މި ސަރުކާރުން ހުސް ވާހަކައެއް ނުދައްކާނެ ކަމަށާއި ނަތީޖާ މިދަނީ ދައްކަމުން ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
މާދަމާ ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލް އިންތިހާބުގެ ކެމްޕޭން ނިންމާލުމަށް ބޭއްވި ރެލީގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ ރީ ސަރުކާރުން 2021 ވަނަ އަހަރު ބައިނަލްއަގުވާމީ މާލީ ބާޒާރުގައި ވިއްކާފައިވާ 500 މިލިއަން އެމެރިކާ ޑޮލަރުގެ ސުކޫކު މި ސަރުކާރުން އިއްޔެ ދެއްކީ ދިވެހި މާލިއްޔާގެ އަމިއްލަ ބާރުވެރިކަމުގައި ކަމަށާއި މި ސަރުކާރުން ވާހަކަ ދައްކާނީ ނަތީޖާއިން ކަމަށެވެ.
"އަޅުގަނޑުމެން ވާހަކަ ދައްކާނީ ނަތީޖާއިންނޭ. އަޅުގަނޑު ރައްޔިތުންގެ ގާތަށް ދަނީ ވެސް ނަތީޖާއާ އެކީގައި. މި ސަރުކާރަކުން ހުސް ވާހަކައެއް ނުދައްކާނެ. ކޮންމެ ކަމެއް ވެސް ކުރަމުންދަނީ ނަތީޖާއިން. އިރާދަކުރެއްވީތީ މިއޮތީ ނަތީޖާ ދައްކާފައި،" ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ ގައުމު ދަރަނީގެ ތުންފަތްމަތީގައި އޮއްވާ ލިބުނު ނަތީޖާއަކީ އެންމެން ގުޅިގެން ކުރެވުނު އިހުލާސްތެރި ގައުމީ މަސައްކަތުން ލިބުނު ނަތީޖާއެއް ކަމަށެވެ. ސުކޫކު ދެއްކުމުގެ އިތުރަށް ދިވެހިންގެ ހަރުމުދާތަކެއް ވެސް މިނިވަންވެފައިވާ ކަމަށާއި ކުރީ ސަރުކާރުން ވެރިކަން ނިންމާލާފައި ދިޔައީ ގައުމަށް ވާނެ ގޮތެއް ވާން ދޫކޮށްލާފައި ކަމަށްވެސް ރައީސް ވިދާޅުވި އެވެ.
"އަޅުގަނޑުމެން މި ކަންކަން މިކޮށް ނިންމީ އިތުރު އެއްވެސް ބޮޑު ދަރަންޏެއް، ރައްޔިތުންގެ ބޮލުގައި ދަރަނިވެރިވާ ކަހަލަ އެއްވެސް ދަރަންޏެއް ނާޅުވާ މިކަންކޮށް މި ނިންމީ،" ރައީސް ވިދާޅުވި އެވެ.
މާދަމާގެ ވޯޓަށް ސަރުކާރުން ދަނީ އިހުލާސްތެރި މަސައްކަތުގެ ނަތީޖާއާއެކު ކަމަށާއި އެ ވޯޓުގައި ގައުމީ ވިސްނުމުގައި ޕީއެންސީއާއެކު ކުރިއަށް ދިޔުމަށް ރައީސް ވަނީ އެދިވަޑައިގެންފަ އެވެ.