Last Updated: June 4, 23:58
Thursday, June 4, 2026
ދުނިޔެ

އީރާނު ހަނގުރާމައިގައި ދެން ވާނީ ކިހިނެތް؟

އީރާނު ހަނގުރާމައިގައި ދެންވާނީ ކިހިނެތް ހެއްޔެވެ؟؛ މިއީ ވަރަށް ގިނަބައެއްގެ ހިތުގައި އުފެދޭ ސުވާލެކެވެ. މި ސުވާލަކީ ދުނިޔޭގެ ވަރަށް ގިނަ ލިޔުންތެރިންނާއި ރިޕޯޓަރުން އަސްކަރީ މާހިރުންނާއި ދިރާސާކުރާ ފަރާތްތަކާ ހަވާލާދީ ކޮންމެ ދުވަހަކު ކަހަލަ ގޮތަކަށް ޖަވާބު ދެމުންދާ ސުވާލެއް ވެސް މެއެވެ. އެކަމަކު އެ ކުރާ އަންދާޒާތަކާއި ދައްކާ ގިނަ ވާހަކަތައް ދިމާލެއް ނުވެއެވެ. މިހެން ދީމާވާ އެންމެ ބޮޑު ސަބަބަކީ ހަނގުރާމައިގެ ތެދު ޚަބަރުތައް ދެފަރާތުންވެސް ނުލިބުމެވެ.

ޚާއްޞަކޮށް އެމެރިކާގެ ރައީސް ދެއްވާ އިންޒާރުތަކާއި ފާޅުގައި ހައްދަވާ އިތުރުފުޅުތަކާއި ދައްކަވާ ވާހަކަފުޅު އިރުއިރުކޮޅާ ބަދަލުވާލެއް އަވަސްވުމެވެ. އަދި އިޒުރޭލާއި އެމެރިކާއިން ހަނގުރާމަ ފުޅާކުރުމަށް ކުރާ ކަންތައްތަކާއި ދައްކާ ވާހަކަ ދިމާނުވުމާއި އީރާނާ ބެހޭ ގޮތުން ދައްކާ ވާހަކަތައް އެ ޤައުމުން ކުޑައިރުކޮޅެއްގެ ތެރޭގައި ދޮގު ކުރަމުން ގެންދިއުމެވެ.

ހަނގުރާމައަކީ ފެށުމަށްފަހު އޭގެ ކޮންޓްރޯލް ހަގީގަތުގައި އެއްވެސް ބައެއްގެ އަތުގައި އޮންނަ އެއްޗެއް ނޫނެވެ. ދެކޮޅުންވެސް މީހުން މަރުވެ ބޮޑެތި ގެއްލުންތައް ލިބެމުންދާނެއެވެ. ދެކޮޅު ވެސް މަކަރާއި އޮޅުވާލުމުގެ އުކުޅުތައް ހަދާނެއެވެ. އެފަދަ ވާހަކަތަކާއި ޕްރޮޕެގެންޑާތައް ފަތުރާނެއެވެ. މި ހަނގުރާމަގެ މަންޒަރުތައް ކަމަށްބުނާ އޭއައި އިން ޖަނަރޭޓު ކޮށްފައިވާ ވީޑިއޯތަކާއި ފޮޓޯތަކުން މީސް މީޑިއާ ވަނީ ފެންބޮޑުވެ ފައެވެ.

އަސްލު މަންޒަރުތައް ކަމަށް ހީކޮށް މިފަދަ މަންޒަރާއި އަޑު މީހުން ފަތުރަމުން އެބަދެއެވެ. އަދި ދުނިޔޭގެ ބޮޑެތި ބައެއް މީޑިއާ ވިއުގަތަކުން ވެސް މިފަދަ ފޮޓޯއާއި ވީޑިއޯތަކަކީ ހަގީގަތްކަމަށް ހީކޮށް ފަތުރަމުން ވެސް އެބަދެއެވެ. ބައެއް ފަރާތްތަކަށް "އެގަހުކޭލެއް، މިގަހު ކޭލެއް" ނޭނގި ކުރާ ދިރާސާތަކާއި އަންދާޒާތައް ހަގީގަތުގައި ހަގީގަތާ ވަރަށް ދުރެވެ.

