Last Updated: June 6, 17:49
Saturday, June 6, 2026
ޚަބަރު

މާލޭ ޓެކްސީ ލައިނުގެ ހިދުމަތް ފަށައިފި

ރައީސް ޑރ. މުޙައްމަދު މުޢިއްޒު، މާލޭ ޓެކްސީ ލައިންގެ ޚިދުމަތް އިފުތިތާހުކޮށްދެއްވައިފި އެވެ.

ހުޅުމާލޭ ސެންޓްރަލް ޕާކުގައި، މިރޭ ކުރިއަށްގެންދިޔަ އިފުތިތާހީ ރަސްމިއްޔާތުގައި، އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދުވެސް ބައިވެރިވެވަޑައިގެންނެވި އެވެ.

މާލޭ ޓެކްސީ ލައިނަކީ، މާލޭ ސަރަޙައްދަށް ކުރިމަތިވެފައިވާ ޓެކްސީގެ ދަތިކަމަށް ވަށާޖެހޭ ޙައްލެއް ހޯއްދަވައިދެއްވުމުގެ މަޤުޞަދުގައި، ރައީސްގެ އިސްނެންގެވުމުގެ މަތީން، ފަރުމާކުރެއްވި މަސައްކަތެކެވެ.

މިރެއިން ފެށިގެން 24 ގަޑިއިރު ޚިދުމަތް ލިބޭގޮތަށް ފެށި މި ޚިދުމަތުގައި ބޭނުންކުރާނީ، ތިމާވެއްޓާ ރަޙުމަތްތެރި، 150 އިލެކްޓްރޯނިކް ވެހިކަލް (އީ.ވީ) އެވެ. މީގެ ތެރޭގައި، މާލޭގެ ހަނި މަގުތަކަށް ޚާއްޞަ ކުދި ކާރާއި، ދާގީނާ އުފުލޭ ފަދަ ބޮޑެތި ކާރު ހިމެނޭހެން، ތިން ސައިޒެއްގެ ކާރު މި ޚިދުމަތުގައި ބޭނުންކުރާނެއެވެ. ޚިދުމަތަށް ޚާއްޞަ ހޮޓްލައިން، 1655 ވެސް މިރޭ ވަނީ ތައާރަފްކޮށްފަ އެވެ.

މިރޭގެ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ޚިދުމަތް ފޯރުކޮށްދޭ، މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމް.ޓީ.ސީ.ސީ) ގެ މެނޭޖިންގ ޑިރެކްޓަރ ޑީ.ސީ.ޕީ (ރޓ) އަޙްމަދު ސައުދީ ވިދާޅުވީ، މާލޭ ޓެކްސީ ލައިންގެ ޚިދުމަތަކީ، ރާއްޖޭގެ ދަތުރުފަތުރުގެ ނިޒާމަށް އިންޤިލާބީ ބަދަލެއް ގެނެސްދޭނޭ ޚިދުމަތެއްކަމުގަ އެވެ.

ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން، ދަތުރުފަތުރާއި މަދަނީ އުދުހުންތަކާ ބެހޭ ވަޒީރު، މުޙައްމަދު އަމީން ވަނީ، މި ފެށި ޚިދުމަތުގެ ސަބަބުން، މިހާރުވެސް ޓެކްސީ ޚިދުމަތް ފޯރުކޮށްދޭ ފަރާތްތަކުގެ ޚިދުމަތް ކުރިއަށްގެންދިއުމަށް އެއްވެސް ހުރަހެއް ކުރިމަތިނުވާނޭކަމުގެ ޔަޤީންކަން ދެއްވާފައެވެ. އަދި މި އަހަރުގެ ތެރޭގައި، އައްޑޫ ސިޓީގައިވެސް މި ޚިދުމަތް ތަޢާރަފުކުރައްވާނޭކަމަށް ވިދާޅުވި އެވެ.