Last Updated: June 6, 17:49
Saturday, June 6, 2026
ޚަބަރު

އެންއޯޕީ ހުރީ ރަނގަޅު މިންވަރެއްގައި ހިފެހެއްޓިފައި

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ ޔޫއެސް ޑޮލަރުގެ ނެޓް އޯޕަން ޕޮޒިޝަން (އެންއޯޕީ) އާއި ޑޮލަރުގެ ލިކުއިޑިޓީ ވަރަށް ހަރުދަނާ މިންވަރަކަށް ހިފެހެއްޓިފައިވާ ކަމަށް އެ ބޭންކުން ބުނެފިއެވެ.

ބީއެމްއެލުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ، އެ ބޭންކުގެ އެންއޯޕީއާއި ލިކުއިޑިޓީ ވަރަށް ހަރުދަނާ މިންވަރަކަށް ބެހެއްޓިފައިވާތީ، ދެ ފައިނޭންޝަލް ކޮންސެޕްޓްގައި ހުރި ތަފާތުތަކާއި ގުޅޭގޮތުން މައުލޫމާތު އޮޅުންފިލުވައިދޭން ބޭނުންވާ ކަމަށެވެ.

ބީއެމްއެލުން ބުނި ގޮތުގައި ނެޓް އޯޕަން ޕޮޒިޝަނަކީ ވަކި ވަގުތެއްގައި ބޭންކެއްގެ ބޭރު ފައިސާގެ އެސެޓްތަކާއި ލައިބިލިޓީތަކުގެ ދެމެދުގައި ހުންނަ ތަފާތެވެ. މި ޕޮޒިޝަނުން ދައްކުވައިދެނީ ބޭންކުގައި ބޭރުފައިސާ ވިއްކުމުގެ ގާބިލުކަން ލިބިފައިވާ މިންވަރެވެ. އަދި މިއީ ފައިސާގެ އެކްސްޗޭންޖް ރޭޓަށް އަންނަ ބަދަލުތަކުގެ ސަބަބުން ބޭންކަން ފައިދާ ނުވަތަ ގެއްލުން ވެދާނެ މިންވަރު ދައްކައިދޭނެ މިންގަނޑެކެވެ.

މިއީ ބޭންކުން ޔޫއެސްޑޮލަރު ދޫކުރުމަށް ހުރި ގާބިލުކަން އަންގައިދޭ މިންގަނޑެއް ނޫނެވެ. މިއާ ހިލާފަށް، ލިކުއިޑިޓީއަކީ ކަސްޓަމަރުން ފައިސާ ނެގުމާއި އަދި ބޭރަށް ފައިސާ ފޮނުވުމާއި އަދި ބޭންކުން ލޯނުދޫކުރުން ފަދަ ކަންތައްތައް ކުރުމުއްދަތެއްގައި ކުރުމަށް ބޭންކަކުން އަދާކުރަންޖެހޭ ޒިންމާތައް އަދާކުރުމަށް ލިބިފައިވާ ގާބިލުކަމެވެ. މި ދެ މިންގަނޑަކީވެސް ބޭންކުގެ މާލީ ދުޅަހެޔޮކަމާއި، ރިސްކް ޕްރޮފައިލް ވަޒަންކުރުމުގައި ބޭނުންކުރާ މުހިންމު މިންގަނޑުތަކެއް ކަމުގައި ވީނަމަވެސް، މިއިން ކޮންމެ މިންގަނޑަކުންވެސް ހާސިލުކޮށްދެނީ ތަފާތު މަގުސަދުތަކެކެވެ

ބީއެމްއެލުން ބުނި ގޮތުގައި 2020 ވަނަ އަހަރުގެ ޑިސެންބަރު މަހުން ފެށިގެން ބީއެމްއެލްގެ ނެޓް އޯޕަން ޕޮޒިޝަން ހުރީ ދަށްމިންވަރަކަށެވެ. އަދި 2024 ވަނަ އަހަރުގެ ސެޕްޓެންބަރު މަހު ބޭންކުގެ ޔޫއެސް ޑޮލަރުގެ ނެޓް އޯޕަން ޕޮޒިޝަން 20- ޕަސަންޓަށް (ޝޯޓް ޕޮޒިޝަނަކަށް) ވެއްޓުނެވެ. މިއިން އަންގައިދެނީ 2024 ސެޕްޓެންބަރުގެ ނިޔަލަށް ބޭންކުން ގާތްގަނޑަކަށް 200 މިލިއަން ޔޫއެސް ޑޮލަރު އިތުރަށް ވިއްކިފައިވާ ކަމެވެ.

