Last Updated: June 4, 23:58
Thursday, June 4, 2026
ރިޕޯޓް

އުފާވެރިކަމުގެ ސިއްރު ހޯދަންވީ އަމިއްލަ ހިތުގެ ތެރެއިން!

ޖުހާ އަކީ ހަމައެކަނި މަޖާ ވާހަކަ ދައްކާ މީހެއް ނޫންކަމާއި، އޭނާއަކީ ހިކުމަތްތެރި ބުއްދިވެރިއެއްކަން މީސްތަކުންނަށް ސާބިތުކޮށް ދިނުމަށް ޤަޞްދުކުރި އެވެ.

އެއް ދުވަހަކު، އަޞްރު ނަމާދުން ފައިބައިގެން ބާޒާރުމަތީގައި ވަރަށް މުހިންމު ފިލާވަޅެއް ނަގައިދޭނެ ކަމަށް އޭނާ ރަށުތެރޭގައި އިޢުލާންކުރި އެވެ. މިކަމާ ގުޅިގެން، ކަން ހިނގާ ގޮތް ބަލާލުމުގެ ޝައުގުވެރިކަމުގައި ގިނަ ބަޔަކު އެތަނަށް އެއްވި އެވެ. އޭގެ ތެރޭގައި އޭނާ ދައްކާ ވާހަކަ އަޑުއަހަން ބޭނުންވި މީހުންނާއި، އޭނާގެ ޙަރަކާތްތަކަށް ހޭން ބޭނުންވި މީހުންނާއި، އަދި މި ފަހަރު ޖުހާ ކުރަން އުޅޭ ކަމެއް ބަލަން އައި މީހުން ހިމެނެ އެވެ.

ޖުހާ، މިންބަރެއްގެ ބަދަލުގައި ލަކުޑި ފޮށްޓެއްގެ މައްޗަށް އަރައި، އެއްވެފައިވާ މީހުންނަށް ބަލާލުމަށް ފަހު ބާރު އަޑުން ބުންޏެވެ. އޭ ރަށުގެ އަހުލުވެރިންނޭވެ! އުފާވެރިކަމުގެ ސިއްރަކީ ކޮބައިކަން ބަލަން ބޭނުން ވަނީ ތިޔައިގެ ތެރެއިން ކިތައް މީހުން ހެއްޔެވެ؟ ދެން އެތަނަށް އެއްވެ ތިބި ހުރިހާ އެންމެންހެން އަތް މައްޗަށް އުފުލައި "އަހަރެމެން… އަހަރެމެން!" ކިޔައި ހަޅޭއްލަވަން ފެށި އެވެ. ޖުހާ ހިނިތުންވެލުމަށް ފަހު ބުންޏެވެ. މިހާރު ތިޔަ ތިބީ އެކަން އެނގެން ބޭނުންވެފަ އެވެ.

ނަމަވެސް އެކަމުގެ އަގު އަދާކުރަން ތައްޔާރަށް ތިބީ ތިޔައިގެ ތެރެއިން ކިތައް މީހުން ހެއްޔެވެ؟ އެހިނދު ގިނަ މީހުން ވަގުތުން އަތް ތިރިކުރިއެވެ. އަތް އުފުލައިގެން ތިބީ މަދު ބަޔެކެވެ. ޖުހާ ބޯ ހޫރާލުމަށް ފަހު ބުންޏެވެ. ތިޔައީ ވަރަށް ޢަޖާއިބު ބައެކެވެ. ތިޔަބައިމީހުން އުފާވެރިކަން ބޭނުންވެއެވެ. އެކަމަކު އޭގެ އަގު އަދާކުރާކަށް ބޭނުމެއް ނުވެއެވެ! ދެން އޭނާގެ ޖީބުން ކުޑަ ކޮތަޅެއް ނެގުމަށް ފަހު ބުންޏެވެ. މި ކޮތަޅުގައި އެވަނީ އުފާވެރިކަމުގެ ސިއްރެވެ. މިއީ އަހަންނަށް ފުރިހަމައަށް އިތުބާރުކުރާ މީހަކަށް ނޫނީ ދޭނެ އެއްޗެއް ނޫނެވެ.

މީސްތަކުން ދެލޯ ބޮޑުކޮށް ފަސްޖެހިފައި ތިއްބާ، ފަޤީރުކަމަށް މަޝްހޫރުވެފައިވާ އާދައިގެ މީހަކު ކުރިއަށް ޖެހިލާފައި ބުންޏެވެ. ޖުހާއެވެ! އަހަރެން ކަލެއަށް އިތުބާރު ކުރަމެވެ. ޖުހާ އެ މީހާއަށް ކޮތަޅު ދިނުމަށް ފަހު، އެންމެންގެ ކުރިމަތީގައި އެ ހުޅުވުމަށް އެދުނެވެ. އެ މީހާ ކޮތަޅު ހުޅުވާލިއިރު، އޭގެ ތެރޭގައި އެއްވެސް އެއްޗެއް ނެތެވެ! އެއީ ހުސް ކޮތަޅެކެވެ. އެތަނަށް އެއްވެ ތިބި މީހުންގެ ހުނުމުގެ އަޑު ގަދަވެގެން ދިޔަ އެވެ. ބައެއް މީހުން ބުންޏެވެ.

"ޖުހާއެވެ! ކަލޭ އޭނާއަށް އޮޅުވާލައިފީމު އެވެ. ޖުހާ ވަރަށް މަޑުމައިތިރިކަމާއެކު ބުންޏެވެ. ނޫނެކެވެ. އަހަރެން އޭނާއަކަށް އޮޅުވައެއް ނުލަމެވެ. އަދި ކިއެއްތަ، އޭނާއަށް އެ ސިއްރު ޙަޤީޤަތުގައި ވެސް ދީފީމެވެ. އުފާވެރި ކަމަކީ ކޮތަޅަކަށް ލެވޭނެ އެއްޗެއް ނޫނެވެ. އަދި ބާޒާރުން ގަންނަން ލިބޭނެ އެއްޗެއް ވެސް ނޫނެވެ. އުފާވެރި ކަމަކީ އިތުބާރާއި، ރުހުމާއި، އަދި އެހެން މީހުން ފަސްޖެހޭ ހިނދު ކުރިއަށް ފިޔަވަޅު އެޅުމުގެ ހިތްވަރެވެ.

ދެން އޭނާ ފޮށިމަތިން ފައިބައިގެން ހިނގައިގަތެވެ. އެތަނަށް އެއްވި މީހުންނަށް އޭނާ އެ ދޫކޮށްލީ މީގެ ކުރިން ދުވަހަކު ވެސް އެމީހުންގެ ތެރޭގައި ނެތް ފަދަ ހިމޭން ކަމެއްގެ ތެރެއަށެވެ. އޭގެ ފަހުން، މީހަކު ޖުހާއާ އުފާވެރިކަމުގެ ސިއްރާ ބެހޭ ގޮތުން ސުވާލުކޮށްފި ނަމަ، އޭނާ ހިނިތުންވެލާފައި ބުނެ އެވެ. އެ ސިއްރު ހޯދަންވީ ތިމާގެ އަމިއްލަ ހިތުގެ ތެރެއިންނެވެ. އެހެން މީހުންގެ ކޮތަޅުތަކުގެ ތެރެއަކުން ނޫނެވެ."

ނޯޓް: މިއީ ޝައިހް މޫސާ އަންވަރު ހަސަންގެ ލިޔުއްވުމެކެވެ.