Last Updated: June 6, 17:49
Saturday, June 6, 2026
ޚަބަރު

ދަރަވަންދޫ އެއާޕޯޓުގެ ޓާމިނަލް ބޮޑުކުރުމުގެ މަސައްކަތް ފަށައިފި

ބ. ދަރަވަންދޫ އެއާޕޯޓުގެ ޓާމިނަލްގެ ޖާގަ ބޮޑުކުރުމުގެ އަމަލީ މަސައްކަތް ރަސްމީކޮށް މިއަދު ފަށައިފި އެވެ.

މި މަސައްކަތް ރަސްމީކޮށް ފައްޓަވައިދެއްވީ ދަރަވަންދޫގައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި ދަތުރުފަތުރާއި މަދަނީ އުދުހުންތަކާއި ބެހޭ ވަޒީރު މުޙައްމަދު އަމީންއެވެ.

މި ރަސްމިއްޔާތުގެ ތެރެއިން ދަރަވަންދޫ އެއާޕޯޓު ހިންގުން ރަސްމީކޮށް އައިލެންޑް އޭވިއޭޝަން ސަރވިސަސް ލިމިޓެޑާ ވަނީ ޙަވާލުކޮށްފައެވެ. މި އެއްބަސްވުމުގައި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ ދަތުރުފަތުރާއި މަދަނީ އުދުހުންތަކާއި ބެހޭ ވުޒާރާގެ ޑިރެކްޓަރ ޖެނެރަލް އަޙްމަދު ޝަމީމެވެ. އަދި އައިލެންޑް އޭވިއޭޝަންގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ އިބްރާހީމް އިޔާސްއެވެ.

މި މަޝްރޫޢުގެ ދަށުން ޖުމްލަ 814 އަކަމީޓަރުގެ ޖާގައެއް އިމާރާތް ކުރުމަށް ވަނީ ނިންމާފައެވެ. މީގެ ތެރޭގައި އެރައިވަލް ހޯލް ބޮޑުކުރުމާއި، ޗެކިން އަދި އެރައިވަލް ބެލްޓް އިތުރު ކުރުމުގެ އިތުރުން ޑިޕާޗަރ ހޯލުގައި ކެފޭއަކާއި ޑިޕާޗަރ ގޭޓެއް އިތުރުކުރުން ހިމެނެއެވެ.

އީޕޯޗް އެސޯސިއޭޓްސްއިން ފަރުމާކޮށްފައިވާ މި ޓާމިނަލް ބިނާކުރަނީ ރާއްޖޭގެ ކަނޑުއަޑީގެ ރީތި މަންޒަރުތައް ދައްކުވައިދޭ ޒަމާނީ ފަރުމާއަކަށެވެ.

އާ ޓާމިނަލް ނިމުމުން އެއްފަހަރާ 175 ފަސިންޖަރުންނަށް ޚިދުމަތް ދެވޭނެއެވެ. މީގެ އިތުރުން 75 މީހުންގެ ޖާގަ ހިމެނޭ ލައުންޖަކާއި، ’ބޭބީ ކެއަރ‘ ފެސިލިޓީއެއް ވެސް މިތަނުގައި ހުންނާނެއެވެ. މި ބަދަލާއެކު އެއްވަގުތެއްގައި ތިން ބޯޓަށް ޚިދުމަތް ދިނުމުގެ ޤާބިލުކަން އެއާޕޯޓަށް ލިބިގެންދާނެ ކަމަށް އައިލެންޑް އޭވިއޭޝަނުން ބުނެއެވެ.