Last Updated: June 5, 11:07
Friday, June 5, 2026
ޚަބަރު

ދުނިޔޭގެ ފަންނުވެރިންގެ ސަމިޓެއް ރާއްޖޭގައި

ދުނިޔޭގެ ފެންވަރުގައި ފާހަގަކޮށްލެވޭ އުފެއްދުންތެރި ފަންނުވެރިންނާއި ކޮންޓެންޓް ކްރިއޭޓަރުން ބައިވެރިވާ ސަމިޓެއް ރާއްޖޭގައި ބާއްވަން ތައްޔާރުވެއްޖެ އެވެ.

ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަން (ވީއެމްސީ) އިން އިންތިޒާމުކޮށްގެން "ވޯލްޑް ކްރިއޭޓަ ސަމިޓް އެންޑް ވޯލްޑް ކްރިއޭޓާ އެވޯޑްސް ޕަވަޑް ބައި ކްރިއެޓޯލް" ގެ ނަމުގައި ބާއްވާ އޮންނާނީ މި އަހަރުގެ ސެޕްޓެމްބަރު މަހުގެ 20-25 އަށެވެ.

މިއީ ވީއެމްސީ އާއި ދުނިޔޭގެ ޓޫރިޒަމް އެންމެ ނުފޫޒުގަދަ އެއް އެވޯޑް ކަމަށްވާ "ވޯލްޑް ޓްރެވަލް އެވޯޑްސް" ގެ އިންތިޒާމް ކުރާ ފަރާތްތަކާ ގުޅިގެން ކުރިއަށް ގެންދާ ބައިނަލްއަޤުވާމީ ހަރަކާތެކެވެ.

މިކަމާ ގުޅޭ އެއްބަސްވުމުގައި ސޮއިކުރީ އިއްޔެ އެވެ.

އެއްބަސްވުމުގައި ވީއެމްސީގެ ފަރާތުން ސޮއި ކުރެއްވީ ސީއީއޯ/މެނޭޖިން ޑިރެކްޓަރު އިބްރާހީމް ޝިއުރީ އެވެ. ވޯލްޑް ޓްރެވަލް އެވޯޑްސްގެ ފަރާތުން ސޮއި ކުރެއްވީ، އެގްޒެކެޓިވް ވައިސް ޕްރެޒިޑެންޓް ޖަސްޓިން ކޫކް އެވެ.

ވީއެމްސީން ބުނީ މި ސަމިޓްގެ މައިގަނޑު މަޤުސަދަކީ ޓޫރިޒަމް ދާއިރާގައި ފަންނުވެރިންގެ ދައުރު މިހާރަށް ވުރެ ފުޅާކުރުން ކަމަށެވެ. މީގެ އިތުރުން، ރާއްޖޭގެ ޤުދުރަތީ ރީތިކަމާއި، މުއްސަނދި ސަޤާފަތާއި އާދަކާދަތައް، އުފެއްދުންތެރި އަދި ޒަމާނީ ގޮތެއްގައި ދުނިޔޭގެ ބާޒާރުގައި އިޝްތިހާރު ކުރުމަކީ ވެސް މީގެ މުހިންމު އަމާޒެއް ކަމަށް ބުންޏެވެ.

މި ހަރަކާތުގެ ފުރަތަމަ އެޑިޝަނުގައި ދުނިޔޭގެ އެކި ކަންކޮޅުތަކުން ފާހަގަކޮށްލެވޭ 50 ކްރިއޭޓަރުން ބައިވެރިވާނެ އެވެ. އޭގެ ތެރޭގައި އިންޑިއާ، ޗައިނާ، އިނގިރޭސިވިލާތް، ރަޝިއާ، ފްރާންސް، ޖަރުމަނު އަދި އިޓަލީ ފަދަ ޤައުމުތަކުގެ ކްރިއޭޓަރުން ހިމެނޭނެ އެވެ.