Last Updated: June 6, 17:49
Saturday, June 6, 2026
ޚަބަރު

މިއީ ރައީސަށް ވަރުގަދަ ހަދިޔާއެއް އަރުވަން ލިބޭ ފުރުސަތެއް

ރައީސް ޑރ. މުހައްމަދު މުއިއްޒާއި ޕީއެންސީގެ ޕީޖީ ލީޑަރު އިބްރާހިމް ފަލާހް - ފޮޓޯ: ރައީސް އޮފީސް

ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބަކީ ރައީސް ޑރ. މުހައްމަދު މުއިއްޒަށް ވަރުގަދަ ހަދިޔާއެއް އަރުވަން ލިބޭ ރަނުގެ ފުރުސަތެއް ކަމަށް ވެރިކަން ކުރާ ޕީއެންސީގެ ޕާލިމަންޓްރީ ގްރޫޕް (ޕީޖީ)ގެ ލީޑަރު އަދި އިނގުރައިދޫ ދާއިރާގެ މަޖިލިސް މެންބަރު އިބްރާހިމް ފަލާހު މިއަދު ވިދާޅުވެއްޖެ އެވެ.

ޕީއެންސީ ހަރުގޭގައި ބޭއްވި ޖަލްސާގައި ފަލާހު ވިދާޅުވީ ރައްޔިތުންނާއި މިހާ ކައިރިން ވެރިކަން ކުރާ ވެރިއަކު ރައްޔިތުންނަށް ނުދެއްކޭނެ ކަމަށާއި އެމްޑީޕީގެ ބޭފުޅުން ވެސް ރައީސް މުއިއްޒު ރައްޔިތުންނާއި ގާތުން ކުރައްވަމުން ގެންދަވާ މަސައްކަތްތަކަށް ތައުރީފުކުރާ ކަމަށެވެ. ރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް ޒިޔާރަތް ކުރައްވައި ހުރިހާ ކައުންސިލްތަކާއި ރައްޔިތުންނާއި ރައީސް ބައްދަލުކުރައްވާފައިވާ ކަމަށާއި އަދި މާލޭގެ އެކި އަވަށްތަކާއި އެކި ފަހަރުމަތިން ބައްދަލުކުރައްވާފައިވާ ކަމަށް ފަލާހު ވިދާޅުވި އެވެ.

ރައްޔިތުންނާއެކު ބާއްވާ ބައްދަލުވުންތަކުގައި ރައްޔިތުންގެ ފަރާތުން އަންނަ ކަންކަން ރައީސް ފުއްދަވައިދެއްވާފައިވާ ކަމަށާއި ކުރިއަށް އޮތީ ރައީސަށް ވަރުގަދަ ހަދިޔާއެއް ދޭން ރަނުގެ ފުރުސަތެއް ކަމަށްވެސް ފަލާހު ވިދާޅުވި އެވެ.

"ރައްޔިތުންނަށް މިއޮތީ ރަނުގެ ފުރުސަތެއް މިއޮތީ އެމަނިކުފާނަށް ވަރުގަދަ ހަދިޔާއެއް އަރުވަން ލިބޭ،" ފަލާހު ވިދާޅުވި އެވެ.

މީގެކުރިން އެއްވެސް ސަރުކާރަކަށް ކައުންސިލް އިންތިހާބު ކާމިޔާބު ކުރެވިފައި ނުވާ ކަމަށާއި ނަމަވެސް މި އިންތިހާބުގައި ވާދަކުރާ މިންގަނޑަށް ބަލާއިރު ވެސް މިހާރު މި އިންތިހާބު ޕީއެންސީއަށް ކާމިޔާބުވެފައިވާ ކަމަށް ފަލާހު ވިދާޅުވި އެވެ. އެގޮތުން އިންތިހާބަކާއި ނުލައި 70 ގޮނޑި ޕީއެންސީއަށް ލިބިފައިވާ ކަމަށާއި މިއީ އުފާވެރި ހަބަރުތަކެއް ކަމަށްވެސް އޭނާ ވިދާޅުވި އެވެ.