މޭޔަރު ކަމަށް ކުރިމަތިލީ އައްޑޫ ސިޓީ އައު ހަރުފަތަކަށް ގެންގޮސްދިނުމަށް ކަމަށް އައްޑޫގެ ޕީއެންސީގެ މޭޔަރު ކެންޑިޑޭޓު މުޝްރިފު އަލީ ވިދާޅުވެއްޖެ އެވެ.
ސޯޝަލް މީޑިއާގައި އާންމުކުރި ޕޯސްޓެއްގައި މުޝްރިފް ވިދާޅުވީ މާދަމާ ނަގާ ވޯޓަކީ ކުރިއަށް އޮތް ފަސް އަހަރު އައްޑޫގެ ކުރިމަގު ބައްޓަންކޮށް ކުރިއަށް ގެންދާނެ ގޮތް ކަނޑައަޅާނެ ދުވަސް ކަމަށާއި އައްޑޫ ރައްޔިތުން އަބަދުވެސް ކަންކަން ނިންމާއިރު ބަލާނީ ތާރީހަށް ކަމަށެވެ. އެގޮތުން އައްޑޫ ރައްޔިތުން ކަންކަން ނިންމާނީ ތާރީހުގައި ކަންކަން ވެފައި ހުރި ގޮތަށް ބަލައި، އޭގެ ސަބަބުން ލިބުނީ ފައިދާތޯ ނުވަތަ ގެއްލުންތޯ މިނެކިރުމަށްފަހު ކަމަށް މުޝްރިފް ވިދާޅުވި އެވެ.
"އައްޑޫގެ މޭޔަރު ކަމަށް ކުރިމަތިލީ އައްޑޫގައި ހުރި މައްސަލަތައް ހައްލު ހޯދައިދީ، އައްޑޫ އައު ހަރުފަތަކަށް ގެންގޮސް، އައްޑޫގެ ރައްޔިތުންގެ މޫނުމައްޗަށް އުފާވެރިކަން ގެނެސްދޭނެ ވަރަށް ވަރުގަދަ ތަސައްވުރަކާއެކު،" މުޝްރިފް ވިދާޅުވި އެވެ.
މުޝްރިފް ވިދާޅުވީ އެ ތަސައްވުރަކީ "ދަ ގްރޭޓާ އައްޑޫ" ކަމަށާއި އެ ތަސައްވުރަށް އައްޑޫ ގެންގޮސްދޭނެ ގާބިލުކަމާއި ހުނަރު އޭނާގެ ގައިގައި އެބަހުރި ކަމަށްވެސް މުޝްރިފް ވިދާޅުވި އެވެ. އަދި މާދަމާގެ ވޯޓުގައި އޭނާއަށް ވޯޓުދީ ވޯޓު ފޮށިތައް ފުރާލުމަށް ކަމަށްވެސް މުޝްރިފް ވަނީ ގޮވާލާފަ އެވެ.
ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބަށް އައްޑޫ ސިޓީން ޕީއެންސީގެ ޓިކެޓްގައި ވާދަކުރާ ކެންޑިޑޭޓުންގެ ކެމްޕޭން ކުރަމުން އަންނަނީ "ގްރޭޓާ އައްޑޫ" ގެ ޝިއާރުގެ ދަށުންނެވެ.