Last Updated: June 5, 11:07
Friday, June 5, 2026
ޚަބަރު

"އަފުން ސިޓީ" އެޕް ލޯންޗްކޮށްފި

ފުވައްމުލަކުގެ "އަފުން ސިޓީ" އެޕް ލޯންޗްކޮށްފި އެވެ.

ސިޓީ ކައުންސިލްގެ އެ އެޕް ލޯންޗްކޮށް ދެއްވީ ރޭ ބޭއްވި ހަފުލާއެއްގައި މޭޔަރު އިސްމާއިލް ރަފީގެވެ.

"އަފުން ސިޓީ" އެޕް، އެޕް ސްޓޯރާއި ގޫގުލްޕްލޭ ސްޓޯރުން ޑައުންލޯޑް ކުރެވެނެ އެވެ.

މިި އެޕް މެދުވެރިކޮށް ފުވައްމުލަކާއި މާލެއާ ދެމެދު ދަތުރުކުރާ ބޯޓު ފަހަރުގެ މަޢުލޫމާތާއި ނަމާދު ވަގުތުތަކާއި، ހުކުރު ތާވަލާއި މިސްކިތްތަކުގެ މައުލޫމާތާއި، އެންމެ ކައިރީގައި ހުރި މިސްކިތް ދެނެގަނެވޭނެ ގޮތާއި ވައިގެ ނުސާފުމިން ވަގުތުން ބަލާލެވުމާއި، ގޯތިގެދޮރާއި، ވިޔަފާރިތަކާއި، މިސްކިތްތަކުގެ އިތުރުން އާންމު ޚިދުމަތްދޭ ތަންތަން ފެންނާނޭހެން 3700 އަށްވުރެ ގިނަ ތަންތަން ހިމެނޭ އިންޓަރެކްޓިވް ޗާޓުވެސް ބަލާލެވޭނެ އެވެ.

އެޕް މެދުވެރިކޮށް އާންމު ޚިދުމަތްތަކާ ގުޅޭ މައްސަލަތައް ވެސް ސީދާ ކައުންސިލަށް ހުށަހެޅޭނެ އެވެ. އަދި މި ނިޒާމުގެ ތެރެއިން މައްސަލަ ކުރިއަށްދާ ގޮތް ވެސް ބަލާލެވޭނެ އެވެ. މީގެ އިތުރުން "އަފުންއަޑޮ" މޮޑިއުލް މެދުވެރިކޮށް ރައްޔިތުންނަށް ޚިޔާލު ހުށަހެޅުމާއި، މަޝްވަރާ ކުރުމާއި، އަދި އެކި ކަންކަމުގައި ނަގާ ވޯޓުތަކުގައި ބައިވެރިވުމުގެ ފުރުސަތު ވެސް އެޕުން ލިބިގެން ދާނެ އެވެ.

ފުވައްމުލަކު ކައުންސިލުން ބުނީ "އަފުން ސިޓީ" އެޕް އިތުރަށް ފުރިހަމަވެގެން ދަނީ "އީފާސް" އާ ގުޅުވާލާފައިވާތީ ކަމަށެވެ. އޭގެ ސަބަބުން މައުލޫމާތުގެ ރައްކާތެރިކަން ކަށަވަރުވެ، ހިދުމަތްތަކަށް ފަސޭހައިން ވަދެވޭނެ އެވެ. އެކަމަކގެސްޓް ޔޫޒަރުންނަށް ލޮގިން ނުވެވެސް ބައެއް ހިދުމަތްތައް ބޭނުން ކުރެވޭނެ އެވެ.