Last Updated: June 4, 23:58
Thursday, June 4, 2026
ރިޕޯޓް

ރިޒުޤަކީ ހަމައެކަނި ފައިސާއެއް ނޫން، ހިތުގެ ހަމަޖެހުން!

ކުޑަ އަވަށެއްގެ އެއްގަމެއްގައި ދެ މީހަކު ދިރިއުޅެމުން ދިޔަ އެވެ. އޭގެ ތެރެއިން ފުރަތަމަ މީހަކީ ވަރަށް ބޮޑު ވިޔަފާވެރިއެކެވެ. އޭނާގެ ބޮޑު ފިހާރައަކާއި އެންމެ ފަހުގެ ޒަމާނީ ކާރެއް އޮވެއެވެ. ނަމަވެސް، އޭނާގެ ކައިރިން މީހަކު ހިނގާލާފައި ދާއިރު ފެންނަނީ އަބަދުވެސް މޫނުމަތީ އަތްއުނގުޅާލަ އުނގުޅާލާ ބަސްމަދުވެފައި، އަދި ވަރަށް އަވަހަށް ރުޅި އިސްކުރާ މީހެއްގެ ގޮތުގަ އެވެ.

ދެވަނަ މީހަކީ ވަރަށް އާދައިގެ ދިރިއުޅުމެއް އުޅޭ މީހެކެވެ. އޭނާ ކުރާ މަސައްކަތަކީ އޭނާގެ ގޭގެ ކުރިމަތީގައި ބައިސްކަލު މަރާމާތު ކުރުމެވެ. އޭނާގެ އަތުގައި ހުރީ މަރާމާތު ކުރަން ބޭނުންކުރާ ދުވަސްވީ އާލާތްތަކަކާއި، ބިންދައިގެން ގޮސްފައިވާ ލަކުޑި ގޮނޑިއެކެވެ. އެހެން ނަމަވެސް، އޭނާގެ މޫނުމަތިން އަބަދުވެސް ފެންނަނީ ހިނިތުންވުމެވެ.

މިކަމާ މެދު ވިޔަފާވެރިޔާ އަބަދުވެސް ޢަޖައިބުވެ އެވެ. އޭނާގެ ހިތަށް އަރައެވެ: "އަތުގައި އެއްވެސް އެއްޗެއް ނެތް އިރު ވެސް މި މީހާ މިހާ އުފަލުގައި އުޅެނީ ކިހިނެއް ހެއްޔެވެ؟ އަހަރެންގެ އަތުގައި ހުރިހާ އެއްޗެއް ހުރިއިރުވެސް، ހިތްހަމަޖެހުމެއް ނުލިބެނީ ކީއްވެ ހެއްޔެވެ؟" އެއް ދުވަހަކު، އެމީހާގެ އުފާވެރިކަމުގެ ސިއްރަކީ ކޮބައިތޯ ބެލުމަށް ވިޔަފާވެރިޔާ ނިންމިއެވެ. އޭނާގެ ކާރުގައި ދުރުގައި އިނދެގެން ބަލަން ފެށިއެވެ.

އެ ވަގުތު ވަރަށް ފަގީރު ކުޑަކުއްޖަކު ހަލާކުވެފައިވާ ބައިސްކަލަކާއެކު އެތަނަށް އައެވެ. އެ އާދައިގެ މީހާ ވަރަށް ފަރުވާތެރިކަމާއެކު ބައިސްކަލު މަރާމާތު ކޮށްދިނެވެ. މަސައްކަތް ނިމުމުން އެ ކުޑަކުއްޖާ އޭނާގެ އަތުގައި ހުރި މަދު ފައިސާކޮޅެއް ދިއްކޮށްލުމުން، އެ މީހާ ހިނިތުންވެލާފައި ބުންޏެވ. ތިޔަ ފައިސާކޮޅު ކޮއްކޮ އަތުގައި ބަހައްޓާށެވެ. ތިޔަ ފައިސާގެ ބޭނުން އަހަންނަށްވުރެ ބޮޑަށް ކޮއްކޮއަށް ޖެހިދާނެއެވެ.

