ހިތުގެ ބަލިތަކަށް ބޭނުންވާ މުހިއްމު ފަރުވާތަކެއް އައްޑޫ ސިޓީގައި ފަށައިފި އެވެ.
މާލޭ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ސީއީއޯ އިބްރާހީމް އަބްދުއްރައްޒާގު ހަލީމް ވިދާޅުވީ އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލާއި ނެޝަނަލް ކާޑިއެކް ސެންޓަރު ގުޅިގެން މިދިޔަ މާޗު 31 އިން އޭޕްރީލް 2 އަށް ކުރިއަށްގެންދިޔަ ދަތުރަކީ، ރާއްޖޭގެ ދެކުނުގެ ސިއްޙީ ދާއިރާގައި، ވަކިން ހާއްސަކޮށް ހިތުގެ ބަލިތަކަށް ފަރުވާދިނުމުގެ ތާރީޚުގައި ހޯދުނު ފާހަގަކޮށްލެވޭ ފަޚުރުވެރި ކާމިޔާބީއެއް ކަމަށެވެ.
މި ތާރީޚީ ދަތުރުގެ ތެރެއިން، މާލޭގެ ބޭރުން ފުރަތަމަ ފަހަރަށް "ޕްރައިމަރީ ޕީސީއައި" ނުވަތަ ހާޓް އެޓޭކް ޖެހޭ މީހުންނަށް ދެވޭ އަވަސް ފަރުވާގެ ޚިދުމަތް އައްޑޫގައި ކާމިޔާބުކަމާއެކު ފަށާފައިވާ ކަމަށް ހަލީމް ވިދާޅުވި އެވެ. އަދި ހިތުގެ މައްސަލަތަކަށް ބޭނުންވާ "އައިސީޑީ" އާއި "ޕާމަނަންޓް ޕޭސްމޭކާ" ހަރުކުރުމުގެ ޚިދުމަތްވެސް ތަޢާރަފުކޮށްފައިވާ ކަމަށް ހަލީމް ވިދާޅުވި އެވެ.
މިގޮތުން ޖުމްލަ 11 އެންޖިއޯގްރާމް އާއި 6 އެންޖިއޯޕްލާސްޓީ ހަދައި، ފުރާނަ ސަލާމަތްކުރުމަށް ބޭނުންވާ މުހިންމު ފަރުވާތައް ފޯރުކޮށްދީފައިވާ ކަމަށް ހަލީމް ވިދާޅުވި އެވެ.
ހަލީމް ވަނީ ސިއްޙީ ޚިދުމަތް ލާމަރުކަޒީކޮށް، ރައްޔިތުންނާ ވީހާވެސް ގާތުން ފެންވަރު ރަނގަޅު ފަރުވާ ފޯރުކޮށްދިނުމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ގެންގުޅުއްވާ ހަރުދަނާ ސިޔާސަތުގެ ދަށުން އެޅުނު މި މުހިންމު ފިޔަވަޅާއެކު، ފަރުވާ ހޯދުމަށް މާލެއަށް ނުވަތަ ރާއްޖޭން ބޭރަށް ކުރަންޖެހޭ ދަތުރުތައް މަދުވެ، ހިތުގެ ބަލިތަކަށް ބޭނުންވާ އަވަސް ފަރުވާގެ ޔަގީންކަން ދެކުނުގެ ރައްޔިތުންނަށް ލިބިގެން ގޮސްފައިވާ ކަމަށްވެސް ވިދާޅުވެފަ އެވެ.