މޯލްޑިވްސް އެއ-ޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) މެރިޓް އެވޯޑް 2025, ސެންޓަ ފޮ ހަޔާ ސެކަންޑްރީ އެޑިއުކޭޝަން(ސީއެޗްއެސްއީ)ގެ ހަތަރު ދަރިވަރަކަށް ދީފިއެވެ.
އެމްއޭސީއެލް މެރިޓް އެވޯޑަކީ ދަރިވަރުންނަށް ކިޔެވުމަށް ހިތްވަރުދީ, ގައުމަށްބޭނުންވާ ހުނަރުވެރި ޒުވާނުން އުފެއްދުމަށް މި ކުންފުނީގެ އިޖުތިމާއީ ޒިންމާގެ ދަށުން ދެމުންދާ އެވޯޑެކެވެ. އެގޮތުން މިދިޔަ ދެ އަހަރުވެސް މި އެވޯޑް ވަނީ ދީފައެވެ.
މި އެވޯޑް ދެނީ ސީއެޗްއެސްއީގެ ގްރޭޑް 11 ނިންމާ ދަރިވަރުންގެ ތެރެއިން އެންމެރަނގަޅު ނަތީޖާ ހޯދާ އަންހެން ދެ ދަރިވަރަކަށް އަދި ފިރިހެން ދެ ދަރިވަރަކަށެވެ. މިދަރިވަރުން ހޮވަނީ ސީއެޗްއެސްއީންނެވެ.
ސީއެޗްއެސްއީގައި ބޭއްވި ހާއްސަ އެސެމްބްލީއެއްގައި މި އެވޯޑް ލިބުނު ހަތަރުދަރިވަރުންނަށް އެވޯޑް ހަވާލުކޮށްދެއްވީ މި ކުންފުނީގެ ޖެނެރަލް މެނޭޖަރު އަލީ ހުޒެއިމެވެ.
މި އަހަރުގެ އެވޯޑް ހާސިލުކުރި ދަރިވަރުންނަކީ:
– އަޒުވަދު ޒާހިދު ޙަމީދު
– އީޒާން ޢަލީ
– ހަމްދާ އަޙްމަދު ޝިހާމް
– ޢާއިޝަތު ނައުރީން ޙަމްދީ
މި ދަރިވަރުންނަށް މި ކުންފުނީގެ ފަރާތުން ލެޕްޓޮޕަކާއި ވައި-ފައި ޑިވައިސްއެއްގެއިތުރުން އެއް އަހަރު ދުވަހުގެ މުއްދަތަށް ޑޭޓާ ޕެކޭޖާއި އެއް އަހަރު ދުވަހުގެ މުއްދަތަށް ކޮންމެ މަހަކު ފައިސާގެ އެލަވެންސެއް ދޭނެއެވެ.
އެމްއޭސީއެލް މެރިޓް އެވޯޑުގެ އިތުރުން 2023 ވަނަ އަހަރުން ފެށިގެން މި ކުންފުނިން ދަނީ ސީއެޗްއެސްއީގެ ބެސްޓް އޯލް ރައުންޑް ދަރިވަރުންނަށް ފައިސާގެ އިނާމުވެސްދެމުންނެވެ. އަދި މި ކުންފުނީގެ އިޖުތިމާއީ ޒިންމާގެ ދަށުން ރާއްޖޭގެ އެކިސްކޫލްތަކަށް ވަސީލަތްތަކާއި އެހެނިހެން އެހީތެރިކަން ދަނީ ފޯރުކޮށްދެމުންނެވެ.