Last Updated: June 4, 23:58
Thursday, June 4, 2026
ރިޕޯޓް

ވޯޓު ވިއްކުމަކީ ބޮޑުވެގެންވާ ޙަރާމް ކަމެއް!

ވޯޓު ވިއްކުމާއި، ވޯޓު ގަތުމަކީ އިސްލާމީ ޝަރީޢަތުގެ ނަޒަރުގައި ބޮޑުވެގެންވާ ޙަރާމް ކަމެކެވެ. މިއީ މުޖުތަމަޢު ފަސާދައަށް މަގުފަހިވާ، އަދި އަމާނާތްތެރިކަން ގެއްލިގެންދާ އަމަލެކެވެ. މިކަމުގެ ޝަރުޢީ ޙުކުމް ޢިލްމީ ގޮތުން ތިރީގައިވާ ނުކުތާތަކުގެ މައްޗަށް ބަޔާން ކުރެވިދާނެ އެވެ.

1. ވޯޓަކީ ކޮބައިކަން (ޝަރުޢީ ތަޞައްވުރު)

ޢިލްމުވެރިން ބަޔާންކުރައްވާ ގޮތުގައި ވޯޓަކީ އަންނަނިވި ތިން ކަމުގެ މައްޗަށް ބިނާވެގެންވާ އެއްޗެކެވެ.

* ޝަހާދަތެއް (ހެކިބަހެއް): ތިމާ ވޯޓުދޭ މީހަކީ އެ މަޤާމަށް އެންމެ އެކަށީގެންވާ، އަމާނާތްތެރި މީހާކަމަށް ދޭ ހެކިބަހެކެވެ.
* އަމާނާތެއް: މާތް ތިމާއާ ޙަވާލުކުރައްވައިފައިވާ އިޚްތިޔާރުގެ ބޭނުން އެންމެ ހެޔޮގޮތުގައި ހިފުމެވެ.
* ވަކާލާތެއް (ވަކީލުކުރުން): ތިމާގެ ޙައްޤުތަކާއި ދައުލަތުގެ ކަންކަން ބެލެހެއްޓުމަށް މީހަކު ވަކީލުކުރުމެވެ.

2. ވޯޓު ވިއްކުން ޙަރާމްވާ ސަބަބުތަކާއި ދަލީލުތައް

ހ. ދޮގު ހެކިބަސް ދިނުން: ވޯޓު ވިއްކާ މީހާ، އޭނާގެ ވޯޓު ދެނީ އެންމެ ޤާބިލު މީހަކަށް ބަލާފައެއް ނޫނެވެ. އެހެންކަމުން އެއީ ދޮގު ހެކިބަހެކެވެ. ކީރިތި ޤުރްއާނުގައި މާތް ވަޙީކުރައްވައިފައިވެއެވެ. ﴿وَاجْتَنِبُوا قَوْلَ الزُّورِ ﴾‏ (الحج: 30) މާނައީ: "… އަދި ދޮގު ހެކިބަސް ބުނުމުން ދުރުހެލިވާށެވެ!
ށ. ރިޝްވަތުގެ ތެރޭގައި ހިމެނުން: ވޯޓު ގަންނަ މީހާ އެ ދެނީ ރިޝްވަތެވެ. އަދި ވޯޓު ވިއްކާ މީހާ އެ ހިފަނީ ރިޝްވަތުގައެވެ. ރަސޫލު صلى الله عليه وسلم ޙަދީޘްކުރައްވައިފައިވެ އެވެ. (لَعَنَ رَسُولُ اللَّهِ ﷺ الرَّاشِيَ وَالْمُرْتَشِيَ) (الترمذي) މާނައީ: "ރިޝްވަތުދޭ މީހާއަށާއި، ރިޝްވަތު ހިފާ މީހާއަށް ރަސޫލާ صلى الله عليه وسلم ލައުނަތް ލެއްވިއެވެ."
ނ. އަމާނާތަށް ޚިޔާނާތްތެރިވުން: ވެރިން އިޚްތިޔާރު ކުރުމަކީ އަމާނާތެކެވެ. ފައިސާއަށް ވޯޓު ވިއްކުމަކީ އެ އަމާނާތަށް ޚިޔާނާތްތެރިވުމެވެ. މާތްﷲ ވަޙީކުރައްވައިފައިވެއެވެ. ﴿يَا أَيُّهَا الَّذِينَ آمَنُوا لَا تَخُونُوا اللَّهَ وَالرَّسُولَ وَتَخُونُوا أَمَانَاتِكُمْ… ﴾ (الأنفال: 27) މާނައީ: "އޭ إيمان ވެއްޖެ މީސްތަކުންނޭވެ! اللَّه އަށާއި، رسول އާއަށް ތިޔަބައިމީހުން خيانة ތެރި ނުވާށެވެ! އަދި ތިޔަބައިމީހުންގެ أمانة ތަކަށް، އެނގިއެނގިތިބެ ތިޔަބައިމީހުން خيانة ތެރި ނުވާށެވެ!

