Last Updated: June 6, 17:49
Saturday, June 6, 2026
ޚަބަރު

އިތުރު ދަރަންޏެއް ނުނަގާ ސުކޫކު ދެއްކުމުން ނަޝީދުގެ ތައުރީފް

ކުރީގެ ރައީސް މުހައްމަދު ނަޝީދު - ފޮޓޯ: މިހާރު

އިތުރު ދަރަންޏެއް ނުނަގައި، ސަރުކާރުން ސުކޫކަށް ދައްކަންޖެހޭ ފައިސާ އެއްކޮށް ދައްކައި ހަލާސް ކޮށްފައިވާތީ، ކުރީގެ ރައީސް މުހައްމަދު ނަޝީދު ތައުރީފު ކުރައްވައިފި އެވެ.

ސަރުކާރުން 2021 ވަނަ އަހަރު ބައިނަލްއަގުވާމީ މާލީ ބާޒާރުގައި ވިއްކާފައިވާ 500 މިލިއަން އެމެރިކާ ޑޮލަރުގެ ސުކޫކު ދައްކައި ހަލާސްކޮށްފައިވާ ކަމަށް ފިނޭންސް މިނިސްޓްރީން މިއަދު ވަނީ ބުނެފަ އެވެ.

އެކަމާ ގުޅިގެން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ނަޝީދު ވިދާޅުވީ އިތުރު ދަރަންޏެއް ނުނަގައި، ސަރުކާރުން ސުކޫކް ބޮންޑަށް ދައްކަންޖެހޭ ފައިސާ އެއްކޮށް ދައްކައި ހަލާސް ކުރުމަކީ އެއީ ވަރަށް އުންމީދީ އަދި ހިތްހަމަޖެހޭ ކަމެއް ކަމަށެވެ.

ފިނޭންސް މިނިސްޓްރީން މިއަދު ނެރުނު ބަޔާނެއްގައި ބުނީ 500 މިލިއަން ޑޮލަރާއި އޭގެ ފައިދާގެ ރޭޓަށްވާ 24.68 މިލިއަން ޑޮލަރާ އެކު ޖުމްލަ 524.68 މިލިއަން ޑޮލަރު ސަރުކާރުން މިއަދު ސްކޫކަށް ދައްކާފައިވާ ކަމަށެވެ.

މީގެ ސަބަބުން ޖީޑީޕީގެ ނިސްބަތުން ދައުލަތުގެ ދަރަނީގެ މިންވަރު ކުޑަވެގެންދާނެކަން ފިނޭންސް މިނިސްޓްރީން ފާހަގަކުރެ އެވެ.

މި ފައިސާ ދެއްކުމުގައި ސޮވެރިން ޑިވެލޮޕްމަންޓް ފަންޑު (އެސްޑީއެފް) އާއި ދައުލަތުގެ ރިޒާވްގައި ހުރި ފައިސާ ބޭނުންކުރި ކަމަށްވެސް މިނިސްޓްރީން ބުނެ އެވެ.

ކުރީގެ ސަރުކާރުން މި ސުކޫކު ވިއްކާފައިވަނީ އޭގެ ކުރީގެ ސަރުކާރުން ނަގާފައި 250 މިލިއަން އެމެރިކާ ޑޮލަރުގެ "ސަނީ ސައިޑް" ބޮންޑު އަދާކުރުމަށެވެ.