ހަނގުރާމައިގައި ދެންވާނީ ކިހިނެތްތޯ ބަލާ ދިރާސާކުރާ ފަރާތްތަކުން ކައިރި ކުރިމަގެއްގައި ވާނެކަމަށް ލަފާކުރާގޮތްގޮތާއި ހަނގުރާމަ ނިމިގެންދާނެ ގޮތުގެ މައްޗަށް ލަފާކުރާ ގޮތްގޮތް ހާމަކުރަމުން ދެއެވެ. މި ވާހަކަތަކަށް ބަލާއިރު ހަނގުރާމައިގެ މިހިސާބުން ދެންވާނެ ގޮތްކަމަށް ކުރެވޭ ލަފާތަކަކީ މިއީއެވެ.

1. އެމެރިކާ ހަނގުރާމައިން ވަކިވުން

އެމެރިކާއިން މި ހަނގުރާމައިން ނިކުންނަށް ވަރަށް ބޮޑަށް ބޭނުންވެއެވެ. ދުނިޔޭގައި އެކަހެރިވެ، ޤައުމުގެ އެތެރޭގައި ޚިޔާލު ތަފާތުވެ ރައީސް ޓްރަމްޕުގެ މަގުބޫލުކަން ވެއްޓި، އެމެރިކާގެ ސިފައިން ހަނގުރާމައިގައި މަރުވާ ވަރު އިތުރުވެ، އަދި މަރުވާ މިންވަރު އިތުވާނެކަން ކަށަވަރުވާތީ އާއި އިގުތިސާދީ ގޮތުން ލިބޭ ގެއްލުންތައް ބޮޑުވާތީ ކިރިޔާ ފުރުސަތެއް ލިބުނަސް އެމެރިކާއިން މި ހަނގުރާމައިން ބޯ ދަމައިގަންނާނެއެވެ. އެކަމަކު މަލާމާތް ރައްދުވާ ގޮތަކަށް ހަނގުރާމައިން ވަކިވާން ބޭނުން ނުވަނީއެވެ. އަރަބި އިސްލާމީ ޤައުމުތަކުން ވެސް އެމެރިކާ މިހަނގުރާމައިން ވީހާ އަވަހަކަށް ނިކުންނަށް ބޭނުންވެ އެވެ. އެއީ އީރާނުން އެ ޤައުމުތަކަށްދޭ ހަމަލާތައް ހުއްޓުވުމަށެވެ.

އީރާނުން އަރަބި ޤައުމުތަކަށް ހަމަލާ ދެނީ އެމެރިކާގެ މަސްލަހަތު ހުރި ތަންތަނަށް ކަމަށް ބުނެ އެވެ. އެމެރިކާއިން ހަނގުރާމައިން ނިކުމެދާނެ އެއްގޮތަކީ އިޒުރޭލާ ދެބަސްވެ ޚިޔާލު ތަފާތުވެގެންކަމަށް ހަދައިގެން ނިކުތުމެވެ. އެއަށްފަހު އިޒުރޭލަށް ހަތިޔާރާ ވަސީލަތްތައް ދީގެން އީރާނު ފަނާކުރުން ކުރިއަށް ގެންދާ ގޮތަށެވެ.

އަނެއް ގޮތަކީ ބިލާދަރު ބޮޑު ދޮގެއް ނުވަތަ އޮޅުވާލުމެއްގެ ތެރެއިން ހަނގުރާމައިން ނިކުތުމެވެ. އެއީ އީރާނާއެކު އެއްބަސްވުމަކަށް އާދެވިއްޖެކަމަށްބުނެ ހަނގުރާމައިން އެއްފަރާތްވުމެވެ. މިޞްރާއި ގަޠަރާއި ތުރުކީ މެދުވެރިވެގެން ވެސް ފޯނުކޯލެއް ނަމަވެސް ލިބޭތޯ އެމެރިކާ ބަލައިފިއެވެ. ދެން އޮތް ގޮތަކީ ތިމަންނަމެން ބޭނުންވާ މަގުސަދު ހާސިލުވެއްޖެކަމަށް ބުނެ ހަނގުރާމައިން އެއް ފަރާތްވުމެވެ. މިފަދަ މޭރުމަކުން އެމެރިކާގެ ރައީސް ވަރަށް ގިނަ ފަހަރު ވާހަކަ ދައްކަވައިފި ވެސް މެ އެވެ.

