކަމުގައި ހަދައި އެކަމަށް މަގުފަހި ކުރުމަށް ކައުންސިލްތައް ބާރުވެރި ކުރުވާ ސަރުކާރެއް ކަމެވެ. އެހެނަސް ވާދަވެރި ސިޔާސީ ފިކުރުގެ ޢަމަލުތަކަށް ބަލާއިރު ފެންނަނީ ސަރުކާރުން ރައްޔިތުންގެ ޙައްޤުގައި ކުރިއަށް ގެންދަން ބޭނުންވާ ކަންތަކުގައިވެސް، ފާޅުކަން ބޮޑު ގޮތެއްގައި ދެކޮޅުހަދައި، ޒިންމާދާރުކަން ކުޑަގޮތަކަށް ސިޔާސީ މަސައްކަތްކުރާތަން ކަމަށް ޝާޑު ވިދާޅުވި އެވެ.
"ހުޅުދޫގެ ކަންކަމަށް ނަޒަރު ހިންގާލާއިރުވެސް މި ޙަޤީޤަތް މިހެން ފެންނަށް އެބައޮތެވެ. ނިމިދިޔަ އައްޑޫ ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ވޯޓްގައިވެސް ވާދަވެރި ސިޔާސީ ޕާޓީގެ ފަރާތުން ފެނިގެން ދިޔައީ ހުޅުދޫގެ އިދާރީ މިނިވަންކަން ހޯދާދިނުމަށް ފާޅުކަން ބޮޑު ގޮތަކަށް ދެކޮޅު ހެދި މަންޒަރެވެ. އަދި މި ވަގުތު އޮތް، މި ދެންނެވި ސިޔާސީ ޕާޓީގެ މެޖޯރިޓީއޮތް އައްޑޫ ސިޓީ ކައުންސިލްގެ ޢަމަލުތައްވެސް ހުރީ، ހަމަ އެފަދަ ގޮތަކަށްކަން މިފުރުޞަތުގައި ފާހަގަކުރަމެވެ،' ޝާޑު ވިދާޅުވި އެވެ.
ޝާޑު ވިދާޅުވީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވަޢުދުފުޅުގައި ހިމެނޭ ސަރުކާރުގެ ސަބުސިޑައިޒްޑް ރޭޓުގައި ތެޔޮ ފޯރުކޮށްދޭ ޝެޑެއް ކޮންމެ އަތޮޅެއްގައި ގާއިމު ކުރުމުގެ ސިޔާސަތުގެ ދަށުން، ހުޅުދޫގައި ގާއިމު ކުރެވޭ އެފްއެސްއެމް ގެ ޝެޑް ހެދުމަށް ބޭނުންވާ ބިން ހޯދުމަށް ސިޓީ ކައުންސިލާއެކު މަސައްކަތް ކުރަމުން ދާތާ 8 މަސް ދުވަސް ވެގެން ދިޔައިރު، މިއަދާހަމާވެސް އެ ބިން ހަވާލު ނުކުރެވި އޮތުމަކީ މިކަމަށް ބާރު ލިބިދޭ ފަދަ ހަޤީޤަތެއް ކަމަށެވެ.
އެހެންކަމުން، ސިޔާސީ ވާދަވެރި ކަމެއްގައި، ރައްޔިތުންގެ ޙައްޤުތައް އެކަހެރިކޮށް، ފޮރުވިފައިވާ ސިޔާސީ އެޖެންޑާއެއްގެ ދަށުން ޒިންމާދާރުކަން ކުޑަ ގޮތަކަށް މަސައްކަތް ކުރާނެ ކައުންސިލެއް އިންތިހާބު ކުރެވިއްޖެ ނަމަ، އޭގެ ނޭދެވޭ އަސަރު ކުރިއަށްއޮތް ދުވަސް ތަކުގައި ހުޅުދޫއަށް ކުރާނެ ކަމަށާއި އެެފަދަ ޙާލަތެއްގައި މިސަރުކާރުގެ ސިޔާސަތު ތަކުގެ ދަށުން ތަންފީޒު ކުރުމަށް ރާވަމުން އަންނަ، މަޝްރޫޢުތައް ހިންގުމަށް ބުރޫއަރައި ރައްޔިތުންނަށް ދެވޭ ޚިދުމަތްތައް މަޑު ޖެހިގެން ގޮސްދާނެ ކަމުގެ ކަންބޮޑުވުން އެބަ އޮތް ކަމަށްވެސް ވިދާޅުވި އެވެ.
"އަޅުގަނޑަކީ، އަބަދުވެސް ހުޅުދޫގެ ކުރިއެރުމަށް ކޮންމެ މަސައްކަތެއްގައި ވަކި ފިކުރަކަށް ބެލުމެއް ނެތި ރައްޔިތުންގެ ހެވާއި ލާބައަށްޓަކައި، ސަރުކާރާއި ގުޅިގެން މަސައްކަތް ކުރަމުން އަންނަށް މީހެކީމެވެ. ވުމާއެކު، އަޅުގަނޑުގެ އިޚްލާސްތެރި އެދުމަކީ، ހުޅުދޫގެ ހުރިހާ ލޮބުވެތި ރައްޔިތުން އިސްވެ ދެންނެވުނު ސަބަބުތަކަށްޓަކައި، އޭޕްރިލް 4 ގައި ނިކުމެއް ޕީއެންސީގެ 10 ކެންޑިޑޭޓުންނަށް ވޯޓް ދެއްވައި، ހަމަ އެދުވަހުނެގޭ ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ވޯޓުގައި ފެންނަށް ކަމަށް ވޯޓް ދެއްވުމަށެވެ،" ޝާޑު ވިދާޅުވި އެވެ.