Last Updated: June 5, 06:06
Friday, June 5, 2026
މުނިފޫހިފިލުވުން

އަހާންގެ 2 ވަނަ ފިލްމުގެ ޝޫޓިން ފަށައިފި

މިދިޔަ އަހަރު "ސައްޔާރާ" އިން ބޮލީވުޑަށް ތައާރަފުވި އަހާން ޕާންޑޭގެ ދެވަނަ ފިލްމުގެ ޝޫޓިން ފަށައިފި އެވެ.

މި ވާހަކަ ޑައިރެކްޓަރު އަލީ އައްބާސް ޒަފަރު ވަނީ ސޯޝަލް މީޑިއާގައި ވެސް ހިއްސާކޮށްފަ އެވެ. ރިޕޯޓްތައް ބުނާ ގޮތުން މި އެކްޝަން ތުރިލާގެ ނަމަކީ "ފިއާ" އެވެ. ނަމަވެސް އެކަން ކަށަވަރުކޮށް ނުދީ އަލީގެ ޕޯސްޓްގައި ހިމަނާފައިވާ ފޮޓޯތަކުގައި މި ޕްރޮޖެކްޓް ސިފަކޮށްފައި ވަނީ ޔާޝްރާޖް ފިލްމްސް (ވައިއާރްއެފް) ގެ 79 ވަނަ ޕްރޮޑަކްޝަންގެ ގޮތުގަ އެވެ.

އެއީ "ސައްޔާރާ" ވެސް ގެނެސްދިން ސްޓޫޑިއޯ އެވެ.

ރިޕޯޓްތައް ބުނާ ގޮތުން އަހާންގެ ދެވަނަ ފިލްމު "ފިއާ" ގެ ބަތަލާ އަކީ ޝަރްވާރީ ވާގް އެވެ. އަދި މީގެ ކާސްޓްގައި ބޮބީ ޑިއޯލް އާއި އާއިޝްވަރީ ތާކްރީ ވެސް ހިމެނެ އެވެ. ނަމަވެސް އެކަން ވެސް އަދި ފިލްމުގެ ޓީމުން ކަށަވަރުކޮށެއް ނުދެ އެވެ.

އަލީ އަކީ ވައިއާރްއެފްގެ "ޓައިގާ ޒިންދާ ހޭ" އާއި "ސުލްތާން" ފަދަ ކާމިޔާބު ފިލްމުތަކެއް ގެނެސްދިން ޑައިރެކްޓަރެވެ. އޭނަގެ ފަހުގެ ފިލްމަކީ ޕްރޮޑިއުސަރު ވާޝޫ ބަގްނާނީގެ ޕޫޖާ އެންޓަޓައިންމަންޓްގެ 2024 ގެ "ބަޅޭ މިއާ، ޗޯޓޭ މިއާ" އެވެ.