Last Updated: June 5, 11:07
Friday, June 5, 2026
ޚަބަރު

“އޮޕަރޭޝަން ބްލޫ ރޭ” ރަސްމީކޮށް ފަށައިފި

އަންނަ ހޮނިހިރު ލޯކަލް ކައުންސިލާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބާ ގުޅިގެން ފުލުހުން ކުރިއަށް ގެންދާ “އޮޕަރޭޝަން ބްލޫ ރޭ” ރަސްމީކޮށް ފަށައިފި އެވެ.

މިއަދު ހަވީރު އިސްކަންދަރު ބިލްޑިންގުގައި ބޭއްވި ހާއްސަ ރަސްމިއްޔާތުގައި، އެ އޮޕަރޭޝަން ރަސްމީކޮށް ފައްޓަވައި ދެއްވީ ޑެޕިއުޓީ ޕޮލިސް ކޮމިޝަނަރު ފަރުޙާދު ފިކުރީ އެވެ.

އެ ރަސްމިއްޔާތުގައި އޭނަ ވިދާޅުވީ، މަސައްކަތުގައި ހަރަކާތްތެރިވާ އިރު ނަމޫނާ ބަޔަކަށްވުމަށާއި ރައްޔިތުންނާ މުއާމަލާތް ކުރުމުގައި ރީތި އަހުލާގާއި، އޯގާތެރިކަން އިސްކުރުމަށާއި ނުތަނަވަސް ދަނޑިވަޅެއް ކުރިމަތިވި ކަމުގައިވިޔަސް ކެތްތެރިކަމާއެކު ވާހަކަދައްކައިގެން މައްސަލަ ހައްލުކުރުމަށް އިސްކަން ދިނުމަށް އެދިވަޑައިަންނަވާ ކަމަށެވެ. އަދި އިންސާނީ ހައްގުތަކަށް ފުރިހަމައަށް އިހުތިރާމުކޮށް، ކޮންމެ މީހެއްގެ ވެސް ކަރާމާތް ހިމާޔަތްކުރުމަކީ ފުލުހުންގެ ޕްރޮފެޝަނަލިޒަމް ދައްކުވައި ދޭނެ ކަމެއް ކަމަށާއި މިއީ ގައުމަށްޓަކައި ކުރާ އިހުލާސްތެރި މަސައްކަތެއް ކަމަށް ވިދާޅުވި އެވެ.

އަދި ޑިމޮކްރެޓިކް ނިޒާމެއްގައި ފުލުހުންގެ ދައުރަކީ ހަމައެކަނި ގާނޫނު ތަންފީޒުކުރުމެއް ނޫން ކަމަށާއި އެއީ ރައްޔިތުންގެ ސަލާމަތާއި، ސުލްހަ މަސަލަސްކަމުގެ ޔަގީންކަންދިނުމާ އަދި ރައްކާތެރިކަމުގެ އިހުސާސްކުރެވުން ކަމަށް ވެސް ފަރުހާދު ވިދާޅުވިއެވެ. އަދި ފުލުހުންގެ ހިތްވަރާއި، ގާބިލުކަމާއެކު މި އޮޕަރޭޝަނަކީ ކާމިޔާބު އަމާން އޮޕަރޭޝަނަކަށް ވާނެކަމާމެދު ޝައްކު ނުކުރައްވާ ކަމަށް ވިދާޅުވި އެވެ.

މި ބްރީފިންގައި، ރަށްރަށުގައި ތިބި ފުލުހުން އޮންލައިންކޮށް ބައިވެރިވި އެވެ. މި ބްރީފިންއާ އެކު ފުލުހުންގެ ޚިދުމަތުގެ އޮޕަރޭޝަނަލް ސްޓޭޓަސް ‘’ލެވެލް 2” އަށް ބަދަލުކޮށްފައިވެ އެވެ.