2. އީރާނާއި އެމެރިކާއިން އެއްބަސްވުމެއްގެ ދަށުން ހަނގުރާމަ ހުއްޓާލުން

ރަސްމީ ސިފައެއްގައި ހަނގުރާމަ ހުއްޓާލަން ދެ ފަރާތުން ވެސް ބޭނުންވެއެވެ. ސަބަބަކީ މި ހަނގުރާމައިގައި ދެފަރާތަށް ވެސް ލިބެމުންދާ ގެއްލުންތައް ބޮޑުވުމެވެ. އަދި އީރާނުން ހުރުމޫޒު ކަނޑުއޮޅި ބަންދުކުރުމާއެކު ސައުދީއާއި ގިނަ އަރަބި ޤައުމުތަކެއްގެ އިގުތިސާދު ހާސްކަމުގެ ތެރެއަށް ވެއްޓި ، ދުނިޔޭގެ ތެލުގެ އަގު އުފުލި ޔޫެރަޕާއި މުޅި ދުނިޔެ ވެސް ދަތި ތަދު ދުވަސްތަކަކާ ދިމާއަށްދާތަން ފެންނާތީ އެވެ.

މައްސަލަ އަކީ އެއްބަސްވުމެއްގައި ހިމަނަން ދެ ފަރާތުން ހުށަހަޅާފައިވާ ޝަރުތުތަކުގެ ތެރޭގައި ވެސް ހުރީ އެއްބަސްވެވޭފަދަ ޝަރުތުތަކަކަށް ނުވާކަމެވެ. ޚާއްޞަކޮށް އީރާނުން ހުށަހަޅާފައި ހުރީ އެމެރިކާއިން އެ ޝަރުތުތައް ގަބޫލުކޮަށްފާނެ ކަހަލަ ޝަރުތު ތަކެއް ނޫނެވެ. އެއްބަސްވުމަކަށް ދެވޭނީ ކޮންމެވެސް އެެއް ފަރާތަކުން ނުވަތަ ދެފަރާތުން ވެސް ދޫތަކެއް ދީގެންނެވެ.
އެމެރިކާއާއި އިޒުރޭލުން ގަބޫލުކުރަމުން އައީ ގަސްތުގައި އީރާނުގެ ވެރިންނަށް ހަމަލާދީގެން އަދި ގިނައަދަދެއްގެ ވެރިން ޝަހީދުކޮށްލައިގެންނާއި، އާންމު ރައްޔިތުންގެ ގޯތިގެދޮރާއި ސްކޫލްތަކާއި ހޮސްޕިޓަލްތައް ފުނޑާލައިގެން އީރާނު އަމާންދީފާނެ ކަމަށެވެ.

އެ މީހުން ބޭނުން ފަދަ ގޮޑިކޮއްކޮ ސަރުކާރެއް އީރާނުގައި އުފެއްދިދާނެ ކަމަށެވެ. އެހެނެއް ނުވިއެވެ. ދެން މަސައްކަތް ކުރަމުން އައީ ބޮޑެތި މަނަވަރު ތަކާއި ގިނަ އަދަދެއްގެ ސިފައިންނާއި ހަތިޔާރު މެދުއިރުމައްޗަށް ޖަމާކޮށްގެން ބިރު ދައްކައިގެން އީރާނު އަމާން ދޭނެކަމަށެވެ. އެހެނެއްވެސް އަދި ނުވެއެވެ. ދެން އިންޒާރު ދެމުން ގެންދިޔައީ އިންޖީނުގެތަކާއި ފެންޕްލާޓްތަކަށް ހަމަލާ ދޭނެކަމަށް ބުނެއެވެ. މި އިންޒާރުތަކަށާއި ބިރުދެއްކުންތަކަށް އީރާނުން ބުނަމުންދަނީ އެމެރިކާއިން އީރާނަށް ހަމަލާދިނުމަށް ނިވައިފަތްގަނޑަކަށް ހަދާފައިވާ އެކުވެރި އަރަބި ޤައުމުގެ އެފަދަ ކަންތަން ސުންނާފަތި ކޮށްލާނެކަމަށެވެ. އެހެން ބުނެފައި އިޒުރޭލުގެ ނިއުކްލިއަރ މަރުކަޒުގެ ކައިރީގައި ހުރި އިދާރީ ހުރިހާ ތަނެއް ވަނީ ގޮއްވާލައިފައެވެ. މީގެ ބޭނުމަކީ އީރާނުން ދޭނެ ހަމަލާތަކަކީ ކިހާ ބޮޑަކަށް އަމާޒަށް ވާސިލުވާ ހަމަލާތަކެއްކަން އަންގައިދިނުމެވެ. ބޭނުންނަމަ އިޒުރޭލުގެ ނިއުކްލިއަރ ޕްލާންޓު ވެސް ގޮއްވާލެވިދާނެކަން އަންގައިދިނުމެވެ.

