އިޒުރޭލާއި، ޙިޒުބުالله އާ ދެމެދު މިހާރު ހިނގަމުންދާ ހަނގުރާމައިގައި އިޒުރޭލުގެ 114 ޓޭންކް ހަލާކުކޮށްލާފައިވާ ކަމަށް ޙިޒުބުالله އިން ބުނެފި އެވެ.
މިއީ، ލުބުނާނަށް ޙަމަލާ ދޭން ފެށި ފަހުން އިޒުރޭލުގެ އަސްކަރީ އުޅަނދުތަކަށް މިހާތަނަށް ލިބުނު އެންމެ ބޮޑު އެއް ގެއްލުމެވެ. ޙިޒުބުالله ގެ ބަޔާނެއްގައި ބުނީ އެ ޖަމާޢަތުން އެންމެ ބޮޑު ސަމާލުކަމެއް ދީފައި ވަނީ، އިޒުރޭލުގެ ބިންމަތީގެ މައިގަނޑު ބާރު ކަމަށްވާ، އެޤައުމުގެ މެރުކާވާ ޓޭންކް ޔުނިޓްތަކަށް ސީދާ އަމާޒުކޮށްގެން އެންޓި ޓޭންކް މިސައިލް ޙަމަލާ ދިނުމަށެވެ.
އެ ޖަމާއަތުގެ ބަޔާނުން ބުނެދެނީ ހަނގުރާމައިގެ މައިދާނީ ޙަރަކާތްތަކަށް އައިސްފައިވާ ބޮޑު ބަދަލެވެ. މި ޒަމާނުގެ އެންޓި ޓޭންކް ނިޒާމުތަކާއި، މަގުދައްކައިދޭ މިސައިލްތަކާއި، ގުޅިފައިވާ ކުއްލި ޙަމަލާތަކުގެ އުކުޅުތަކުގެ ސަބަބުން ބަރު ހަތިޔާރަށް ވަނީ ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވެފަ އެވެ.
އިޒުރޭލަށް ލިބޭ މިފަދަ ގެއްލުންތައް ދިގު ދެމިގެން ހިގައްޖެނަމަ، އޮޕަރޭޝަންތަކުގެ ޙަރަކާތުގެ ޤާބިލިއްޔަތުކަމާއި، ބިންމަތީގެ ޙަމަލާތަކާއި، އަދި ހަނގުރާމައިގެ މައިދާން ކޮންޓްރޯލް ކުރުމަށް އިޒުރޭލަށް ވަރަށް ބޮޑަށް ދަތިވެގެން ހިނގައިދާނެ އެވެ.
އިޒުރޭލަށް ލިބޭ ގެއްލުންތަކުގެ ސަބަބުން ނުކުމެދާނެ ނޭދެވޭ ނަތީޖާއަކީ އިސްތިރާޖީ އެއްޗެކެވެ. ޓޭންކުތަކަކީ ހަމައެކަނި އުޅަނދުތަކެއް ނޫނެވެ. އެއީ، ހަނގުރާމައިގެ ކުރީ ސަފުގެ ބާރު ތަމުސީލުކޮށްދޭ އެއްޗެކެވެ. އެހެންކަމުން އިޒުރޭލަށް ލިބޭ ގެއްލުންތަކުން ދައްކުވައިދެނީ ބިންމަތީގެ ޙަމަލާތަކުގެ ވާދަވެރިކަމާއި، ހަނގުރާމައިގެ ޚަރަދު ބޮޑުވަމުންދާ ދިއުމެވެ. އޭގެ ސަބަބުން ހަނގުރާމައިގެ އުކުޅުތަކާއި، ހަނގުރާމައިގެ ފައުޖުތައް ރުކުރުވާލުމުގެ އުސްލޫބާއި، ހިރާސްގެ އަންދާޒާތައް، އިޒުރޭލަށް މިވަނީ އަލުންބަލުން މުރާޖަޢާކުރަން މަޖުބޫރުވެފައެވެ.
މިއީ، އެ ސަރަޙައްދުގައި ހަނގުރާމައިގެ ޠަބީޢަތް ތަރައްޤީވެ ބަދަލުވަމުން އަންނަ މިންވަރު ދައްކުވައިދޭ ކަމެކެވެ. ހަނގުރާމައިގެ މައިދާން މިހާރު ބިނާވަނީ ހަމައެކަނި ފަންނިއްޔާތުގެ މައްޗަކަށް އެކަންޏެއް ނޫނެވެ. އެއާ ޚިލާފަށް އެކަން ބިނާވަނީ، ފަސޭހައިން އެއްތަނުން އަނެއް ތަނަށް ބަދަލުކޮށްލުމާއި، ކުއްލި ޙަމަލާއާއި، އަދި ސީދާ އަމާޒަށް ޙަމަލާ ދިނުމުގެ ޤާބިލުކަމުގެ މައްޗަށެވެ.
ނޯޓް: މިއީ ހަސަން ލުތުފީގެ ލިޔުއްވުމެކެވެ.