Last Updated: June 5, 11:07
Friday, June 5, 2026
ޚަބަރު

ގަން އެއާޕޯޓަށް މަތީ ފަންތީގެ ޑިއުޓީ ފްރީއެއް

ގަން އެއާޕޯޓްގެ ތަރައްގީގެ ތެރެއިން. ފޮޓޯ/ އިބްރާހީމް ފިރާގް

އައްޑޫ ގަން އިންޓަނޭޝަނަލް އެއާޕޯޓްގެ އާ ޓާމިނަލްގައި ދުނިޔޭގެ ފެންވަރުގެ ޑިއުޓީ ފްރީއެއް ގާއިމުކުރުމުގެ މަސައްކަތް ފަށާފައިވާ ކަމަށް މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ބުނެފި އެވެ.

އެ ކުންފުނިން މިއަދު ބުނި ގޮތުގައި އެމްއޭސީއެލްގެ ދަށުން ހިންގާ މޯލްޑިވްސް ޑިއުޓީ ފްރީން އަންނަނީ އެކަމަށް ވާން ޖެހޭ ތައްޔާރީތައް ވަމުންނެވެ. އަދި އެ ޑިއުޓީ ފްރީގައި މަސައްކަތްކުރާ މުވައްޒަފުންނަށް ދުނިޔޭގެ މަޝްހޫރު ބްރޭންޑުތައް މެދުވެރިކޮށް ރާއްޖެއިން ބޭރުން ތަމްރީނު ދިނުމަށް ހަމަޖެހިފައިވާ ކަމަށް ކަމަށް ބުންޏެވެ.

އެމްއޭސީއެލުން ބުނި ގޮތުގައި މަތީ ފަންތީގެ ޑިއުޓީ ފްރީ ގާއިމުކުރުމުގެ މައިގަނޑު މަގުސަދަކީ ފަސިންޖަރުންނަށް ފުރިހަމަ ތަޖުރިބާއެއް ފޯރުކޮށް ދިނުމާއެކު، ދެކުނުގެ ޓޫރިޒަމާއި އިގުތިސާދީ ދުވެލި ހަލުވިކުރުމަށް މަގުފަހިކުރުމެވެ.

މިއީ އައްޑޫ ސިޓީގެ އިގުތިސާދު ސިންދަފާތުކުރުމަށް ކަނޑައަޅާފައިވާ "އައްޑޫ ވެލްކަމްސް ޓު ދަ ވޯލްޑް" ތަސައްވުރުގެ ދަށުން އެޅޭ މުހިންމު ފިޔަވަޅެއް ކަމަށް ވެސް އެމްއޭސީއެލްއިން ބުންޏެވެ. އަދި މިއީ ރާއްޖޭގެ ޓްރެވަލް ރީޓެއިލް ދާއިރާ ކުރިއަރުވައި، ދުނިޔޭގެ ދަތުރުފަތުރުގެ ނެޓްވޯކުގައި ރާއްޖޭގެ ދެކުނަކީ މުހިންމު މަންޒިލަކަށް ހެދުމަށް ސަރުކާރުން ގެންގުޅޭ ސިޔާސަތުގެ ތެރޭގައި ހިމެނޭ ކަމެއް ކަމަށް އެ ކުންފުނިން ބުންޏެވެ.

ގަން އެއާޕޯޓް ތަރައްގީ ކުރުމުގެ ބިޔަ މަޝްރޫއެއް 2023 ގެ ޖޫން އިން ފެށިގެން ކުރަމުން އަންނަ އިރު، އެ އެއާޕޯޓަށް މިހާރު ޝެޑިއުލް ދަތުރުތައް ކުރަނީ އެންމެ ދެ އެއާލައިނަކުންނެވެ. އެއީ ގައުމީ އެއާލައިން، މޯލްޑިވިއަންގެ އިތުރުން ސްރީ ލަންކަން އެއާލައިންސެވެ.