އީރާނުން އިޒުރޭލަށް ދެމުންދާ ހަމަލާތަކުގެ އިތުރުން އަވަށްޓެރި ޤައުމުތަކަށްދޭ ހަމަލާތަކުގެ އެއް ސަބަބަކީ އެ ޤައުމުތަކުން އެމެރިކާއަށް ހަނގުރާމަ ހުއްޓާލުމަށް ޕްރެޝަރ ކުރުމެވެ. ނުވަތަ އެމެރިކާގެ ބޭސްތައް ބަންދުކޮށްފައި ދާއިމީ ގޮތެއްގައި އެމެރިކާ ސިފައިން އެ ޤައުމުތަކުން ބޭލުމަށް ބާރުއެޅުމެވެ.

މިއިން ގޮތެއް ކާމިޔާބު ނުވެއްޖެނަމަ ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމަކަށް ދެވޭނީ ކޮންމެވެސް އެއްބަޔަކު އިނދަޖެހިގެންނެވެ. އެ ވިސްނުމުގައި ދެ ފަރާތުން ވެސް ދަނީ ހަމަލާތައް އިތުރަށް ވަރުގަދަ ކުރަމުންނެވެ. އިޒުރޭލާ އެމެރިކާއިން މުޅި އީރާނަށް ހަމަލާދީ ގިނަ އިމާރާތްތަކެއް ސުންނާފަތިކޮށް އިންފްރާސްޓްރެކްޗަރ ފުޑާލުމަށް ދަނީ މަސައްކަތް ކުރަމުންނެވެ. އެ ޤައުމުގެ ސިނާއަތްތައް މިހާރު ވަނީ އަމާޒުފަތްގަނޑަކަށް ހަދާފައެވެ.

ހަމަ މިގޮތަށް އީރާނުން ވެސް އިޒުރޭލަށް ދޭ ހަމަލާތަކުގައި ވެރިރަށް ޓެލްއަވީވަށް ވަނީ ވަރަށް ބޮޑެތި ގެއްލުންތަކެއް ދީފައެވެ. ބިމުން މަތީގައި ހުރި އަސްކަރީ ތަންތަން ވަނީ ބިމާ ހަމަކޮށްފައެވެ. މީގެ އިތުރުން އީރާނުން އިޒުރޭލާއި އަރަބި ޤައުމުތަކުގެ މުހިންމު ސިނާއީ ބައެއް ތަންތަނަށް ވަނީ ހަމަލާ ދީފައެވެ.

3. ކެމިކަލް ނުވަތަ ނިއުކުލިއަ ހަތިޔާރު ބޭނުން ކުރުން

ފަސޭހަ ގޮތެއްގައި އީރާނު ނުހުއްޓުވޭނެކަން މުޅި ދުނިޔެއަށް ވެސް އެނގެއެވެ. އެމެރިކާއާއި އިޒުރޭލުގެ އެކުވެރި ރަހުމަތްތެރި ހުޅަނގުގެ ޤައުމުތައް އެއް ފަރާތެއްގައި އެ ތިބީ މިކަން އެނގޭތީއެވެ. އީރާނު ބަލިވާން ނޭދޭތީއެއް ނޫނެވެ. އެ މީހުންނަށް ވާނަމަ އީރާނުގެ ވަސް ވެސް ފޮހެލަން ބޭނުންވާނެ އެވެ. އެހާ ވެސް އެމީހުން އިޒުރޭލު ދެކެ ލޯބިވާނެ އެވެ.

ނުސީދާކޮންނާއި ސީދާކޮން ވެސް މިހާރު ނިއުކްލިއަރ ހަތިޔާރުގެ ވާހަކަ ވެސް އިޒުރޭލާއި އެމެރިކާއިން ދައްކައިފިއެވެ. މި އިންޒާރަށް އީރާނުން ދީފައިވަނީ ބިރުވެރި ރައްދެކެވެ. ދުޝްމަނުން ހަމަލާދިން ވައްތަރެއްގެ ހަތިޔާރަކުން ހަމަލާ ދޭނެކަމަށް އީރާނުން ބުނުމާއެކު އީރާނުގެ އަތުގައި ނިއުކްލިއަ ހަތިޔާރު ހުރީ ކަމަށް ބައެއް ފަރާތްތަކުން ގަބޫލުކުރެ އެވެ. މިއީ ވަރަށް ބޮޑު ބިރެކެވެ. އީރާނު ފަނާވެނެތިދަންޏާ ދާނީ އިޒުރޭލާއި އެ ސަރަހައްދާ އެކުގައިކަން އީރާނުގެ ޢަމަލުތަކުން ސާބިތުވެ އެވެ.

ނޯޓް: މިއީ އަބްދުﷲ ސަައީދުގެ ލިޔުއްވުމެކެވެ.