Last Updated: June 6, 14:55
Saturday, June 6, 2026
ޚަބަރު

ރާއްޖެއަށް މާލީ އިތުބާރު ރައީސް ހޯއްދަވައިދެއްވައިފި

ރައީސް ޑރ. މުއިއްޒާއި، އިކޮނޮމިކް މިނިސްޓަރު މުޙައްމަދު ސައީދު -- ފޮޓޯ/ ރައީސް އޮފީސް

ރާއްޖެއަށް މާލީ އިތުބާރު ރައީސް ޑރ.މުޙައްމަދު މުޢިއްޒު ހޯއްދަވައިދެއްވާފައިވާ ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެއްޖެ އެވެ.

ސައީދު މިހެން ވިދާޅުވީ ކުރީ ސަރުކާރުން 2021 ވަނަ އަހަރު ބައިނަލްއަގުވާމީ މާލީ ބާޒާރުގައި ވިއްކާފައިވާ 500 މިލިއަން އެމެރިކާ ޑޮލަރުގެ ސުކޫކު މި ސަރުކާރުން ދައްކައި ހަލާސްކުރުމާ ގުޅިގެންނެވެ.

އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ސައީދު ވިދާޅުވީ ދިވެހި ތާރީޚުގައި ކުރިމަތިވި އެންމެބޮޑު މާލީ ނުރައްކަލުން ޤައުމު ސަލާމަތްކޮށްދެއްވައި، ޤައުމާއި ރައްޔިތުންނަށް ހަމަޖެހުމުގެ ނޭވާއެއްލާނެ ފުރުސަތު، ރައީސް މުއިއްޒު ހޯއްދަވާދެއްވާފައިވާ ކަމަށެވެ. އެގޮތުން ދުނިޔޭގެ މާލީ ބާޒާރުގައި ރާއްޖެއާމެދު އޮތް އިތުބާރު އަނބުރާ ހޯއްދަވާދެއްވާފައިވާ ކަމަށާއި އަދި މިކަމުގެ ސަބަބުން އިހުނަށް ވުރެ އިތުބާރު އިތުރުވެގެން ގޮސްފައިވާ ކަމަށެވެ.

"ނިމިދިޔަ ސަރުކާރުން ރެކޯޑް އަދަދަކަށް ޤައުމު ދަރުވާލިއިރު، އަދި ވަކީން ޚާއްސަކޮށް 2021ގައި ނެގި ރެކޯޑް ދަރަނީގެ ސުކޫކަކީ 2026އަށް ބްލެޓް ޕޭމަންޓެއް ގޮތަށް ދައްކަންޖެހޭއިރު، އެ ކަންބޮޑުވުން ވެގެން ދިޔައީ ރާއްޖޭގެ ތާރީޚުގައި ރާއްޖެ ބައްދަލުކުރި މާލީ އެންމެ ބޮޑު އިމްތިޙާނު ކަމުގައި. ނަމަވެސް، ކެތްތެރިކަން އިސްކުރައްވައި، ބަސްމަދު ކުރައްވައި، އައިހުރިހައި ގޮންޖެހުންތަކެއް اللهގެ ވާގިފުޅާއެކު ގިރާކުރައްވައި، ސުކޫކް ދެއްކިދާނެތޯ ނުވަތަނޫންތޯ އޮތް ހާސްކަމުން އަދުގެ ރައީސް ޑރ. މުހައްމަދު މުއިއްޒު އެވަނީ ޤައުމު ސަލާމަތް ކުރައްވާފައި،" ސައީދު ވިދާޅުވި އެވެ.

ސައީދު ވަނީ މި ދަރަނި އުފެއްދި ކުރީ ސަރުކާރުގެ މީހުން ބުނަމުން ދިޔައީ މިދަރަނި ނުދެއްކޭނެ ކަމަށް ކަމަށާއި ނަމަވެސް ނުވާނެކަމަށް ބުނިކަންތައް ރައްޔިތުންގެ ރައީސް ނުހަނު ޙިކްމަތްތެރިކަމާއެކު ކޮށްދެއްވާފައިވާ ކަމަށެވެ.

"މިއީ ދިވެހި ރައްޔިތުންނަށް ލިބުނު ތާރީޚީ ކާމިޔާބެއް. ޤައުމަށް ބޭނުންވަނީ ސިޔާސީ ކޯޅުން މަދު، ހަމަޖެހޭ، ހިންގުންތެރި ނިޒާމެއް،" ސައީދު ވިދާޅުވި އެވެ.

ކުރީގެ ސަރުކާރުން މި ސުކޫކު ވިއްކާފައިވަނީ އޭގެ ކުރީގެ ސަރުކާރުން ނަގާފައި 250 މިލިއަން އެމެރިކާ ޑޮލަރުގެ "ސަނީ ސައިޑް" ބޮންޑު އަދާކުރުމަށެވެ.