3. އިލްމީ ގޮތުން ފާހަގަކޮށްލެވޭ ބައެއް ނުކުތާތައް

* އަގު ނުކުރެވޭނެ އެއްޗެއް: ޝަރުޢީ ހަމަތަކުން ބަލާއިރު، "ހެކިބަހަކީ" ނުވަތަ "ޝަހާދަތަކީ" އަގުކޮށް ވިއްކޭނެ އެއްޗެއް ނޫނެވެ. އެހެންކަމުން އެ ވިއްކައިގެން ލިބޭ ފައިސާއަކީ ޙަރާމް މުދަލެވެ.
* ފަސާދައަށް މަގުފަހިވުން: ވޯޓު ގަނެގެން ހޮވޭ މީހާ ބަލާނީ އޭނާ ކުރި ޚަރަދު ދައުލަތުގެ މުދަލުން އަނބުރާ ހޯދުމަށެވެ. މީގެ ސަބަބުން މުޅި ގައުމުގައި ކޮރަޕްޝަން ފެތުރިގެންދެ އެވެ.
* ޤާބިލު ނޫން މީހުން އިސްވުން: ފައިސާވެރިން މަޤާމުތަކަށް އައުމުން، ޢިލްމީ އަދި ޤާބިލު މީހުންނަށް ފުރުސަތު ގެއްލި، މުޖުތަމައުގެ އިންސާފު ގެއްލިގެންދެއެވެ.

4. ނިންމުން

ވޯޓު ވިއްކުމަކީ ބޮޑުވެގެންވާ ފާފައެކެވެ. އެއީ ރިޝްވަތުގެ ނުބައި އަމަލުގެ ތެރެއިން ހިމެނޭ، ޤައުމާއި ދީނަށް ހުރި ނުރައްކަލެކެވެ. ކޮންމެ މުސްލިމެއްގެ މައްޗަށް އޮތީ އެއްވެސް މާއްދީ އެދުމެއް ނެތި، މާތް އަށް ބިރުވެތިވެ، އެންމެ ޞާލިޙް، އަމާނާތްތެރި މީހާއަށް ވޯޓު ދިނުމެވެ. ފައިސާ ހިފައިގެން ވޯޓު ގަންނަން އަންނަ މީހާއަކީ އަމާނާތްތެރިއަކަށް ނުވާނެ އެވެ. އެހެންކަމުން އެފަދަ މީހަކަށް ވޯޓު ދިނުމަކީ ފާފައަކަށް އެހީތެރިވުން ކަމުގައި މެނުވީ ނުވާނެ އެވެ.

ނޯޓް: މިއީ ޝައިހް މޫސާ އަންވަރު ހަސަންގެ ލިޔުއްވުމެކެވެ.