ބޮލީވުޑްގެ ތަރިން ކަމަށްވާ ޝާހިދު ކަޕޫރާއި ކްރިތީ ސެނަން އެކީގައި ކުޅުނު ފުރަތަމަ ފިލްމު 'ތޭރީ ބާތޯ މޭ އޭސާ އުލްޖާ ޖިއާ' ގެ ދެވަނަ ބައެއް ހަދަން ނިންމައިފި އެވެ.
ދެހާސް ސައުވީހުގައި ރިލީޒްކުރި މި ފިލްމަކީ ޕްރޮޑިއުސަރު ދިނޭޝް ވިޖަންގެ މެޑޮކް ފިލްމްސް އަށް އަމިތު ޖޯޝީ އާއި އަރާދަނާ ސާހް ލިޔެ، ޑައިރެކްޓްކުރި ސައިންސް ފިކްޝަން ރޮމޭންޓިކް ފިލްމެކެވެ. ބެލުންތެރިންގެ ފުދޭ ވަރެއްގެ ތަރުހީބެއް ލިބުނު 'ތޭރީ ބާތޯ މޭ އޭސާ އުލްޖާ ޖިއާ' އަކީ އެކްސްޕެރިމަންޓަކަށް ހަދާފައިވާ އަންހެން ހިއުމަނޮއިޑް ރޮބަޓަކާ އިންސާނަކަށް ހިތާވެވުމުން ދިމާވާ ކަންތައްތަކެއް ދައްކުވައި ދިން ފިލްމެކެވެ.
މީގައި ރޮބޮޓެއްގެ ރޯލު ކުޅެފައި ވަނީ ކްރިތީ އެވެ. އަދި ހަގީގަތް ނޭނގި ރޮބޮޓް ދެކެ ލޯބިވެވެނީ ޝާހިދަށެވެ.
ޕިންކްވިލާ އިން ބުނީ އެ ދެ ތަރިން ހިމަނައިގެން 'ތޭރީ ބާތޯ މޭ އޭސާ އުލްޖާ ޖިއާ 2' ހަދަން ނިންމާފައިވާތީ، އޭގެ ސްކްރީންޕްލޭގެ މަސައްކަތް މިހާރު ކުރަމުން އަންނަ ކަމަށެވެ. އެގޮތުން އޮގަސްޓް މަހާ ހަމައަށް ސްކްރިޕްޓްގެ ފައިނަލް ޑްރާފްޓާ ހަމައަށް ގެންދަން އަމާޒު ހިފާފައިވާ އިރު، ފިލްމުގެ ޝޫޓިން ފަށާނީ އަންނަ އަހަރުގެ ކުރީކޮޅު ކަމަށް ވެސް އެ ނޫހުން ބުންޏެވެ.
ޕިންކްވިލާ އިން ބުނި ގޮތުގައި 'ތޭރީ ބާތޯ މޭ އޭސާ އުލްޖާ ޖިއާ 2' ގެ ވާހަކަ ކުރިއަށް ގެންދާނީ ފުރަތަމަ ބައި ނިމުނު ހިސާބުންނެވެ. އެެހެންވެ ފިލްމުގެ އެންމެ ފަހު ވަގުތުކޮޅުގެ ތެރޭގައި ހާއްސަ ފެނިލުމެއްގައި ހިމެނޭ ޖާންވީ ކަޕޫރްގެ މުހިއްމު ރޯލެއް ވެސް ދެވަނަ ބައިގައި ހިމަނާނެ އެވެ.
ފެބްރުއަރީ 9، 2024 ގައި ރިލީޒްކުރި 'ތޭރީ ބާތޯ މޭ އޭސާ އުލްޖާ ޖިއާ' ގެ ކާސްޓްގައި ޑިމްޕަލް ކަޕާޑިއާ، ރާކޭޝް ބޭދީ އަދި މިދިޔަ އަހަރު މަރުވި އެކްޓަރު ދަރުމެންދުރާ ވެސް ހިމެނެ އެވެ.
ޝާހިދާއި ކްރިތީ އެކީގައި ކުޅުނު ފުރަތަމަ ފިލްމުގެ ދެވަނަ ބަޔަކަށް ތައްޔާރުވަމުން އަންނަ އިރު، މި ދެ ތަރިން އެކީގައި ކުޅުނު ދެވަނަ ފިލްމު 'ކޮކްޓެއިލް 2' މި އަހަރު ޖޫން 19 ގައި ގެނެސްދޭން އޮތީ ތާވަލުކޮށްފަ އެވެ. ހޯމީ އަދަޖާނިއާ ޑައިރެކްޓްކޮށްފައިވާ އެ ފިލްމަކީ ވެސް މެޑޮކްގެ ފިލްމެކެވެ.