"އެ ވަގުތު ބޭންކަށް އޮތް ނުރައްކަލަކީ، ދިވެހި ރުފިޔާގެ އަގު ދަށްވެއްޖެ ނަމަ، މި ދެންނެވި އަދަދުގެ ނިސްބަތުން ބޭންކަށް ފޮރިން އެކްސްޗޭންޖް ގެއްލުންތަކެއް ލިބުމެވެ. މިއީ ބޭންކުގެ ލިކުއިޑިޓީއާ ނުވަތަ ކަސްޓަމަރުން ބޭނުންވާ ވަރަށް ފައިސާ ނެގުމާއި ބޭންކުން ފޮނުވަން ޖެހޭ ފައިސާ ފޮނުވުމުގެ ޒިންމާތައް އަދާކުރުމުގެ ގާބިލުކަން ނެތުމެއް ނޫނެވެ." ބީއެމްއެލުން ބުންޏެވެ.

އެންއޯޕީ ޝޯޓް ޕޮޒިޝަންގެ މައްސަލަ ހައްލުކުރުމަށް ބޭންކުން އިސްނަގައިގެން އެކި އިދާރާތަކާ ގުޅިގެން ފިޔަވަޅުތަކެއް އަޅާފައިވާ ކަމަށް ބީއެމްއެލުން ބުންޏެވެ.

އެގޮތުން ބޭންކުން ކުރެވުނު ވިޔަފާރީގެ މުއާމަލާތްތަކާއި އަދި ފިނޭންސް މިނިސްޓްރީގެ ފުރިހަމަ އެހީތެރިކަމާ އެކު، މިދިޔަ ސެޕްޓެމްބަރު މަހު އެންއޯޕީ ވަނީ ލޯން ޕޮޒިޝަން (އިތުރަށް ޑޮލަރު ގަނެފައިވާ ޕޮޒިޝަން) އަކަށް ގެނެވިފައެވެ. އޭގެ ފަހުން ވެސް މި އަހަރު ތެރޭގަ ވެސް ބޭންކުން އެންއޯޕީ ވަނީ ރެގިއުލޭޓަރީ ގޮތުން ލާޒިމްކުރާ މިންގަނޑަށްވުރެ މާރަނގަޅު މިންވަރެއްގައި ހިފެހެއްޓިފައެވެ. އަދި މިވަގުތު ވެސް ވަނީ އެންމެ ރަނގަޅު މިންވަރުގައި ހިފެހެއްޓިފައެވެ.

މީގެ އިތުރުން އެންއޯޕީ ޝޯޓް ޕޮޒިޝަން ރަނގަޅު ކުރުމުގެ އިތުރުން، އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކާއި އަދި ކޯޕަރޭޓް ކުންފުނިތަކުގެ ބޭނުންތަކަށް، ޓީޓީ ހެދުމާއި ކާޑުތަކުގެ ބޭނުންތައް ހިމެނޭހެން، ޖުމްލަ 600 މިލިއަން ޑޮލަރަށްވުރެ ގިނަ ޔޫއެސް ޑޮލަރު މިދިޔަ އަހަރު ވިއްކައިފައިވާ ކަމަށްވެސް ބީއެމްއެލުން ބުންޏެވެ.

ޔޫއެސް ޑޮލަރުގެ ލިކުއިޑިޓީއަކީ ތަފާތު ފަންޑިން ވަސީލަތްތަކާއި ހަރުދަނާ ޓްރެޒަރީ އޮޕަރޭޝަންތަކާ އެކު، ކަމާގުޅޭ ފަރާތްތަކާ ގުޅިގެން ވަރަށް ފަރުވާތެރިކަމާ އެކު ބަލަހައްޓަމުންދާ ކަމެއްކަން ބީއެމްއެލުން ފާހަގަ ކުރެއެވެ. މި ފިޔަވަޅުތަކުގެ ސަބަބުން، އެއްވެސް މެދުކެނޑުމެއް ނެތި ކަސްޓަމަރުންނާއި މާކެޓުގެ ބޭނުންތައް ފުއްދައިދިނުމުގެ ގާބިލުކަން ބޭންކަށް ލިބިގެންވެއެވެ. ހާއްސަކޮށް، އެންމެ ބޮޑު ސިނާއަތް ކަމަށްވާ ފަތުރުވެރިކަމުގެ ދާއިރާއަށް 2024 އިން ފެށިގެން މިހާތަނަށް އަލަށް 365 މިލިއަން ޔޫއެސް ޑޮލަރުގެ ލޯނު ދޫކޮށްފައިވެއެވެ. އަދި މި އަހަރުގެ ފުރަތަމަ ކުއާޓަރުގެ ނިޔަލަށް ފަތުރުވެރިކަމުގެ ދާއިރާގެ ބީއެމްއެލްގެ ނެޓް ލޯން ޕޯޓްފޯލިއޯ 585 މިލިއަން ޔޫއެސް ޑޮލަރަށް އަރާފައިވާކަމަށްވެސް ބުންޏެވެ.