އެ ކުއްޖާ އުފަލުން ފުންމަމުން އެތަނުން ދިޔައެވެ. ގަޑިއެއްހާއިރު ނުވަނީސް، އެތަނަށް ކަސްޓަމަރުން އަންނަން ފެށިއެވެ. އެކަކު އަނެކަކަށް ބުނަމުން ދިޔައެވެ. އޭނާގެ ކައިރިއަށް ދާށެވެ. އޭނާއަކީ މި ހިސާބުގައި ހުރި އެންމެ އަމާނާތްތެރި، މަސައްކަތް ރަނގަޅު މީހާ އެވެ. އޭނާގެ އިޚްލާޞްތެރިކަމުގެ ސަބަބުން އެދުވަސް ނިމުނުއިރު، އާންމުކޮށް ލިބޭ ވަރަށް ވުރެ ގިނައިން އޭނާއަށް އާމްދަނީ ލިބުނެވެ.

އެރޭ ވިޔަފާވެރިޔާ އޭނާގެ ގާތަށް ގޮސް ސުވާލުކުރި އެވެ. ތެދަށް ބުނެބަލާށެވެ. ތިހާ އުފަލުގައި ތިޔަ އުޅެނީ ކިހިނެއް ހެއްޔެވެ. އެމީހާ ހިނިތުންވެލާފައި ބުންޏެވެ. "ސާހިބާއެވެ! އަހަރެން ބޭނުން ޖެހިފައިވާ މީހަކަށް އެހީތެރިވުމުން، އަހަރެންގެ އަމިއްލަ ނަފްސަށް އިހުސާސް ވަނީ ދުނިޔޭގައި ހުރި އެންމެ މުއްސަނދި މީހާގެ ގޮތުގައެވެ. ރިޒުޤަކީ ހަމައެކަނި ފައިސާއެއް ނޫނެވެ. ރިޒުޤަކީ ހިތުގެ ހަމަޖެހުމެވެ.

އިޚްލާޞްތެރިކަމާ އެކު ހޭދަކުރާ މީހާއަށް، އެމީހަކު ހީވެސް ނުކުރާ ފަދަ ގޮތްގޮތުން މާތް الله ބަދަލު ދެއްވާނެއެވެ."
ވިޔަފާވެރިޔާ އެނބުރި ގެއަށް ދިޔައީ ވަރަށް ބޮޑަށް ވިސްނުމުގެ ތެރޭގައެވެ. އޭނާގެ ބޭންކު އެކައުންޓް ފުރިފައިވީ ނަމަވެސް، ފުރަތަމަ ފަހަރަށް އޭނާގެ ހިތް ހުސްކަމުގެ އިހުސާސް ކުރެވުނެވެ. އެ ދުވަހަށްފަ ހު، އޭނާގެ އުޅުން ބަދަލު ކުރަން ފެށި އެވެ. ބަދަލަކަށް އުންމީދު ކުރުމެއް ނެތި މީހުންނަށް އެހީވާން ފެށި އެވެ. މަޑުމަޑުން އޭނާގެ މޫނުމަތިން ވެސް ހިނިތުންވުން ފެންނަން ފެށި އެވެ.

އިބުރަތް: (އުފާވެރި ކަމަކީ ފައިސާއަށް ގަނެވޭނެ އެއްޗެއް ނޫނެވެ. އެއީ އަމިއްލައަށް އިންދަން ޖެހޭ އެއްޗެކެވެ. މީހުންގެ ހިތްތަކުގައި ހެޔޮކަމުގެ އޮށް އިންދާ މީހާގެ ހިތަށް، ހަމަޖެހުމާއި އަމާންކަން ލިބޭނެ އެވެ.)

ނޯޓް: މިއީ ޝައިހް މޫސާ އަންވަރު ހަސަންގެ ލިޔުއްވުމެކެވެ.