ސަރުކާރުން ސުކޫކަށް ދައްކަންޖެހޭ ފައިސާ އެއްކޮށް ދައްކައި ހަލާސް ކުރުމުން ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ސަރުކާރަށް ތައުރީފު ކުރައްވައިފި އެވެ.
ސަރުކާރުން 2021 ވަނަ އަހަރު ބައިނަލްއަގުވާމީ މާލީ ބާޒާރުގައި ވިއްކާފައިވާ 500 މިލިއަން އެމެރިކާ ޑޮލަރުގެ ސުކޫކު ދައްކައި ހަލާސްކޮށްފައިވާ ކަމަށް ފިނޭންސް މިނިސްޓްރީން މިއަދު ވަނީ ބުނެފަ އެވެ.
އެކަމާ ގުޅިގެން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ގާސިމް ވިދާޅުވީ މިއީ ދައުލަތުގެ މާލީ ކަންކަން ހަރުދަނާ ނިޒާމެއްގެ ތެރެއިން ބެލެހެއްޓުމާއި، އިޤްތިޞާދީ ގޮތުން އެޅުނު ދުރުވިސްނޭ ފިޔަވަޅުތަކުގެ ނަތީޖާ ކަމަށާއި އަދި މިއީ ޤައުމީ ޒިންމާތައް އަދާކުރުމުގައި މި ސަރުކާރުން ބަހައްޓާ ސާބިތުކަން ހާމަކޮށްދޭ ވަރަށް ބޮޑު ކާމިޔާބީއެއް ކަމަށެވެ.
ދުނިޔޭގެ އިޤްތިޞާދަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކުގެ ތެރޭގައިވެސް، މިފަދަ ބޮޑު ދަރަންޏެއް ދައްކާ ޚަލާޞްކުރުމަކީ، ސަރުކާރުގެ އިތުބާރާއި، ކަންކަމާ ކުރިމަތިލުމުގެ ޤާބިލުކަމާއި، ޒިންމާދާރު ލީޑަރޝިޕެއްގެ ހެއްކެއް ކަމަށާއި މިކަމުގެ ސަބަބުން އިންވެސްޓަރުންގެ މެދުގައި ރާއްޖެއަށް އޮތް އިތުބާރު ބޮޑުވެ، ބައިނަލްއަޤްވާމީ މާލީ މައިދާނުގައި ރާއްޖޭގެ މަޤާމު އިތުރަށް ވަރުގަދަވެގެންދާނެ ކަމަށްވެސް ގާސިމް ވިދާޅުވި އެވެ.
"ރައީސް މުޢިއްޒުގެ ސަރުކާރުން ހޯއްދެވި މި ކާމިޔާބީއަށްޓަކައި އަޅުގަނޑު ނުހަނު އުފާކުރަމެވެ. އަދި މި އަހަރުގެ ތެރޭގައި ދައްކަންޖެހޭ އެހެނިހެން ދަރަނިތައްވެސް ދައްކާ ޚަލާޞްކުރާނެކަމުގެ ފުރިހަމަ އިތުބާރު އެބައޮތެވެ. މިއީ މާޒީގެ ދަރަނިތަކުގެ ބުރައިން މި ލޮބުވެތި ވަޠަން ސަލާމަތްކުރުމަށް ކޮށޭ މުހިންމު މަގެކެވެ. މިފަދަ ކުރިއެރުންތަކަކީ ޤައުމުގެ މިނިވަންކަމާއި ސިޔާދަތު ރައްކާތެރިކުރުމާ އެއްފަދަ މުހިންމު ކަމެކެވެ،" ގާސިމް ވިދާޅުވި އެވެ.
ގާސިމް ވަނީ މި މުހިންމު ލަނޑުދަނޑިތައް ޙާޞިލުކުރުމުގައި، މި ސަރުކާރަށް އިޚްލާޞްތެރި އެއްބާރުލުމާއި ސާބިތު ތާއީދު އަބަދުވެސް އޮންނާނެ ކަމަށްވެސް ވިދާޅުވެފަ އެވެ.