Last Updated: June 6, 17:49
Saturday, June 6, 2026
ޚަބަރު

ރެކޯޑު އަދަދަކަށް އަސާސީ މުދާ އިންޑިއާއިން ފޯރުކޮށް ދެނީ

ރާއްޖެ އާއި އިންޑިއާއާ ދެމެދު އޮންނަ ހާއްސަ އެއްބަސްވުމެއްގެ ދަށުން، އަސާސީ މުދާ ރާއްޖެއަށް ގެނައުމަށް ދީފައިވާ މުއްދަތު ދިވެހި ސަރުކާރުން އެދިގެން އަނެއްކާވެސް އިތުރުކޮށްދީފައިވާ ކަމަށް ރާއްޖޭގައި ހުންނަ އިންޑިއާ ހައިކޮމިޝަނުން ބުނެފި އެވެ.

އިންޑިއާ ހައިކޮމިޝަނުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، މި އެއްބަސްވުމުގެ ދަށުން ރާއްޖެއަށް ބޭނުންވާ ބިހާއި، ފިޔާ، އަލުވި، މުގު، ހަނޑޫ، ހަކުރު، ފުށް އަދި ހިލަ އާއި ހިލަވެލި އެތެރެކުރުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށެވެ. މިއީ 1981 ވަނަ އަހަރު ދެ ގައުމުގެ ދެމެދުގައި ވިޔަފާރީގެ އެއްބަސްވުން ގާއިމުކުރި ފަހުން، އެއްފަހަރާ މުދާ އެތެރެކުރަން ހުއްދަ ދިން އެންމެ ބޮޑު އަދަދު ކަމަށްވެސް ހައިކޮމިޝަނުން ފާހަގަކުރެ އެވެ.

އިންޑިއާ ސަރުކާރުން ބުނެފައިވަނީ މި މުއްދަތު އިތުރުކޮށްދީފައިވަނީ އެ ގައުމުގެ ”ނެއިބަހުޑް ފަސްޓް ޕޮލިސީ” ނުވަތަ އަވަށްޓެރި ގައުމުތަކަށް އިސްކަންދިނުމުގެ ސިޔާސަތުގެ ދަށުން ކަމަށެވެ.

އަސާސީ ކާބޯތަކެއްޗާއި އެހެނިހެން މުދާ، އެހެން ގައުމުތަކަަށް އެކްސްޕޯޓް ކުރުން ހުއްޓާލާ ހާލަތެއްގައިވެސް، ރާއްޖެއަށް ބޭނުންވާ އަސާސީ މުދާ ފޯރުކޮށްދޭނެ ކަމަށް ހައިކޮމިޝަނުން ބުންޏެވެ.