Last Updated: June 6, 17:49
Saturday, June 6, 2026
ޚަބަރު

މި އަހަރު އައްޑޫގައި ވެސް ޓެކްސީ ލައިން ފަށަނީ

ޓްރާންސްޕޯޓު މިނިސްޓަރު މުހައްމަދު އަމީން - ފޮޓޯ: ރައީސް އޮފީސް

މި އަހަރު ތެރޭގައި އައްޑޫ ސިޓީގައި ސަރުކާރުގެ ޓެކްސީ ލައިންގެ ހިދުމަތް ފެށޭނެ ކަމަށް ދަތުރުފަތުރާއި މަދަނީ އުދުހުންތަކާއި ބެހޭ ވަޒީރު މުހައްމަދު އަމީން ވިދާޅުވެއްޖެ އެވެ.

މާލެ ޓެކްސީ ލައިންގެ ހިދުމަތް އިފްތިތާހް ކުރުމަށް މިރޭ ސެންޓްރަލް ޕާކުގައި ކުރިއަށްގެންދިޔަ ރަސްމިއްޔާތުގައި ވާހަކަދައްކަމުން އަމީން ވިދާޅުވީ ރައީސް ޑރ. މުހައްމަދު މުއިއްޒު ދެއްވާފައިވާ އިރުޝާދުގެ ދަށުން މާލެއިން ބޭރުން އައްޑޫގައި މި ހިދުމަތް ފެށުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ.

"އިރާދަކުރެއްވިއްޔާ މާލޭގައި މި އިފްތިތާހް ކުރެވުނު ފެންވަރުގައި މިކަހަލަ، ހަމަ މި ފެންވަރުގައި މިގޮތަށް ވަރަށް އަވަހަށް މި އަހަރު އައްޑޫ ސިޓީގައި ޓެކްސީ ލައިނެއް ގާއިމް ވެގެން ދާނެ،" އަމީން ވިދާޅުވި އެވެ.

އަމީން ވިދާޅުވީ ސަރުކާރުން އަބަދުވެސް ގެންދަނީ ހިދުމަތް ފޯރުކޮށްދޭ ފަރާތްތަކަށް ލުއި ފަސޭހަ، އަދި ބަދަލު ކުރެވެން ހުރި ކަންތައްތައް ބަލައި، އެކަންތައް ހައްލުކޮށްދެމުން ކަމަށެވެ. އެގޮތުން މީގެ ކުރިން ޓެކްސީ ޑްރައިވަރުންނަށް ގަވާއިދުގެ ތެރެެއިން އެއް ޓެކްސީ ސެންޓަރުގައި މަސައްކަތް ކުރެވޭ ގޮތަށް އޮތް އޮތުން، ބަދަލުކޮށް، ސަރުކާރން ވާނީ އިތުރު ޓެކްސީ ސެންޓަރުތަކުގައިވެސް ޑްރައިވަރުން މަސައްކަތް ކުރެވޭނެ އިންތިޒާމް ހަމަޖައްސައިދީފައި ކަމަށް އަމީން ވިދާޅުވި އެވެ.

މާލޭ ޓެކްސީ ލައިނަކީ، މާލޭ ސަރަޙައްދަށް ކުރިމަތިވެފައިވާ ޓެކްސީގެ ދަތިކަމަށް ވަށާޖެހޭ ޙައްލެއް ހޯއްދަވައިދެއްވުމުގެ މަޤުޞަދުގައި، ރައީސްގެ އިސްނެންގެވުމުގެ މަތީން، ފަރުމާކުރެއްވި މަސައްކަތެކެވެ.

މިރެއިން ފެށިގެން 24 ގަޑިއިރު ޚިދުމަތް ލިބޭގޮތަށް ފެށި މި ޚިދުމަތުގައި ބޭނުންކުރާނީ، ތިމާވެއްޓާ ރަޙުމަތްތެރި، 150 އިލެކްޓްރޯނިކް ވެހިކަލް (އީ.ވީ) އެވެ. މީގެ ތެރޭގައި، މާލޭގެ ހަނި މަގުތަކަށް ޚާއްޞަ ކުދި ކާރާއި، ދާގީނާ އުފުލޭ ފަދަ ބޮޑެތި ކާރު ހިމެނޭހެން، ތިން ސައިޒެއްގެ ކާރު މި ޚިދުމަތުގައި ބޭނުންކުރާނެއެވެ. މި ޚިދުމަތަށް ޚާއްޞަ ހޮޓްލައިން، 1655 ވެސް މިރޭ ވަނީ ތައާރަފްކޮށްފަ އެވެ.