Last Updated: June 5, 06:06
Friday, June 5, 2026
މުނިފޫހިފިލުވުން

ރަންބީރްގެ 'ރާމާޔަން' ގެ ޓީޒާ ދައްކާލައިފި

މި އަހަރުގެ ފަހުކޮޅު ގެނެސްދޭން ހަމަޖެހިފައިވާ ރަންބީރް ކަޕޫރްގެ ފިލްމު 'ރާމާޔަން' ގެ ޓީޒާއެއް ދައްކާލައިފި އެވެ.

ނަމިތު މަލްއުތުރާ ޕްރޮޑިއުސްކޮށް، ނިތޭޝް ތިވާރީ ޑައިރެކްޓްކޮށްފައިވާ މި ފިލްމަކީ ދެ ބަޔަކަށް ގެނެސްދޭން ހަމަޖެހިފައިވާ ފިލްމެކެވެ. އެގޮތުން 'ރާމާޔަން' ގެ ފުރަތަމަ ބައި މި އަހަރުގެ އޮކްޓޯބަރު 2 ގައި ގެނެސްދޭން ހަމަޖެހިފައިވާ އިރު، ދެވަނަ ބައި ރިލީޒްކުރާނީ އަންނަ އަހަރުގެ އޮކްޓޯބަރުގަ އެވެ.

'ރާމާޔަން' އަކީ 2023 ގައި ރިލީޒްކުރި ކާމިޔާބު ފިލްމު 'އެނިމަލް' އަށް ފަހު ބެލުންތެރިންނާ ހަމައަށް އަންނަ ރަންބީރްގެ ފުރަތަމަ ފިލްމެވެ. މި ފިލްމަކީ އިންޑިއާގެ ހިންދޫންގެ ތެރޭގައި ކިޔައި އުޅޭ ހުރާފީ ވާހަކަ ރާމާޔަން އަށް ބިނާކޮށް ހަދާފައިވާ ފިލްމެކެވެ.

'ރާމާޔަން' އަކީ ވަރަށް ބޮޑު ކާސްޓެއް ފެންނާނެ ފިލްމެކެވެ. އޭގެ ތެރޭގައި ސަނީ ޑިއޯލް، ސައީ ޕައްލަވީ، ޔާޝް، ރަވީ ޑޫބޭ، ލާރާ ދައްތާ، އިންދިރާ ކްރިޝްނަން، ޝީބާ ޗައްޑާ ކުނަލް ކަޕޫރް ފަދަ ތަރިން ހިމެނެ އެވެ.

'ރާމާޔަން' ގެ ޑައިރެކްޓަރު ނިތޭޝް އަކީ 'ޑަންގަލް' އާއި 'ޗިޗޯރޭ' ފަދަ ކާމިޔާބު ފިލްމުތައް ގެނެސްދިން ޑައިރެކްޓަރެވެ. އޭނަގެ އެންމެ ފަހުގެ ފިލްމަކީ ވަރޫން ދަވަނާއި ޖާންވީ ކަޕޫރާ އެކު 2023 ގައި ގެނެސްދިން އެޑްވެންޗާ ރޮމޭންޓިކް ޑްރާމާ 'ބަވާލް' އެވެ.

ރާމާޔަންގެ ޓީޒާ މިއަދު ދައްކައިލި އިރު، ރަންބީރް އަންނަނީ ޑައިރެކްޓަރު ސަންޖޭ ލީލާ ބަންސާލީގެ 'ލަވް އެންޑް ވޯ' ގެ މަސައްކަތް ވެސް ކުރަމުންނެވެ. އެ ފިލްމު ގެނެސްދޭނެ ތާރީހެއް އަދި އިއުލާނެއް ނުކުރެ އެވެ.