Last Updated: June 6, 17:49
Saturday, June 6, 2026
ޚަބަރު

ބީއެމްއެލުން 70 ޑޮލަރު އޭޓީއެމް ހިމެނޭހެން 90 އޭޓީއެމް

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ޤާއިމުކުރި އައު ބްރާންޗް ނެޓްވޯކާއި، އެ ބޭންކުން އަލަށް ޤާއިމުކުރި އޭޓީއެމްތަކުގެ ޚިދުމަތް، ރައީސް ޑރ. މުހައްމަދު މުޢިއްޒު މިރޭ އިފްތިތާޙުކޮށްދެއްވައިފި އެވެ.

ބާސެލޯ ނަސަންދުރާގައި ރޭ އޮތް ރަސްމިއްޔާތުގައި ރައީސް ވަނީ، ބީއެމްއެލްގެ އައު ބްރާންޗް ނެޓްވޯކް، 6 ރަށެއްގައި އެއް ވަގުތެއްގައި އިފްތިތާޙުކޮށްދެއްވާފަ އެވެ. ހަމަމިއާއެކު އެމަނިކުފާނު ވަނީ ރާއްޖޭގެ އެކިކަންކޮޅުތަކުގައި ބީއެމްއެލުން އަލަށް ޤާއިމުކުރި 90 އޭޓީއެމްގެ ޚިދުމަތްވެސް އިފްތިތާޙުކޮށްދެއްވާފަ އެވެ. މިރޭ، އެއް ވަގުތެއްގައި އެމަނިކުފާނު އިފްތިތާޙުކޮށްދެއްވީ 70 ޑޮލަރު އޭޓީއެމް އާއި ދިވެހި ރުފިޔާގެ 20 އޭޓީއެމްގެ ޚިދުމަތެވެ.

މުޅި ރާއްޖެއަށް ބޭންކިން ޚިދުމަތް ފުޅާކުރެއްވުމަކީ ރައީސް މުޢިއްޒު ޚާއްޞަ އިސްކަމެއްދެއްވާ ކަމެކެވެ. އެގޮތުން، މުޅި ރާއްޖެއަށް ބޭންކިންގ ޚިދުމަތް ލިބޭނެގޮތް މަގުފަހިކޮށްދިނުމަށްޓަކައި ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި އޭ.ޓީ.އެމްގެ ޚިދުމަތް ޤާއިމުކޮށް، ހުރިހާ ދިވެހި ރައްޔިތުންނަށް ވީހާވެސް ގާތުން، ފަސޭހަކަމާއެކު ބޭންކިންގގެ ޚިދުމަތްތައް ފޯރުކޮށްދިނުމަށް އެމަނިކުފާނު އިސްނަންގަވައިގެން ވަނީ ކާމިޔާބު މަޝްރޫޢެއް ކުރިއަށްގެންދަވާފައެވެ.

އެގޮތުން ކުރިއަށްގެންދެވުނު "ދިވެހީންގެ ބޭންކް – މުޅި ރާއްޖެއަށް" މަޝްރޫޢު ރަސްމީކޮށް ނިންމާލާފައިވަނީ 2025 ވަނަ އަހަރުގެ އޮކްޓޫބަރު މަހުގައެވެ. މިއީ ރާއްޖޭގެ މީހުން ދިރިއުޅޭ ކޮންމެ ރަށެއްގައި މަދުވެގެން އެއް ސެލްފް ސަރވިސް ބޭންކިންގ ޔުނިޓް (އޭ.ޓީ.އެމް)ގެ ޚިދުމަތް ކަށަވަރުކުރުމަށްޓަކައި، އެންމެ 9 މަސްދުވަހުގެ ތެރޭގައި ހިންގެވި މުހިންމު މަޝްރޫޢެކެވެ.

ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި، ސެލްފް ސަރވިސް ބޭންކިންގ، އޭ.ޓީ.އެމް ޤާއިމުކޮށް، އެ ޚިދުމަތް ލާމަރުކަޒު ކުރުމުގެ ސަބަބުން، ރަށުގައި ތިއްބަވައިގެން ފައިސާ ޖަމާކުރުމާއި، ފައިސާ ނެގުމާއި، ފައިސާ ޓްރާންސްފަރ ކުރުމާއި އަދި ކްރެޑިޓް ކާޑާއި ލޯނުތަކަށް ފައިސާ ދެއްކުން ފަދަ ޚިދުމަތްތައް، ފަސޭހައިން ލިބޭނެގޮތް މިހާރުވަނީ ހަމަޖެހިފައެވެ.