މާދަމާ ބާއްވާ އިންތިހާބުތަކުގައި ޕީއެންސީއަށް ވޯޓުދީގެން ރައްޔިތުން މާޔޫސްނުވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
މާދަމާ ބޭއްވުމަށް ހަމަޖެހިފައިވާ އިންތިހާބުތަކުގެ ކެމްޕޭން ނިންމާލުމަށް ބޭއްވި ރެލީގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ ރައްޔިތުން އިތުބާރުކޮށް ޕީއެންސީއަށް ދޭ ވޯޓު ވެގެންދާނީ ރައްޔިތުން ފަހުރުވެރިވާނެ ވޯޓަކަށް ކަމަށާއި އޭގެ ނަތީޖާ ނެރެދޭނެ ވޯޓަކަށް ކަމަށެވެ.
"ރައްޔިތުންގެ ތެރެއިން އެއްވެސް ބޭފުޅަކު މާޔޫސްވެގެންދާނެ ވޯޓަކަށް އެ ވޯޓު ނުވާނެ،" ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ ކައުންސިލްތަކަކީ ތިންބާރު ވަކިވެފައި އޮންނަ ނިޒާމުގެ ތެރޭގައި ވެރިކަން ހިންގުމުގެ ބާރުގެ ތެރޭގައި ހިމެނޭ ފަށަލައެއް ކަމަށާއި މިހާ ތިލަކޮށް އޮތްކަމެއް ވެސް ބުނެދޭންޖެހެނީ ރައްޔިތުންނަށް އެއްވެސް އެއްޗެއް ހުށަނޭޅޭ ފަރާތްތަކުން ސިޔާސީ ބޭނުމަށްޓަކާ ދޮގު ހަދައި އޮޅުވާލަމުންދާތީ ކަމަށެވެ. އެގޮތުން ކައުންސިލްތަކަކީ ސަރުކާރާއި ގުޅިގެން ރައްޔިތުންނަށް ހިދުމަތް ކުރަން ތިބޭ ބައެއް ކަމަށާއި ނަމަވެސް ކޯޅުމަަކަށް އެކަން ބަދަލުވެއްޖެނަމަ އެކަމުގެ ސަބަބުން ގެއްލުން ވާނީ ރައްޔިތުންނަށް ކަމަށްވެސް ރައީސް ވިދާޅުވި އެވެ.
ރައީސް ވަނީ ގައުމީ ވިސްނުން އިސްކުރަން ޖެހެނީ އެހެންވެ ކަމަށާއި މަޝްރޫއުތައް ލަސްވެ ދުވަސްތައް ބޭކާރުވެގެންދާން ސަރުކާރުން އަދި ގައުމީ ވިސްނުމުގެ އެއްވެސް މީހަކު ބޭނުން ނުވާނެ ކަމަށްވެސް ވިދާޅުވި އެވެ. އެމަނިކުފާނު ބޭނުންވަނީ ވަރަށް ގައުމީ ވިސްނުމުގައި މަސައްކަތް ކުރާނެ ކައުންސިލްތަކެއް ކަމަށާއި އަދި ދެ އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމުގެ އިންތިހާބުގައި ވެސް ގައުމީ ވިސްނުން އިސްކުރުމަށް ރައީސް އެދިވަޑައިގެންނެވި އެވެ.